Roadha Mihaaru
އޭޓީއެމުން ޖަމާކުރެވޭ އަދި ނެގޭ އަދަދު އިތުރުކުރަނީ

ބީއެމްއެލް އޭޓީއެމުން ފައިސާ ޖަމާކުރެވޭ އަދި ނެގޭ އަދަދު އިތުރުކުރަނީ

28 ފެބުރުއަރީ 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެމްތަކުން އަމިއްލަ ފަރުދުންނަށް ދުވާލަކު ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެމްތަކުން އަމިއްލަ ފަރުދުންނަށް ދުވާލަކު ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.

ގައުމީ ބޭންކުން ބުނީ، މި ބަދަލު ގެނައީ އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން، އަމިއްލަ މީހުންގެ އެކައުންޓްތަކުން ދުވާލަކަށް 25،000ރ. ނެގޭއިރު، 50،000ރ. ޖަމާ ކުރެވޭނެ އެވެ.

މިހާރު އޭޓީއެމް މެދުވެރިކޮށް އާންމުންނަށް ނެގެނީ ދުވާލަކަށް 10،000ރ. އެވެ. އަދި ޖަމާ ކުރެވެނީ 25،000ރ. އެވެ.

މިއާ އެކު ޑޮލަރުގެ މުއާމަލާތްތަކަށް ވެސް ބަދަލު އަންނާނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން އޭޓީއެމް އިން ދުވާލަކަށް 1،600 ޑޮލަރު ނެގޭއިރު، 3،200 ޑޮލަރު ޖަމާކުރެވޭނެ އެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާ އެކު މާދަމާއިން ފެށިގެން، މާލޭގެ ބްރާންޗްތަކަށް ނުވަތަ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ރަށެއްގެ ބްރާންޗަކަށް ގޮސްގެން 25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ނުލިބޭ ބްރާންޗްތަކުން ޖަމާކުރާއިރު، އެ ފީއެއް ނުނަގާނެ އެވެ.

މިދިޔަ އަހަރަށް ބަލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ހިންގާފައިވެ އެވެ. މި ބަދަލުތަކާ އެކު މި އަހަރު މި އަދަދު ވަރަށް ބޮޑުތަން ކުރި އަރާނެ ކަމަށް ބީއެމްއެލް އިން ވަނީ ލަފާކޮށްފަ އެވެ.

އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗްތަކުން ހިދުމަތް ހޯދަން ދާ އުމުރުން ދުވަސްވީ މީހުންގެ އަތުން، މި ބަދަލުތަކާ އެކު ވެސް، އެއްވެސް ފީއެއް ނުނަގާނެ އެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.