Roadha Mihaaru
ކެވިން ސްޕޭސީ ފައުންޑޭޝަންގެ އިނގިރޭސި ގޮފި ބަންދު

ކެވިން ސްޕޭސީ ފައުންޑޭޝަންގެ އިނގިރޭސި ގޮފި ބަންދު

28 ފެބުރުއަރީ 2018

އިނގިރޭސިވިލާތާއި އެމެރިކާގެ ޒުވާނުންނަށް ޕާފޯމިން އާޓްސް ދާއިރާ އިން ކުރިއަށްދާން ފުރުސަތު ހޯދައިދޭން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ 2008 ގައި އުފެއްދި ކެވިން ސްޕޭސީ ފައުންޑޭޝަން (ކޭއެސްއެފް) ގެ އިނގިރޭސި ބްރާންޗް ފެބްރުއަރީ މަހުގެ 28 އިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތާއި އެމެރިކާގެ ޒުވާނުންނަށް ޕާފޯމިން އާޓްސް ދާއިރާ އިން ކުރިއަށްދާން ފުރުސަތު ހޯދައިދޭން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ 2008 ގައި އުފެއްދި ކެވިން ސްޕޭސީ ފައުންޑޭޝަން (ކޭއެސްއެފް) ގެ އިނގިރޭސި ބްރާންޗް ފެބްރުއަރީ މަހުގެ 28 އިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ފެބްރުއަރީ މަހުގެ ފަހަކުން ކޭއެސްއެފްގެ އެއްވެސް މަސައްކަތެއް އިނގިރޭސިވިލާތުގައި ކުރިއަށް ނުދާނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފައުންޑޭޝަން ހިންގުމުގައި އިސްކޮށް އުޅުނު ޑްރާމާ ޓީޗަރު ސްޓީވެން ޖެކްސަން-ވިންޓާ ވެސް ވަނީ މިދިޔަ ނޮވެމްބަރުގެ ތެރޭގައި ފައުންޑޭޝަން ދޫކޮށްލައިފަ އެވެ.

ކޭއެސްއެފް އުފެއްދިތާ ނުވަ އަހަރު ފަހުން މިފަދަ ނިންމުމެއް ނިންމާފައި ވަނީ ސްޕޭސީގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތައް މިހާރު ތަހުގީގު ވެސް ކުރަމުން ދަނިކޮށެވެ.

ދެ ފަހަރަށް އޮސްކާ ވެސް ހާސިލްކޮށްފައިވާ 58 އަހަރުގެ އެކްޓަރުގެ ބޮލުގައި އެޅުނު ޖިންސީ ތުހުމަތުތަކާ އެކު، އޭނާގެ ފިލްމީ ކެރިއަރު ވެސް މިހާރު ވަނީ "ނިމުމަކަށް" އައިސްފަ އެވެ. އެގޮތުން ސްޕޭސީ މުހިއްމު ރޯލެއް ކުޅެމުން ދިޔަ ނެޓްފްލިކްސްގެ "ހައުސް އޮފް ކާޑްސް" އިން ވެސް އޭނާ ވަކިކޮށްފައިވާ އިރު، ހުނަރުވެރި އެކްޓަރު މަސައްކަތް ފަށާފައި ހުރި ފިލްމްތަކުން ވެސް ވަކިކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ރިޑްލީ ސްކޮޓް މިދިޔަ ޑިސެމްބަރު ގެނެސް ދިން "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ.

އެ ފިލްމްގެ މަސައްކަތް ސްޕޭސީ ނިންމައި، އޭގެ ޓްރެއިލާ ވެސް އާންމުކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކާ އެކު، ރިޑްލީ ފިިލްމް ބެލުންތެރިންނަށް ގެނެސް ދިނީ ސްޕޭސީ ކުޅުނު ރޯލް ފިލްމުން އުނިކޮށް، އެ ރޯލް ކްރިސްޓޯފާ ޕްލަމާ ލައްވައި ކުޅުވައިގެންނެވެ.

ސްޕޭސީ: "ހައުސް އޮފް ކާޑްސް" އިން ވަނީ އޭނާ ވަކިކޮށްފައި.

ސްޕޭސީ: "ހައުސް އޮފް ކާޑްސް" އިން ވަނީ އޭނާ ވަކިކޮށްފައި.

ކޭއެސްއެފްގެ އިނގިރޭސި ގޮފި ބަންދު ކުރަން ނިންމައި ނެރުނު ބަޔާނުގައި ވަނީ އެ ފައުންޑޭޝަނާ އެކު ފާއިތުވި މުއްދަތުގެ ތެރޭގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. ފައުންޑޭޝަންގެ އިނގިރޭސި ގޮފީގައި ބަންދު ބޯޑް އެޅުވި ނަމަވެސް އެމެރިކާ ގޮފީގެ ހާލަތާ ބެހޭ ފަހުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ކޭއެސްއެފުން ވަނީ ތިއޭޓަ އާއި ނެށުމާއި ފިލްމީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހޯދައި ދީފަ އެވެ. އޭގެ ތެރޭގައި އެ ދާއިރާތަކުން ކިޔަވަން ސްކޮލަޝިޕްތައް ވެސް ދީފައިވެ އެވެ.