Roadha Mihaaru
ފްރެޑީ މާކިއުރީގެ ވާހަކަ ތަސްވީރުން

ފްރެޑީ މާކިއުރީގެ ވާހަކަ ތަސްވީރުން

24 މެއި 2021

އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް ބޭންޑް ކްއީންގެ ކުރީގެ ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީގެ ވާހަކަ "ތަސްވީރުން ވާހަކައެއް" ގޮތަށް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް ބޭންޑް ކްއީންގެ ކުރީގެ ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީގެ ވާހަކަ "ތަސްވީރުން ވާހަކައެއް" ގޮތަށް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނެރެން ނިންމައިފި އެވެ.

ޔުނިވާސަލް މިއުޒިކް ގްރޫޕާއި މާކިއުރީ ސޯންގްސް ލިމިޑެޓާ ގުޅިގެން ވާހަކަ ނެރެނީ ޒީ2 ކޮމިކްސްއިންނެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ވާހަކައިގެ ނަމަކީ "ފްރެޑީ މާކިއުރީ: ލަވަ އޮފް ލައިފް، ސިންގާ އޮފް ސޯންގްސް" ކަމަށެވެ.

މި ވާހަކައިގައި އޭނާގެ އުފަން ގައުމު ޒެންޒިބާރުގައި ކުޑައިރު ހޭދަކުރި ދުވަސްވަރާއި ފަހުން އިނގިރޭސި ރަށްވެހިކަން ލިބުމާއި އޭގެ ފަހުން ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް ރޮކް ފަންނާނަށް ބަދަލުވެގެން ދިގަ ގޮތް ވާހަކައިގައި ކިޔައިދޭނެ އެވެ. މާކިއުރީގެ ބޭންޑް ކްއީން އަކީ 1970 ގައި އުފަންވި ބޭންޑެކެވެ.

"އޭނޢގެ ވާހަކައިގެ ކޮންމެ ޗެޕްޓަރަކުން ވެސް ފްރެޑީއާ ބެހޭ ޝައުގުވެރި ގިނަ ކަންތައްތަކެއް އެނގިގެން ދާނެ،" ޒީ2 އިން ބުންޏެވެ.

ނަމަވެސް "ފްރެޑީ މާކިއުރީ: ލަވަ އޮފް ލައިފް، ސިންގާ އޮފް ސޯންގްސް" ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ވާހަކަ ވާނީ މިހާތަނަށް މިއުޒިކް ފަންނާނަކާ ބެހޭ ގޮތުން ނެރޭ ފުރަތަމަ ގްރެފިކް ނަވަލް އެވެ.

މާކިއުރީ ވަނީ އެއިޑްސްއާ ގުޅުން ހުރި ނިއުމޯނިއާގައި 1991 ގައި މަރުވެފަ އެވެ. އޭރު އޭނާގެ އުމުރަކީ 45 އަހަރެވެ. މާކިއުރީއާ އެކު ކްއީންގެ މެމްބަރުންގެ ގޮތުގައި ކުރިން ތިބީ މައިކް ގްރޯޒް، ބެރީ މިޝެލް، ޑަގް ބޯގީ އަދި ޖޯން ޑީކަން އެވެ.

މިހާރު ކްއީންގެ މެމްބަރުންގެ ގޮތުގައި ތިބީ ބްރަޔަން މޭ އާއި ރޮޖާ ޓޭލާ އެވެ.

މާކިއުރީއާ ބެހޭ ގްރެފިކް ނަވަލްއެއް ނެރޭ އިރު 2018 ގައި އޭނާގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް މިއުޒިކަލް ޑްރާމާއެއް "ބޮހީމިއަން ރާޕްސޮޑީ" ގެ ނަމުގައި ނެރެފައިވެ އެވެ. އެ ނަމަކީ ބޭންޑްގެ އެންމެ ހިޓް އެއް ލަވައިގެ ނަމެވެ.

މާކިއުރީގެ ރޯލު ރަމީ މާލިކް ކުޅުނު އެ ފިލްމަކީ ހަތަރު އޮސްކާ އެވޯޑްގެ އިތުރުން ގޯލްޑެން ގްލޯބާއި ބަފްޓާ އެވޯޑް ވެސް ހޯދި ފިލްމެކެވެ.