Roadha Mihaaru
އެންޖެލީނާ އަށް ޕިޓް ދިން ކުރެހުމަށް ރެކޯޑް އަގެއް

އެންޖެލީނާ ޖޯލީ އަށް ބްރެޑް ޕިޓް ދިން ކުރެހުމަށް ނީލަމުގައި ރެކޯޑް އަގެއް

14 މާޗް 2021

ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އަށް ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ހަދިޔާއަކަށް ދިން ކުރެހުން ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ ބޮޑު އަގަކަށް ނީލަމުގައި ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އަށް ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ހަދިޔާއަކަށް ދިން ކުރެހުން ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ ބޮޑު އަގަކަށް ނީލަމުގައި ވިކިއްޖެ އެވެ.

އެންޖެލީނާގެ ފަރާތުން ކުރެހުން ވިއްކައިލަން ނިންމުމާ ގުޅިގެން މި މަހުގެ 1 ގައި ބޭއްވި ނީލަން އިންތިޒާމުކުރި އިނގިރޭސިވިލާތުގެ އޮކްޝަން ހައުސް، ކްރިސްޓީޒް އިން ބުނީ ކުރެހުން ވިކުނީ 8.3 މިލިއަން ޕައުންޑް (11.5 މިލިއަން ޑޮލަރު) އަށް ކަމަށެވެ. ނީލަމުގައި ކުރެހުން ވިއްކާލަން ހުޅުވި އަގަކީ 2.5 މިލިއަން ޕައުންޑް (3.5 މިލިއަން ޑޮލަރު) އެވެ. އެހެންވެ އެ ވިކުނު އަގަކީ އަންދާޒާކުރި ވަރަށް ވުރެ ތިން ގުނަ ބޮޑު އަގެކެވެ.

އެ ކުރެހުމަކީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލްގެ ކުރެއްސެވުމެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1943 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ މޮރޮކޯ އަށް ކުރެއްވި ފުރަތަމަ ދަތުރުގައި މަރަކޭޝްގައި ބޭއްވި ކަސަބްލަންކާ ކޮންފަރެންސްގެ ހަވާސާގެ ތެރޭގައި ކުރެއްސެވި އެ ކުރެހުމުގައި ފެންނަނީ މޮރޮކޯގެ އިރުއޮސެމުންދާ ވަގުތެއްގައި މިސްކިތެއްގެ ބޭރުގެ ވަށައިގެންވާ މާހައުލެވެ. ކުރެހުމަށް ދީފައިވާ ނަމަކީ "ޓަވާ އޮފް ދަ ކޮތޫބިއާ މޮސްކް" އެވެ.

އެ ކުރެހުމަކީ ޗާޗިލްގެ ފަރާތުން އެމެރިކާގެ 32 ވަނަ ރައީސް ފްރޭންޑްލިން ޑި ރޫޒެވެލްޓަށް ހަދިޔާކުރެއްވި އެެއްޗެކެވެ.

ކްރިސްޓީޒް އިން ބުނީ ނީލަމުގައި 11.5 މިލިއަން ޑޮލަރަށް ކުރެހުން ވިކުމަކީ މިހާތަނަށް ޗާޗިލްގެ ކުރެހުމަކަށް ނީލަމެއްގައި ލިބުނު އެންމެ ބޮޑު އަގު ކަމަށެވެ. އޭނާގެ ކުރެހުމެއް ކުރިން އެންމެ ބޮޑު އަގަކަށް ވިކުނީ 2014 ގައި ސޮދަބީޒް އޮކްޝަނުން ލަންޑަނުގައި ބޭއްވި ނީލަމެއްގައި ލިބުނު 2.7 މިލިއަން ޑޮލަރެވެ.

މި ފަހަރު ނީލަމުގައި ވިއްކައިލި ޗާޗިލްގެ ކުރެހުމަކީ އަގުބޮޑު ތާރީހީ ތަކެތި ވިއްކާ އެމްއެސް ރައުން އިން 2011 ގައި ބްރެޑް ޕިޓް ގަތް އެއްޗެކެވެ. ކުރެހުން ގަތީ ހަދިޔާއަކަށް އެންޖެލީނާ އަށް ދިނުމަށްޓަކަ އެވެ. އެ ދުވަސްވަރަކީ އެ ދެ މީހުން ލޯބީގެ މާތައް ފޮޅުވަމުން ދިޔަ ދުވަސްވަރެވެ. އެންޖެލީނާ އާއި ޕިޓް ކައިވެނިކުރީ 2014 ގަ އެވެ. އަދި ކައިވެނި 2019 ގައި ވަނީ ރަސްމީކޮށް ރޫޅާލައިފަ އެވެ.