Roadha Mihaaru
އެކްޓަރު ލޯރެންސް ލަންޑަންގެ މޭޔަރަކަށް ވާދަކުރަނީ

އެކްޓަރު ލޯރެންސް ފޮކްސް ލަންޑަންގެ މޭޔަރަކަށް ވާދަކުރަނީ

11 މާޗް 2021

"އެލިޒަބަތު: ދަ ގޯލްޑެން އޭޖް" އާއި "ބިކަމިން ޖޭން" ފަދަ ފިލްމުތަކުން ފެނިފައިވާ އިނގިރޭސި އެކްޓަރު ލޯރެންސް ފޮކްސް، މެއި މަހު ބާއްވާ ލަންޑަންގެ މޭޔަރު ހޮވާ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އެލިޒަބަތު: ދަ ގޯލްޑެން އޭޖް" އާއި "ބިކަމިން ޖޭން" ފަދަ ފިލްމުތަކުން ފެނިފައިވާ އިނގިރޭސި އެކްޓަރު ލޯރެންސް ފޮކްސް، މެއި މަހު ބާއްވާ ލަންޑަންގެ މޭޔަރު ހޮވާ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

އުމުރުން 42 އަހަރުގެ އެކްޓަރު މެއި މަހުގެ 6 ގައި ބާއްވާ އިންތިހާބުގައި ވާދަކުރަނީ އޭނާ އިސް ރޯލެއް އަދާކުރާ ޕާޓީ ރިކްލެއިމް ޕާޓީގެ ޓިކެޓްގަ އެވެ.

ލަންޑަންގެ މޭޔަރު ކަމަށް ވާދަކުރާކަން އިއުލާންކޮށް ލޯރެންސްވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ ކޮވިޑް-19 ގެ ނިއު ވޭރިއަންޓާ ހެދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިނގިރޭސިވިލާތުގައި އިއުލާންކޮށްފައި އޮތް ލޮކްޑައުން އުވައިލުމެވެ.

"މި އިންތިހާބުގައި އެންމެ ބޮޑު ދެ ޕާޓީ [ލޭބާ އާއި ކޮންޒަވޭޓިވް ޕާޓީން] އިން ވެސް ވާދަ އެބަކުރޭ. ހަގީގަތުގައި މި އިންތިބާހަކީ ރައްޔިތުންނަށް އާންމު ހާލަތުގެ މިނިވަންކަން ހޯދައިދޭން މަގުފަހިވާނެ އިންތިހާބެއް." ލޯރެންސް ބުންޏެވެ.

މަގާމަށް އިންތިހާބުވެއްޖެ ނަމަ ލޮކްޑައުން އުވައިލާނެ ކަމަށް އޭނާ ބުނި ނަމަވެސް ކޮރޯނާ ވައިރަސް އެކްޓްގެ ދަށުން އެ ބާރު ލިބިދެނީ ބޮޑުވަޒީރަށެވެ. އިނގިރޭސި ބޮޑުވަޒީރަކީ ބޮރިސް ޖޯންސަނެވެ.

ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ ލޯރެންސް ބުނިގޮތުގައި ލޮކްޑައުންއަކާ ހެދި ރައްޔިތުން ބިކަވެ، ވަރުބަލިވެއްޖެ އެވެ. އެހެންވެ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ކުރީގެ އާންމު ހާލަތަށް ރުޖޫއަވެވޭނެ ގޮތެކެވެ.

ލޯރެންސް ބުނީ ރައްޔިތުން ލޮކްޑައުންގައި ބައިތިއްބައިގެން ސަރުކާރުން ބޮޑެތި ރިލީފް ޕެކެޖްތައް އިއުލާންކޮށް މާލީ އެހީ ދިން ނަމަވެސް އެއީ ހައްލެއް ނޫން ކަމަށެވެ.

"މިކަން މިގޮތަށް ދިގުދެމިގެންދާ ކޮންމެ ދުވަހަކީ އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައް ވިޔަފާރިއެއް ހުއްޓި ކުރިއަށް އޮތް ތަނުގައި ބޮޑު އަދަދުގެ ޓެކްސްތަކުގެ ތެރޭގައި ރައްޔިތުން ތާށިވެދާނެ ކަމެއް." އޭނާ ބުންޏެވެ.

ރިކްލެއިމް ޕާޓީން ދާދި ފަހުން ހަދާފައިވާ ސޭވާއަކުން ދައްކާ ގޮތުގައި ގައުމުގެ ގިނަ ރައްޔިތުން މިހާރު އެދިއެދި ތިބީ މެއި މަސް ނިމޭ އިރު ލޮކްޑައުން އުވައިލާށެވެ

ލަންޑަންގެ މިހާރުގެ މޭޔަރަކީ 2016 ގައި އެ މަގާމަށް އިންތިހާބުވި ސާދިގް ޚާން، 50، އެވެ. ކުރިއަށް އޮތް އިންތިހާބުގައި ވެސް ދެވަނަ ދައުރަކަށް ލޭބާ ޕާޓީގެ ޓިކެޓްގައި އޭނާ ވާދަކުރައްވަ އެވެ.

އިންތިހާބަށް ވާދަކުރާ އިތުރު ކެންޑިޑޭޓުންގެ ތެރޭގައި ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓް ޝައުން ބެއިލީ އާއި ގްރީން ޕާޓީގެ ޝިއަން ބެރީ ހިމެނެ އެވެ. އަދި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވެސް ބަޔަކު ވާދަކުރެ އެވެ.