Roadha Mihaaru
ކޭޓްގެ އަންހެން ދަރިފުޅު ވެސް ފިލްމު ކުޅެނީ

ކޭޓް ވިންސްލެޓްގެ އަންހެން ދަރިފުޅު ވެސް ފިލްމު ކުޅެނީ

03 މެއި 2021

"ޓައިޓޭނިކް" ފަދަ މަޝްހޫރު ފިލްމުތައް ކުޅުނު އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓްގެ ދޮށީ އަންހެން ދަރިފުޅު މިއާ ތުރިޕްޓަން ވެސް މިހާރު ވަނީ އެކްޓިން ފަށައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޓައިޓޭނިކް" ފަދަ މަޝްހޫރު ފިލްމުތައް ކުޅުނު އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓްގެ ދޮށީ އަންހެން ދަރިފުޅު މިއާ ތުރިޕްޓަން ވެސް މިހާރު ވަނީ އެކްޓިން ފަށައިފަ އެވެ.

މިއާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އިޓަލީގެ ތުރިލާ "ޝެޑޯޒް" އެވެ. އެ ފިލްމުގައި 20 އަހަރުގެ މިއާ ކުޅުނީ އޭގެ ލީޑް ރޯލެވެ. އެއީ އަލްމާގެ ކެރެކްޓާ އެވެ.

ދަރިފުޅުގެ ކެރިއަރާ ބެހޭ ގޮތުން ކޭޓް، 45، އިނގިރޭސި ޓީވީ ހޯސްޓް ލޮރެއިން ކެލީ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއާ ބަތަލާއަކަށްވާނެކަން ކުރިން ވެސް އޭނާ އަށް ލަފާކުރެވުނު ކަމަށެވެ.

"އެހެންވެ އަހަރެން ހުރީ އެކަން ކޮންމެވެސް ހިސާބަކުން ވާނެ ކަމަށް ގަބޫލު ވެސް ކޮށްގެން. ހަގީގަތުގައި ދަރިފުޅު އެކްޓިން އިހުތިޔާރު ކުރުމަކީ ހިތްހަމަޖެހޭ ކަމެއް. މީގައި ދެން މުހިއްމު ކަމަކީ އޭނާ އަމިއްލަ މަސައްކަތުން އައިޑެންޓިޓީީއެއް ހޯދުން." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކޭޓް ބުންޏެވެ.

އޭނާ ބުނީ މިއާ މިހާރު ވެސް އަންނަނީ ޗެކް ރިޕަބްލިކްގައި ޓީވީ ސީރީޒެއްގެ މަސައްކަތްކުރަމުން ކަމަށެވެ.

"މީގައި އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިއާ އަށް މިހާތަނަށް ލިބުނު ފުރުސަތުތަކަކީ އެ ފުރުސަތު ދިން މީހުންނަށް އޭނާ އަކީ އަހަރެންގެ ދަރިއެއްކަން ވެސް ނޭނގި ކުރިއަށްދާން ލިބުނު ފުރުސަތުތަކަކަށްވުން،" ކޭޓް ބުންޏެވެ. "އެކަމާ އަހަރެން ކުޑަކޮށް ބިރު ވެސް ގަނޭ. ހިތަށް އަރަނީ އޭނަ އަކީ އަހަރެންގެ ދަރިއެއްކަން ގިނަ ބަޔަކަށް އެނގޭ ހިސާބުން ދެން ކެރިއަރަށް ވާނީ ކިހިނެއްތޯ؟"

ލީޑިން ބަތަލާއެއްގެ ގޮތުގައި މިއާ އެކްޓިން އަށް ނުކުތުމުގެ ކުރިން އޭނާ ވަނީ މަންމަ ކޭޓްގެ 2014 ގެ ސީރީޒް "އަ ލިޓްލް ކެއޯސް" ގެ ކުޑަ ރޯލެއް ކުޅެފަ އެވެ.

ވެރައިޓީ އަށް ދާދި ފަހުން މިއާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ޕްރޮޖެކްޓަކަށް އެއްބަސްވާ އިރު އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ސްކްރީންޕްލޭ އަށް ކަމަށެވެ.

"އެގޮތުން ޝެޑޯޒް އިން ފުރުސަތު ލިބުމަކީ ބޮޑު ނަސީބެއް." އޭނާ ބުންޏެވެ.

މިއާ އަކީ ކޭޓްގެ އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅެވެ. އޭނާގެ ބައްޕަ އަކީ ޑައިރެކްޓަރު ޖިމް ތުރެޕްޓަނެވެ. މިއާގެ އެއްބަނޑު ކޮއްކޮއިންނަކީ ޖޯ މެންޑޭޒް، 17، އާއި ބިއާ ބްލޭޒް ވިންސްލެޓް، 7، އެވެ. ޖޯގެ ބައްޕަ އަކީ މަޝްހޫރު ޑައިރެކްޓަރު ސޭމް މެންޑޭޒެވެ.