Roadha Mihaaru
މޭގަން މާކަލް ނޫސްވެރިޔަކަށް ވާން އުޅުއްވި

މޭގަން މާކަލް ނޫސްވެރިޔަކަށް ވާން އުޅުއްވި

12 އޯގަސްޓް 2020

ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި އެކްޓިން އަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިކަމުގެ ދާއިރާ އިހުތިޔާރުކުރައްވަން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އުޅުއްވި ކަމަށް އަންގާރަ ދުވަހު ނެރުނު ފޮތް "ފައިންޑިން ފްރީޑަމް" ގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި އެކްޓިން އަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިކަމުގެ ދާއިރާ އިހުތިޔާރުކުރައްވަން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އުޅުއްވި ކަމަށް އަންގާރަ ދުވަހު ނެރުނު ފޮތް "ފައިންޑިން ފްރީޑަމް" ގައި ބުނެފި އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ކަންކަން ދިރާސާކުރާ ދެ ރިޕޯޓަރުން ކަމަށްވާ އޮމިޑް ސްކޮބީ އާއި ކެރޮލީން ޑިއުރަންޑް ލިޔެފައިވާ ބައޮގްރަފީ "ފައިންޑިން ފްރީޑަމް: ހެރީ، މެގަން އެންޑް ދަ މޭކިން އޮފް އަ މޮޑަން ރޯޔަލް ފެމިލީ" ގައި ބުނެފައިވާ ގޮތުގައި ޓީވީ ސިލްސިލާ "ސޫޓްސް" އިން މަޝްހޫރުކަން ހޯދި މޭގަން އަކީ ސްކޫލްގައި އުޅުއްވި ދުވަސްވަރު ވެސް ލިޔުންތެރިކަމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެހެންވެ އެކްޓިން އަށް ނުކުންނެވުމުގެ ކުރިން ނޫސްވެރިކަން އިހުތިޔާކުރައްވަން އެކަމަނާ ވަރަށް ބޮޑަށް ވިސްނެވި ކަމަށް ބުނެފައިވެ އެވެ.

ފޮތުގައި ބުނެފައިވާ ގޮތުގައި މޭގަން ނޫސްވެރިއަކަށްވެވަޑައިގަތުމާ ގުޅޭ ގޮތުން އެއް ދުވަސްވަރެއްގައި ސީރިއަސްކޮށް ވިސްނެވި އެއް ސަބަބަކީ އެކަމަކީ އޭނާގެ އުފެއްދުންތެރިކަމާއި ފިކުރުތަކާއި އުދާސްތައް ބޭރުކޮށްލެވޭނެ ދާއިރާއަކަށްވުމެވެ. މޭގަންގެ އާއިލާ ރޫޅިފައިވާތީ އެކަމަނާ އާއި އާއިލީގެ ގުޅުން އަބަދުވެސް އޮތީ ވަރަށް ކުޑަކޮށެވެ. އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ނުތަނަވަސްކަމެއް އޮތް ކަމަށް ބުނެފައިވެ އެވެ.

މޭގަން އާއި އޭނާގެ ބައްޕަ އާއި އެއްބަފާ އެހެން މެމްބަރުންނާ ވެސް ގުޅުމެއް ނޯވެ އެވެ. އަދި މިކަން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ 2018 ގައި ހެރީއާ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވި އެވެ. މޭގަން އާއި ބައްޕަ އާއި ބައްޕަ ފަރާތު އާއިލާއާ ގުޅުމެއް ނެތް ނަމަވެސް މަންމަ އަބަދު ވެސް ގާތްކަން އޮވެ އެވެ. އާއިލާގެ ފަރާތުން ކައިވެނީގެ ހަފުލާގައި ބައިވެރިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ވެސް މަންމާފުޅެވެ.

ނޫސްވެރިކަމުގެ ބަދަލިގައި އެކްޓިން އިހުތިޔާރުކުރައްވައި މޭގަން، 39، އެކްޓިން އަށް ނުކުންނެވީ 2002 ގަ އެވެ. އެކަމަނާ ގިނައިން ކުޅުއްވީ ސިލްސިލާތަކެވެ. ކުޅުއްވި ފިލްމުތަކުގެ ތެރޭގައި ހޮރިބަލް ބޮސެސް (2011) އާއި ޑިސްފަންކްޝަނަލް ފްރެންޑްސް (2012) އަދި އެންޓި-ސޯޝަލް (2015) ހިމެނެ އެވެ.

މޭގަން އެކްޓިން ކެރިއަރު ދޫކޮށްލެއްވީ ހެރީއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތް ހިސާބުންނެވެ. އެގޮތުން ލީގަލް ޑްރާމާ "ސޫޓްސް" ގައި ކުޅުއްވަމުން ގެންދެވި ކެރެކްޓާ ރެޗެލް ޒޭންގެ ކެރެކްޓާ އަށް އަލްވަދާއު ވިދާޅުވީ 2017 ގަ އެވެ.

ނޫސްވެރިކަން އިހުތިޔާރު ކުރައްވަން މޭގަން އުޅުއްވި ކަމަށް "ފައިންޑިން ފްރީޑަމް" ގައި ބުނެފައިވާ އިރު އެކަމަނާގެ އާއިލީ ޒާތީ ވާހަކަތަކެއް ގެނެސްދިން އިނގިރޭސި ނޫހަކަށް މިދިޔަ އަހަރު ދައުވާކުރައްވާފައިވެ އެވެ.