Roadha Mihaaru

ބްލޭކް، ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި

ހޮލީވުޑްގެ ތަރި ބްލޭކް ލިވްލީ އެންމެފަހުން ކުޅުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި އޭނާގެ ކޯ-ސްޓާރަކަށް އުޅުނު ހޮލީވުޑްގެ އެކްޓަރު ޖަސްޓިން ބޮލްޑޯނީއަށް ކުރި ގިނަ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް އިއްޔެ އަނބުރާ ގެންގޮސްފި އެވެ.

ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި

ހޮލީވުޑްގެ ތަރި ބްލޭކް ލިވްލީ އެންމެފަހުން ކުޅުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި އޭނާގެ ކޯ-ސްޓާރަކަށް އުޅުނު ހޮލީވުޑްގެ އެކްޓަރު ޖަސްޓިން ބޮލްޑޯނީއަށް ކުރި ގިނަ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް އިއްޔެ އަނބުރާ ގެންގޮސްފި އެވެ.

ބްލޭކް އަނބުރާ ގެންދިޔައީ ނަފުސާނީ ގޮތުން އުނދަގޫ ލިބޭނެ ކަމެއް ގަސްތުގައި ކުރުމުގެ ދައުވާ އާއި ނަފުސާނީ އަނިޔާ ލިބޭ ކަމެއްގައި އިހުމާލުވުމުގެ ދައުވާ އެވެ.

އެ ދައުވާތައް އަނބުރާ ގެންދިޔައީ އެ ދައުވާތަކާ ގުޅޭ ގޮތުން ހުރި ހެކި ބްލޭކްގެ ފަރާތުން ހާމަކޮށްދިނުމަށް ޖަސްޓިންގެ ވަކީލުން އެދިފައި ވަނިކޮށެވެ.

އެހެންވެ، ޖަސްޓިންގެ ވަކީލުން ބުނި ގޮތުގައި، ބްލޭކް އެ ދެ ދައުވާ އަނބުރާ ގެންދިޔައީ އެ ދެ ދައުވާ ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތުމުންނާއި އެ ދެ ދައުވާތަކާ ގުޅޭ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފި ނަމަ، ބްލޭކްގެ މެޑިކަލް ރެކޯޑުތައް ކޯޓަށް ހުށަހަޅަން އޭނާގެ މައްޗަށް އަމުރެއް ނެރެފާނެތީ އެކަމާ ބިރުންނެވެ.

ބްލޭކް އެ ދެ ދައުވާ އަނބުރާ ގެންދިއުމާއެކު، ކޯޓުން ނިންމާފައި ވަނީ އޭނާއަށް ދެން އަލުން އެ ދައުވާތައް ނުކުރެވޭނެ ކަމަށެވެ.

އެ ދެ ދައުވާ އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ބްލޭކްގެ ވަކީލުން ބުނީ އެކަން ކުރީ ކޯޓު މަރުހަލާއަށް ދިއުމުގެ ކުރިން ކޮންމެހެން ނިންމަން ޖެހޭ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، އެ މަރުހަލާއަށް ފުރިހަމައަށް ތައްޔާރުވުމަށް ކަމަށެވެ. ޖަސްޓިން އުޅެނީ މީޑިއާތައް ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަން ކަމަށް ވެސް ބްލޭކްގެ ވަކީލުން ބުންޏެވެ.

"އިޓް އެންޑްސް ވިތު އަސް"ގެ ޝޫޓިންގެ ދުވަސްވަރާއި އެ ފިލްމުގެ ޕްރޮމޯޝަން އަދި ޕްރިމިއާގެ ދުވަސްވަރު ހިނގާފައިވާ އެކިއެކި ކަންކަމާ ގުޅުވައިގެން ބްލޭކް ވަނީ ޖަސްޓިންގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމުގެ ދައުވާއާ އެކު އިތުރު 15 ދައުވާއެއްކޮށް، އެމެރިކާގެ ނިއު ޔޯކުގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލައިގެ ކޯޓު މަރުހަލާ އަދި ނުފަށަ އެވެ. މިހާރު ކުރިއަށް ގެންދަނީ ދައުވާތައް ކޯޓަށް ބަލައިގަތުމާ ގުޅޭ މަރުހަލާ އެވެ.

ޖަސްޓިން ވެސް ވަނީ ބްލޭކްއާ ދެކޮޅަށް ގިނަ ދައުވާތަކެއް ކޮށްފަ އެވެ. އެ މައްސަލަ ވެސް ހުށަހަޅާފައި ވަނީ ނިއު ޔޯކުގެ ކޯޓަކަށެވެ. އަބުރުގެ ދައުވާގެ އިތުރުން އެތައް ތުހުމަތެއް ހިމެނޭ އެ މައްސަލާގައި ވަނީ ބްލޭކް ކުރި ތުހުމަތުތަކާ ގުޅިގެން ޖަސްޓިން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 400 މިލިއަން ޑޮލަރު ނަގައިދޭން އެދިފަ އެވެ.