Roadha Mihaaru

ޖޯނީ ޑެޕާއި އެންޖެލީނާ ޖޯލީގެ ސިއްރު ގުޅުމެއް އޮވޭ: ރިޕޯޓް

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖޯނީ ޑެޕާއި އެންޖެލީނާ ޖޯލީގެ ސިއްރު ގުޅުމެއް މިހާރު އޮންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖޯނީ ޑެޕާއި އެންޖެލީނާ ޖޯލީގެ ސިއްރު ގުޅުމެއް އޮވޭ

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖޯނީ ޑެޕާއި އެންޖެލީނާ ޖޯލީގެ ސިއްރު ގުޅުމެއް މިހާރު އޮންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޓާ މެގަޒިންގެ ރިޕޯޓެއްގައި ބުނީ ޑެޕާއި ޖޯލީ މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އެ ގުޅުން ވަރަށް ސިއްރު ކަމަށާއި އެ މީހުން ވަރަށް ސިއްރުން އިނގިރޭސިވިލާތުގެ ލަންޑަނާއި އެމެރިކާގެ ލޮސް އެންޖަލިސްގައި ބައްދަލުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އެ ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދުނީ ދަރިންގެ ކަސްޓަޑީގެ މައްސަލާގައި ޖޯލީ އާއި އޭނާގެ ކުރީގެ ފިރިމިހާ ބްރެޑް ޕިޓާ ދެމެދުގައި ކޯޓު މަރުހަލާގެ ކަންކަން ހިނގި ދުވަސްވަރު ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނީ އެ ގުޅުން ވަރުގަދަކުރަން ޑެޕް ވަރަށް ބޭނުންވި ނަމަވެސް، އެހާ އަވަސް އަރުވާލައިގެން އުޅެން ޖޯލީ ބޭނުން ނުވާ ކަމަށެވެ.

ޑެޕާއި ޖޯލީއަކީ ވަރަށް ދުވަސްވީ ރައްޓެހިން ވެސް މެ އެވެ. އެ ދެމީހުން އެކުގައި އެއް ފިލްމު ވެސް ކުޅުނެވެ. އެއީ 2010 ގައި ގެނެސްދިން "ދަ ޓޫރިސްޓް" އެވެ.

ޑެޕްގެ ކުރީގެ އަންހެން އެމްބާ ހާޑަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކޮށް ޑެޕާ ދެކޮޅަށް އޭނާ ކޯޓަށް ހުށަހެޅި މައްސަލައަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު މައްސަލައެކެވެ. އެ މައްސަލަ ނިމުނީ އެއިން އެއްވެސް ކަމެއް ސާބިތު ނުވެ އެވެ.

ނަމަވެސް، ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ޑެޕް، އެމްބާއަށް ގެވެށި އަނިޔާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ޑެޕަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2018 ވަނަ އަހަރު ޑެޕް ވަނީ އެމްބާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ނުނިންމަނީސް، ދެ ފަރާތުގެ ގާނޫނީ ވަކީލުންގެ މަޝްވަރާއަށް ފަހު އެމްބާ ނިންމީ ޑެޕަށް އެއް މިލިއަން ޑޮލަރު ދިނުމަށެވެ.