Roadha Mihaaru
"އީޔޫގެ ފިޔަވަޅު އައުމުގެ ކުރިން އަމުރު ތަންފީޒުކުރޭ"

އީޔޫއިން ފިޔަވަޅު އެޅުމުގެ ކުރިން އަމުރު ތަންފީޒު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

26 ފެބުރުއަރީ 2018

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގައި ބުނާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގައި ބުނާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި، ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށް ވަނީ ގޮވާލާފައިވެ އެވެ. ކައުންސިލުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކުރާ މައްސަލަ ވެސް ފާހަގަކޮށްފަ އެވެ.

އެފާހަގަ ކުރި ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށެވެ.

އެކަންކަން ތަންފީޒު ނުކޮށްފި ނަމަ ސަރުކާރުގެ ވަކިވަކި ބޭފުޅުންނަށް އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމަށް އީޔޫން ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ-- މިހާރު ފޮޓޯ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ-- މިހާރު ފޮޓޯ

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އީޔޫގެ އެންގުމަށް އިދިކޮޅު ފަރާތްތަކުން މަރުހަބާ ކިޔާ ކަމަށެވެ. އެހެންކަމުން ފިޔަވަޅު އެޅުމުގެ ކުރިން، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

"ސަރުކާރުގެ މުއައްސަސާތައް ހައިޖެކް ކޮށްގެން އެންމެ ބޭފުޅެއްގެ މަސްލަހަތަށްޓަކައި އެ ބޭބޭފުޅުންގެ ސިޔާސީ ހަޔާތް ގުރުބާން ކޮށްނުލުމަށް އަޅުގަނޑުމެން އެ ބޭބޭފުޅުންނަށް ގޮވާ މިލަނީ. [އީޔޫ އިން ފިޔަވަޅު އަޅާ] ދުވަސް އަންނަތަން ފެނޭ،" އަމީތު ވިދާޅުވި އެވެ.

އީޔޫއިން ދައުލަތުގެ ވަކިވަކި ބޭފުޅުންނަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި މާލީ ގޮތުން ދަތިކުރުން ހިމެނެ އެވެ. އަދި އެ ފަރާތްތަކާ އެކު އީޔޫގެ ގައުމުތަކުގެ އެކި ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުން ވެސް ހިމެނެ އެވެ.

އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް އަންގައިފަ އެވެ. އަދި ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ އެކެއްގައި ނެރުނު އަމުރުގެ އެ ބައި އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެގޮތަށް ނިންމީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްުޔަރު ކުރުމަށް ފަހު އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާ މެދު ސަރުކާރުން ޖެހިލުން ވަނީ އެ މެމްބަރުންގެ ސަބަބުން ސަރުކާރު ދެމި ނޯންނާނެތީ ކަމަށެވެ. އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނަސް، ނުގެއްލުނަސް މި ސަރުކާރު ދެމި ނޯންނާނެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި މިއަދު ވަނީ ހަ ފުލުހަކު ހައްޔުކޮށްފަ އެވެ. އޭގެ ތެރޭގައި އެސްއޯ ފުލުހުންގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، ވެސް ހިމެނެ އެވެ. އަދި އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.

އެކަމަށް އަލިއަޅުވާލައްވަމުން މެމްބަރު އަމީތު ވިދާޅުވީ އެއީ ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބަޔަކު ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ. އެ ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ފުލުހުން މިނިވަން ކުރަން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

"އަސްކަރިއްޔާގައި އުޅުއްވަނިކޮށް ހައްޔަރަށް ގެންދެވިފައިވާ ބޭފުޅުންނަށް އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ މި ހާލަތު މިދަނީ ބަދަލުވެގެން. މި ހާލަތު ބަދަލުވެގެން ދިއުމާއެކު އެބޭފުޅުންގެ ވަޒީފާ އަޅުގަނޑުމެން ރުޖޫއަ ކޮށްދޭނަން، މުސާރަ އަޅުގަނޑުމެން ރުޖޫއަ ކޮށްދޭނަން،" އަމީތު ވިދާޅުވި އެވެ.