Roadha Mihaaru
ދަރިމައިވުމުގެ ގާބިލްކަން އިތުރުކޮށްދޭ ބޭހެއް

ދަރިމައިވުމުގެ ގާބިލްކަން އަހަރުތަކެއް އިތުރުކޮށްދޭ ބޭހެއް

26 ފެބުރުއަރީ 2018

އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތު ތިން އަހަރު ނުވަތަ ހަ އަހަރު އިތުރުކޮށްދޭ ބޭހެއް ސައިންސްވެރިން ހޯދައިފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތު ތިން އަހަރު ނުވަތަ ހަ އަހަރު އިތުރުކޮށްދޭ ބޭހެއް ސައިންސްވެރިން ހޯދައިފި އެވެ.

"އަންހެނުންގެ އުމުރުން 35 ވަރަކަށް އަހަރުވާއިރަށް ދަރިމައިވުމުގެ ސިއްހަތު ދަށްވާން ފަށާނެ. އޭގެ ފަހުން ބަލިވެއިނަސް މަންމަގެ އުމުރު ދޮށިވުމާ ގުޅިގެން ދިމާވާ މައްސަލަތަކުގެ ސަބަބުން ބައިގެން ދިއުމާއި ލިބޭ ދަރިންގެ އައިބު ހުރުން ފަދަ ކަންތައްތައް ދިމާވާލެއް އިތުރުވާނެ،" އެމެރިކާގެ ޕްރިންްސްޓަން ޔުނިވަސިޓީގެ ފަރާތުން ވާހަކަ ދެއްކި ޑރ. ކޮލީން މާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަތައް ދިމާވަނީ ބިސް މަދުވުމަށް ވުރެ، ބިހުގެ ކޮލިޓީ ދަށްވަމުން ދާތީ އެވެ.

ބިހުގެ ހާލަތު ބެލުމަށް ސައިންސްވެރިން ބޭނުންކުރީ ސިނޯރެބްޑައިޓިސް އެލެގަންސް (ސީ އެލެގަންސް) ކިޔާ މައިކްރޮސްކޮޕިކް ފަންޏެކެވެ. ޖާނަލް ކަރަން ބައޮލޮޖީގައި ޝާއިއުކޮށްފައިވާ މި ހޯދުމުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ބިހުގައި އެންމެ ކޮލިޓީ ރަނގަޅު ބިހުން ނުފެންނަ ޕްރޮޓީންތަކެއް ހުރެ އެވެ. އެހެންވެ މި ޕްރޮޓީންތައް ބްލޮކް ކުރެވޭނެ ބޭހެއް ހޯދައިގެން ދަރިމައިވުމުގެ ގާބިލްކަން ތިން އަހަރު ނުވަތަ ހަ އަހަރަށް ވެސް އިތުރު ކުރެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

ދަރިމައިވުމުގެ ސިއްހަތު ދަށަށް ދިއުމަކީ އުމުރާ ގުޅިގެން ދިމާވާ ގުދުރަތީ ކަމެކެވެ. އެހެންކަމުން މިހެން ދިމާވާ ސަބަބު ހޯދައި ފަރުވާ ދެވިއްޖެ ނަމަ އެކަން ކޮންމެވެސް ވަރަކަށް ހައްލު ކުރެވިދާނެކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.