24 ޑިސެމްބަރ 2017
އެންމެ ގިނަ ދުވަސްތަކެއް ވަންދެން ގަނޑުކޮށް ރައްކާކޮށްފައި އޮތް އެމްބްރިޔޯ ބޭނުންކޮށްގެން މިދިޔަ މަހު އަންހެނަކު ވަނީ ވިހާފަ އެވެ.
އެންމެ ގިނަ ދުވަސްތަކެއް ވަންދެން ގަނޑުކޮށް ރައްކާކޮށްފައި އޮތް އެމްބްރިޔޯ ބޭނުންކޮށްގެން މިދިޔަ މަހު އަންހެނަކު ވަނީ ވިހާފަ އެވެ.
އެމާ ރެން ގިބްސަން އުފަންވީ ނޮވެމްބަރު 25 ގަ އެވެ. އޭނާ އުފަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރީ އެމެރިކާގެ ނެޝަނަލް އެމްބްރިޔޯ ޑޮނޭޝަން ސެންޓަރުގެ މެޑިކަލް ޑައިރެކްޓަރު ޑރ. ޖެފްރީ ކީނަން އެވެ. އެމާ އަކީ އޮކްޓޯބަރު، 14، 1992 ގައި ނަގާ ރައްކާކޮށްފައިވާ އެމްބްރިޔޯއަކުން އުފަންވި ކުއްޖެކެވެ.
އެމާގެ އަސްލު މައިންބަފައިންނަކީ އެހެން ބައެކެވެ. އެ މީހުންގެ އެމްބްރިޔޯ ދިނީ ޓެނެސީގެ ރަށްވެރިން ކަމަށްވާ ޓިނާ އާއި ބެންޖަމިން ގިބްސަން އަށެވެ. އެހެންކަމުން އެމާގެ މިހާރުގެ މައިންބަފައިންނަކީ އެ އެވެ.
މި އަހަރުގެ މާޗް 13 ގައި ރަހިމުގައި އެމްބްރިޔޯ އިންދަމުން ޑޮކްޓަރުން އޭގެ އުމުރު ބުނުމުން ޓިނާ އާއި ފިރިމީހާ އަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ އުމުރުން 26 އަހަރުގެ ޓިނާއަށް ވުރެ އެ އެމްބްރިޔޯ ހަގީ އެންމެ އަހަރެއް ކަމަށް ވާތީ އެވެ.
ސީއެންއެން އަށް ޓިނާ ކިޔައިދިން ގޮތުގައި އޭނާ ބޭނުންވީ ދަރިއެކެވެ. ދުނިޔޭގެ ރެކޯޑަކަށް ވިޔަސް އަދި ނުވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ.
ޓިނާއަށް ފަރުވާދޭ ޑޮކްޓަރު ކެރޯލް ސަމަފެލްޓް ވިދާޅުވީ އެމާ އުފަންވުމަކީ ވަރަށް އުފާވެރި އިހްސާސްތަކެއް ކަމަށެވެ. ސަބަބަކީ އެ އެމްބްރިޔޯ ރައްކާކޮށްފައިވާ އޮތް ދިގު މުއްދަތެވެ.
އެންމެ ގިނަ ދުވަހު ރައްކާކޮށްފައިވާ އެމްބްރިޔޯއަކުން ކުއްޖަކު އުފަންވުމުގެ ރެކޯޑް މީގެ ކުރިން އޮތީ 20 އަހަރު ވަންދެން ރައްކާކޮށްފައި ބޭއްވި އެމްބްރިއޯއަކުން އުފެދުނު ކުއްޖެކެވެ.
އުފަންވީއިރު އެއްވެސް ސިއްހީ މައްސަލައެއް އެމާގެ ނެތެވެ. އޭނާގެ ބަރުދަނުގައި ގާތްގަނޑަކަށް ތިން ކިލޯ ހުރި ދިގުމިނަކީ 20 އިންޗި ހުއްޓެވެ. އެމާގެ މައިންބަފައިންގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ ދަރިފުޅުގެ ސިއްހަތަށް މައްސަލައެއް ދިމާވެފައި ހުރެދާނެތީ އެވެ. އެހެންވެ އެފަދަ މައްސަލައެއް ނެތްކަން އެނގުމުން އެމީހުން ތިބީ ހިތްހަމަޖެހިފަ އެވެ.
ބައްޕަ ބެންޖަމިންގެ އެއްވެސް ޖީންއެއް އެމާގެ ނެތެވެ. ނަމަވެސް އެމާ އަކީ އޭނާގެ އަމިއްލަ ދަރިއެއް ކަމުގެ ހުރިހާ އިހްސާސްތަކެއް ކުރެވޭ ކަމަށް ބުންޏެވެ. އަދި ދަރިފުޅު ފެނުމާ އެކު ވަގުތުން އޭނާ ދެކެ ލޯބި ވެވިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމާގެ ވާހަކަ ފެށިފައިވަނީ ގިބްސަން ދެމަފިރިން އޭނާ "އެޑޮޕްޓް"ކުރުމުގެ މާ ކުރިންނެވެ. އެމާގެ އެމްބްރިޔޯ ހަދިޔާކުރި ދެމަފިރިންގެ އިތުރު ހަތަރު އެމްބްރިޔޯ ވެސް އޮތެވެ. އެއީ ނަން ހާމަކުރަން ބޭނުންނުވާ ދެމަފިރިއަކު ހަދިޔާކުރި އެމްބްރިޔޯތަކެކެވެ.
މި އެމްބްރިޔޯ ޑޮކްޓަރުން ދެކެނީ "ސްނޯ ބޭބީޒް"ގެ ގޮތުގަ އެވެ. ސަބަބަކީ ދުނިޔެއަށް އުފަން ކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެ އެމްބްރިޔޯ އެތައް އަހަރެއް ވަންދެން އައިސްތަކެއްގެ ތެރޭގައި ތިބީމަ އެވެ.
ޓިނާ އާއި ބެންޖަމިން ކައިވެނިކުރީ މީގެ ހަތް އަހަރު ކުރިންނެވެ. ދަރިއަކު ލިބުމަށް ހުރަސްއެޅޭ ކަހަލަ ބައްޔެއް ބެންޖަމިންގެ ހުއްޓެވެ. އެކަމަކު އެ މީހުންގެ ލޯބީގެ ހަޔާތަށް ކަޅުވިލާގަނޑެއް ނޭޅެ އެވެ.
"އަހަރެންގެ ފިރިމީހާގެ ސިސްޓިކް ފައިބްރޯސިސް ހުރި. މިފަދަ މީހުންނަށް ދަރިން ނުލިބުމަކީ ވަރަށް އާއްމު ކަމެއް،" ޓިނާ ބުންޏެވެ.
މި މައްސަލަ ހުރިކަން އެނގުމުން އެކަމާ ހިތްހަމަޖައްސާލައި ކުއްޖަކު އެޑޮޕްޓްކުރަން ދެމަފިރިން ނިންމި އެވެ. އަދި އެމްބްރިޔޯ ޓްރާންސްޕްލާންޓްކުރުމުގެ ކުރިން ދެމަފިރިން ވަނީ ވަރަށް ގިނަ ކުދިން އެޑޮޕްޓްކޮށްފަ އެވެ.
އެހެން ބައެއްގެ އެމްބްރިޔޯ ހޯދައިގެން ޓިނާއަށް ބަލިވެ އިނދެވިދާނެ ކަމަށް ހިޔާލު ދިނީ ބައްޕަ އެވެ.
"ބައްޕަ ކައިރީ އަހަރެން ބުނިން. ތިއީ ވަރަށް ޝައުގުވެރިވާ ކަހަލަ ވާހަކައެކޭ. ނަމަވެސް އަހަރެން ތިކަމަކާ ނުވިސްނަމޭ. އަހަރެމެން މިހާރުވެސް މިއުޅެނީ ވަރަށް ގިނަ ކުދިން ތަކެއް ބެލުމާ ހަވާލުވެގެންނޭ،" ޓިނާ ބުންޏެވެ.
ޓިނާއަށް އެވަގުތު އެ ހިޔާލު ކަމަކުނުދިޔަ އެވެ. ނަމަވެސް ޗުއްޓީ ހަމަޖެއްސި ތަނަށް ދާން ކާރުގައި ކުރި އަށް ގަޑިއިރުގެ ދަތުރުގައި ޓިނާ އަށް ބައްޕަގެ އެ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ވިސްނުނެވެ. އެ ޚިޔާލާ ދުރުނުވިވެގެން އެންމެ ފަހުން ފިރިމީހާގެ ޚިޔާލަކަށް ޓިނާ އެދުނެވެ. ބެންޖަމިން ބުނީ އޭގެ ފަހުން މުޅި ދަތުރުގައި އޭނާއަށް ވެސް އެ ފިކުރުތަކާ ދުރު ނުވެވުނު ކަމަށެވެ.
ކާރުގައި އިނދެގެން ޓިނާގެ ރިސާޗްތައް ފެށި އެވެ. އަދި ފިރިމީހާއާ މައުލޫމާތު ހިއްސާ ކުރަން ފެށި އެވެ. ޗުއްޓީ ނިމުނުއިރު އެމީހުން ވަނީ އެކަމާ ގުޅޭ ވަރަށް ގިނަ މައުލޫމާތާއި އެކަން ކުރެވޭނެ ތަންތަން ވެސް ހޯދާފަ އެވެ.
ނަމަވެސް އެކަން ކުރާނީތޯ ޓިނާ އަށް ނިންމުނީ އެތައް ހަފުތާއެއް ފަހުންނެވެ. އެ ދެމަފިރިން އެންމެ ފަހުން އެމްބްރިޔޯ އެޑޮޕްޝަނަށް އެޕްލިކޭޝަން ހުށަހަޅަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަމަށް ބޭނުންވާ ބޭސް ބޭނުންކުރަން ފެށި އެވެ. އަދި "މޮކް ޓްރާންސްފާ" އެއް ހެދި އެވެ. މިއީ ޓިނާގެ ރަހިމު މިފަދަ އެމްބްރިޔޯ އިމްޕްލާންޓަކަށް ގާބިލްތޯ ބަލަން ސިލްސިލާކޮށް ހެދި މެޑިކަލް ޓެސްޓްތަކެކެވެ. ހުރިހާ ކަމެއް ބަރާބަރުވުމުން މާޗް މަހު އެ އާއިލާއިން އެކަމަށް ތައްޔާރުވި އެވެ.
ދެން އެމީހުންނަށް ޖެހުނީ އެމްބްރިޔޯ ހަދިޔާކޮށްފައިވާ މީހުންގެ ޕްރޮފައިލް ބަލާފައި އޭގެ ތެރެއިން އެމްބްރިޔޯއެއް ޚިޔާރު ކުރާށެވެ. ބެންޖަމިން ބުނި ގޮތުގައި ދެ ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި އެމީހުން 300 ވަރަކަށް ޕްރޮފައިލް ބެލި އެވެ. މި ޕްރޮފައިލްގައި ހުންނަނީ އެމްބްރިޔޯގެ އަސްލު މައިންބަފައިންގެ ޖެނެޓިކްސް މައުލޫމާތުތަކެވެ.
ނަމަވެސް އެމީހުން ފުރަތަމަ ޚިޔާރުކުރި އެމްބްރިޔޯ ބޭނުންކުރެވޭ ގޮތެއް ނުވި އެވެ. އެމީހުންނަށް ލިބުނީ ދެވަނަ އަށް ޚިޔާރުކުރި އެމްބްރިޔޯ އެވެ.
މިއީ ދުނިޔޭގެ ރެކޯޑެއްކަން އެމީހުންނަށް އެނގުނީ އެމްބްރިޔޯ އިމްޕްލާންޓް ކުރުމަށް ފަހު އެ މަސައްކަތް ކޮށްދިން ޑޮކްޓަރު ސަމަސޯލްޓް އެ ވާހަކަ ވިދާޅުވުމުންނެވެ. ޓިނާ ބުނީ އެމީހުންނަކީ ކޮންމެހެން ދުނިޔޭގެ ރެކޯޑެއް ހަދަން ބޭނުންވެގެން އުޅުނު ބައެއް ނޫން ކަމަށެވެ.
"އެންމެ ދުވަސްވީ އެމްބްރިޔޯ އަކީ ކޮބައިކަން ވަކިކުރުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫން. އެމްބްރިޔޯތަކަށް ވީ ދުވަސް ސަރުކާރަކަށް ވެސް އަންގާކަށް ނުޖެހޭ. އެހެންވެ އެ ރެކޯޑް އެއްވެސް މީހަކު އަތަކު ނޯންނާނެ،" ނިއު ހޯމް ފާޓިލިޓީ ސެންޓަރުގެ އިސް ވެރިއެއް ކަމަށްވާ ޑރ. ޒަހޭރް މަރްހީ ވިދާޅުވި އެވެ.
އެމްބްރިޔޯ ހަދިޔާކޮށްފައިވާ އެކެއްގެ ތިން "ސްނޯ ބޭބީޒް" ޓިނާ ގެ ހަށިގަނޑުގައި އިމްޕްލާންޓް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ކުއްޖަކަށް ބަދަލުވީ އެންމެ އެމްބްރިޔޯއެކެވެ.
ޓިނާ ބުނީ އޭނާގެ ދަރިފުޅަކީ މުއުޖިޒާތެއް ފަދަ ކުއްޖެއް ކަމަށެވެ. ބަލިވެ އިނދެ ޓިނާއަށް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ނޮވެމްބަރު މަހު އޭނާ ވަނީ 20 ގަޑިއިރު ބަނޑުގައި ރިހުމަށް ފަހު ވިހާފަ އެވެ. ވިހޭއިރުވެސް އެމާގެ ހިތުގެ ހިނގުން މުޅިން ބަރާބަރެވެ.
ދަރިމައިވުމާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޖޭސަން ބެރިޓް ވިދާޅުވީ އާއްމު ގޮތެއްގައި އައިވީއެފްގައި ބޭނުން ނުކޮށް ބާކީ ވަނީ 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ދަރިފަންޏެވެ. މިހާރު އައިވީއެފް ކާމިޔާބުވާ ރޭޓް މަތިވުމުން އައިވީއެފް ހަދަން ތައްޔާރުކުރަނީ މަދު އެމްބްރިޔޯއެކެވެ.
"ބައެއް ފަހަރަށް ދެމަފިރިން އެމީހުން ބޭނުންވާ ވަރަށް ދަރިން ލިބުމުން ބާކީ ހުރި އެމްބްރިޔޯތައް ބޭނުމެއް ނުވޭ. އެމީހުން އެ އެމްބްރިޔޯތައް ނައްތާލަން ނޭދެންޏާ އެ އެއްޗެތި ރައްކާކޮށްފައި ހުންނާނެ ކިތަންމެ ޒަމާނެއް ވިޔަސް،" އޭނާ ވިދާޅުވި އެވެ.
އެމާ އަކީ ވެސް އެގޮތަށް ބަޔަކު ދޫކޮށްފައިވާ އެމްބްރިޔޯތަކުގެ ތެރެއިން އެއް ބަ އެވެ.
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ހަމަޖެއްސިކަން އިއުލާނުކޮށްފި
ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު
ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި
އުއްމީދުގެ ހުޅުކޮޅު، ރާއްޖޭން އައިވީއެފް!
ކޮންމެ ހަ މީހަކު އެކަކަށް ދަރިން ނުލިބޭ