14 ފެބުރުއަރީ 2018
ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް "އިލްހާމްވެފައި" ވަނިކޮށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުން ރޭ ވިދާޅުވެއްޖެ އެވެ.
ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް "އިލްހާމްވެފައި" ވަނިކޮށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުން ރޭ ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ދީގެންނާއި ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގުގައި ކަޅު ފޮއްޓެއް ފެނުނީ، ފުލުހުން ބުނެފައިވާ ގޮތުގައި، މައުމޫންގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހީމް ދިރިއުޅޭ ގެއިންނެވެ. ރިޝްވަތާ ގުޅޭ ކިތާބީ ގިނަ ހެކިތަކެއް އެ ފޮށިން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފޮށިން ފެނުނު ޑޮކިއުމެންޓެއްގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މެދުވެރިކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ބައްދަލުކޮށް، އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ވެސް ވަނީ އެނގިފަ އެވެ.
ނަޖުމާ ދިރިއުޅޭ ގެއިން އެ ފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެނގިފައިވާ ގޮތުގައި، މި މަހުގެ 6 ވަނަ ދުވަހެވެ. އޭގައި ތިން ލެޕްޓޮޕް ހުރި ކަމަށް ވެ އެވެ. އޭގެ ކުރިން ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު ވެސް އެ ފޮށި އެ ގޭގައި ހުރި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ރިޝްވަތުގެ މައްސަލައިގެ ތުހުމަތަށް ފުލުހުން ފުރަތަމަ އެ ގެއިން ގެންދިޔައީ ފޯނަކާއި ބުރުގަލެކެވެ.
ފަހުން ފެނުނު ފޮއްޓާ މެދު ވަކީލުން ގެންދަވަނީ ތަފާތު ސުވާލުތައް އުފައްދަވަމުންނެވެ. އެއީ ކޮންއިރަކު ބަލައި ފާސްކޮށްގެން ނަޖުމާގެ ގެއިން ހޯދި ފޮއްޓެއް ކަން އަދި އެ ފޮށީގައި އެއްޗެއް ހުރި ކަމުގެ ލިއުން މިހާތަނަށް ދީފައި ނުވާ ކަމަށް ވަކީލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޖުމާއަށް ތުހުމަތުތަކެއްކޮށް، ފުރަތަމަ އެ ގެ ބަލައި ފާސްކުރުމަށް ފަހު ދިން ލިއުމުގައި ފޮއްޓެއް ފެނުނު ވާހަކައެއް ނެތެވެ. އެހެންކަމުން ކަޅު ފޮއްޓެއްގައި ކިތާބީ ހެކި ހުރި ކަމަށް ފުލުހުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ފޮށި ފެނުމުގެ އެއް ދުވަސްކުރިން ފޮއްޓެއް ފެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އެގޮތަށް ވިދާޅުވި ފަހުން މި ފޮށި ފެނުނީ. އެހެންކަމުން މި ފޮށި ފެނުމާ ގުޅޭގޮތުން ވެސް އިލްހާމެއްބާ މިވީ؟ އެ ފޮށީގައި ހެކި ހުންނާނެ ކަމަށާއި އެ ފޮށިން ވަރަށް ބައިވަރު ހެކި ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮއްޓެއް ފެންނާނެ ކަމަށް ރައީސް ވިދާޅުވި ފަހުން ގެއަކުން ނެރުނު ފޮއްޓެއްގައި ހެކި އެބަހުރި ކަމަށް ފުލުހުން ވިދާޅުވުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަނެއް ކަންބޮޑުވުމަކީ، ފުލުހުން ތަހުގީގުކުރާ މައްސަލަތަކުގައި، މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ފުލުހުން ހެކި ހޯދާފައިވާތީ ކަމަށް ވިދާޅުވި އެވެ.
މައުމޫނު، ނަޖުމާއާ ސަލާމް ކުރައްވަނީ: ކަޅު ފޮށި ފެނުނީ އެ ގެއިން ކަމަށް ފުލުހުން ބުނޭ.
ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި، ފޮށި ހޯދި އުސޫލުން ފުލުހުން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރި ތެރޭގައި އޮތް ދަބަހަކުން ވެސް ހެކި ހޯދައިފަ އެވެ. އެ ދަބަހުން ވެސް ފުލުހުންނަށް ހެކި ލިބުނީ ބަލައި ފާސްކުރި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ، ނާޒިމްގެ ކޮޓަރިތެރޭގައި އޮތް ދަބަހުން ފެނުނު ކަމަށް ބުނާ ފިސްތޯލަ އަށެވެ. އެއީ ނާޒިމާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައިވާއިރު، އެ ފިސްތޯލަ އިން ފެނުނީ ވެސް އެމަނިކުފާނުގެ ޑީއެންއޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ހެކި ފުލުހުން ހޯދިއިރު އެ މައްސަލައިގެ ތުހުމަތަށް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި އެންމެންގެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ފުލުހުން ތަކުރާރުކޮށް ބުނާތީ ވެސް ސުވާލު އުފެދޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް، ފުލުހުން މައްސަލަ ތަހުގީގުކުރަން ޖެހޭނެ ކަމަށް ވަކީލުން ގަބޫލުނުކުރާއިރު ޕްރޮފެޝަނަލްކޮށޭ އަބަދު ބުނަން ޖެހޭ ސަބަބާ މެދު ވެސް ސުވާލު އުފެދޭ ކަަމަށް ޝަމީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދާއި ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ
މައްސަލަ ތަހުގީގުކުރުމުގައި ދެފުށް ފެންނަ ނަމަ، ކިތާބީ ހެއްކާއި ބޮޑެތި އަދަދުތަކުން ފައިސާ ފެނިއްޖެ ކަމަށް ފުލުހުން ބަޔާންދޭއިރު، އެކަމާ ގުޅޭގޮތުން ސުވާލެއް ކޮށްލަން ނޫސްވެރިންނަށް ފުރުސަތު ނުދެނީ ކީއްވެތޯ ވެސް ޝަމީމް ސުވާލު އުފެއްދެވި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެވެ.
އެކަމަކު އެ މައްސަލައިގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރީގެ އަމުރު ބާތިލްކޮށްފަ އެވެ.
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ހެކި ފޮރުވުމުގެ ތުހުމަތެއް މައުމޫންގެ މައްޗަށް ކޮށްފި
ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާ: ވަކީލް
މައުމޫނާ އަރަބިން ވާހަކަދައްކާތީ މައްސަލައަކަށް ވެއްޖެ
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ވަކީލަކު ހަމަޖައްސަން ޔުމްނާ އަށް ފަސް ދުވަސް ދީފި
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަނީ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫންގެ ވަކީލު ޝަމީމް ޕޮލިހަށް ހާޒިރުވާން އަންގައިފި