Roadha Mihaaru
"އުއްތަމަ ފަނޑިިޔާރާ ދޭތެރޭ އަމަލުކުރަނީ އިހާނެތިކޮށް"

އުއްތަމަ ފަނޑިޔާރާ ދޭތެރޭ އަމަލުކުރަނީ ވަރަށް އިހާނެތިކޮށް: ހިސާން

12 ފެބުރުއަރީ 2018

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

ހިސާން ވިދާޅުވީ ދޫނިދޫގައި އުއްތަމަ ފަނޑިޔާރު ބަހައްޓަވާފައި ހުންނަނީ ވަރަށް ކުޑަ ގޮޅިއެއްގައި ކަމަށެވެ. ހޫނު ގަދަ އެ ގޮޅީގައި ފަންކާއެއް ނެތް އިރު، ގޮޅި ތެރެ އިން ވަރަށް ނުބައި ވަސް ދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރާ ދޭތެރޭ އަމަލުކުރަނީ އެއްވެސް އިންސާނަކާ ދޭތެރޭގައި އަމަލު ކުރެވިގެންވާނެ ގޮތަކަށް ނޫނެވެ.

އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ހިސާން ކުރެއްވި ޓުވީޓް.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތު:

1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން.

2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން.

3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.

ފުލުހުން ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެ މަނިކުފާނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓު ތެރޭގައި އިންނަވަނިކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުން، ސިފައިންނާއި ފުލުހުން އެ ރޭ ސުޕްރީމް ކޯޓު ތެރެއަށް ވަދެ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގައި އިމާރާތް ކޮށްފައިވާ، އެޕާޓްމަންޓްތަކުން އެޕާޓްމަންޓެއް ބައްލަވައި ގަތުމަށް، ކުރި ރިޝްވަތުގެ މުއާމަލާތެއްގައި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންނެވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. އޭނާގެ އިތުރުން މިހާރު ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށް ވެސް މި ތުހުމަތު ކުރެ އެވެ.

ފުލުހުން ބުނެފައި ވަނީ، މި ބޭފުޅުން ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް މިހާރު ހޯދިފައިވާ ކަމަށެވެ.

މި ތުހުމަތުތައްކޮށް މައްސަލައިގެ ތަހުގީގު ފެށީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި މި މަހުގެ ފުރަތަމަ ދުވަހު އަމުރެއް ނެރުއްވުމާ ގުޅިގެންނެވެ. އެ އަމުރު ތަންފީޒު ނުކުރީ އެ ހުކުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ބެލެވޭ ކަންކަން ހުރުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރުމާއެކު، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފަ އެވެ.