14 ފެބުރުއަރީ 2018
ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވައި، ވެރިކަން ބަދަލު ކުރައްވަން އުޅުއްވި ކަމަށް ފުލުހުން ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި ގާނޫނާ ޚިލާފު އެފަދަ އަމަލެއް ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވައި، ވެރިކަން ބަދަލު ކުރައްވަން އުޅުއްވި ކަމަށް ފުލުހުން ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި ގާނޫނާ ޚިލާފު އެފަދަ އަމަލެއް ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސައިން އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ވަނީ ޖަވާބު ދެއްވައިފަ އެވެ.
ހިސާން ވިދާޅުވީ ފުލުހުންގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ. ބޮޑެތި ތުހުމަތުތަކެއް އަޅުވައި ފުލުހުން ބޭނުންވާ ވާހަކަތަކެއް އާއްމު ކުރަމުން ދިޔަ ނަމަވެސް ހައްޔަރުކުރި ފަހުން، އެ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް އުއްތަމަ ފަނޑިޔާރާ މިހާތަނަށް ސުވާލު ކޮށްފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.
"ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވާ. ގާނޫނާ ޚިލާފު އެފަދަ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް އެމަނިކުފާނު އެބަ ވިދާޅުވޭ،" ހިސާން ވިދާޅުވި އެވެ.
1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން.
2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން.
3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.
އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކުރި ފަހުން ތަހުގީގު ހިންގަން ފުލުހުން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ގާނޫނުލްއުގޫބާތުގެ 10 މާއްދާއާ ހަވާލާދީ އެ ބައްދަލުވުމުގައި ތިން ތުހުމަތެއް ފުލުހުން އިއްވި ކަމަށް ހިސާން ވިދާޅުވި އެވެ.
"އެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން ފުލުހުން ވިދާޅުވީ ތިމަންނާމެން މި ކުރާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތް ކަމަކަށް އެއްވެސް ތަނަކުން ކަނޑައަޅާފައެއް ނެތެއް ނޫންހޭ؟ އެހެންވީމާ އުއްތަމަ ފަނޑިޔާރަށް އެ ގޮތަށް [އަސާސެއް ނެތް ކަމަށް] ވިދާާޅެއް ނުވެވޭނެއޭ،" ތުހުމަތު އިއްވިއިރު ވަކީލެއްގެ ގޮތުން ވަޑައިގަތް ހިސާން ވިދާޅުވި އެވެ.
"ތުހުމަތުތަކަށް އިންކާރު ކުރުމަކީ މީހަކަށް ލިބިދޭ ވަރަށް އަސާސީ ހައްގެއް. އެ ހައްގު އެގޮތަށް ބޭނުން ނުކުރެވޭނެ ކަން އެންގުމުން އިތުރަށް އެއަކަށް އުއްތަމަ ފަނޑިޔާރު ޖަވާބެއް ނުދެއްވާ."
ހިސާން ވިދާޅުވި ގޮތުގައި ވަރަށް ގިނަ ހެކިތަކެއް ލިބިގެން މީޑިއާގައި ފުލުހުން އެ ވާހަކަ ދެއްކި ނަމަވެސް އެ ތުހުމަތުތަކުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވުމުގެ ހައްގެއް އުއްތަމަ ފަނޑިޔާރަށް މިހާތަނަށް ދީފައެއް ނުވެ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ތުހުމަތުކޮށްފައިވާ ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނަނީ، އެ މުއައްސަސާ އިން ކުރާހާ ތުހުމަތަކަށް އެއްބަސްވެވަޑައިނުގަންނަވާތީތޯ ހިސާން ސުވާލު އުފެއްދެވި އެވެ. ނުވަތަ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުން ދޭ ބަޔާނެއްގައި ހުރީ ތެދު ކަމަށް އެއްބަސްވެ ސޮއި ނުކުރައްވާތީތޯ ވެސް ހިސާން ސުވާލު އުފެއްދެވި އެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ހުރި ނަމަވެސް އެމަނިކުފާނަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ނޫން ކަން އެއްވެސް މުއައްސަސާއަކުން ކަނޑައަޅާފައި ނުވާކަން މާރިޔާ ފާހަގަކުރެއްވި އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރާ ދޭތެރޭގައި އަމަލުކުރަނީ އިންސާނަކާ ދޭތެރޭގައި އަމަލުކުރަން ހެޔޮނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާ މެދު ތަފާތުކޮށް އަމަލުކުރަމުންދާ ކަމުގެ ހެއްކެއްގެ ގޮތުން މާރިޔާ ވިދާޅުވީ، ވަކީލެއްގެ ހައިސިއްޔަތުން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޭނާ އަށް މިހާތަނަށް ދީފައި ނުވާ ކަމަށެވެ. އެކަމަކު ބަންދުގައި ތިބި އޭނާގެ އެހެން މުވައްކިލުންނާ ބައްދަލުކުރައްވަން ފުރުސަތު ދިނުމުން، އެއީ ވެސް ކަނޑައެޅިގެން އުއްތަމަ ފަނޑިޔާރާ މެދު އަމަލުކުރާ ގޮތެއް ކަން ސާފުވި ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހައްޔަރުކޮށްގެން އުޅެނީ ސ. މީދޫ އަލިވާގޭ އަބްދުﷲ ސައީދެއް ނޫން. ހައްޔަރުކޮށްގެން އުޅެނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު. މިއީ ދިވެހި ފުލުހުންނާއި ސިފައިން އެހެން ހުރިހާ ބޭފުޅުން ވެސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާ ނުލައި ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ރިއާޔަތްކުރައްވައި މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓަކަށް ވަނީ އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތުން ކަން ގާނޫނުއަސާސީގައި ސާފުކޮށް އޮތީ ބަޔާންކޮށްފަ އެވެ. ގާނޫނުއަސާސީގައި އެހެން ލިޔެފައި އޮއްވައި، އެއާޚިލާފަށް އެ ކޯޓުން އަމުރުތަކެއް ނުނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ގާނޫނުއަސާސީން ސިފައިންނާ މަތިކޮށްފައިވާ ގާނޫނީ ޒިންމާއަކަށްވާތީ، އެމަނިކުފާނު ބަންދުކޮށްފައި ހުއްޓަސް އެ ގާނޫނީ ވާޖިބު އަދާކުރަން ޖެހޭ ކަމަށެވެ. ގާނޫނާ ޚިލާފަށް އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވާތީވެ، އެމަނިކުފާނު މިނިވަންކުރަން ހެބިއަސްކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ސިފައިންނާއި ފުލުހުން އެ ރޭ ސުޕްރީމް ކޯޓު ތެރެއަށް ވަދެ އެވެ.
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
"އުއްތަމަ ފަނޑިިޔާރާ ދޭތެރޭ އަމަލުކުރަނީ އިހާނެތިކޮށް"
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް