Roadha Mihaaru
ބިންހެލުމުގައި އިމާރާތްތައް އަރިވެ، ގަނބައިގެން ދިޔަ

ބިންހެލުމުގައި ބައެއް އިމާރާތްތައް އަރިވެ އަނެއް ބައި އިމާރާތް ގަނބައިގެން ދިޔަ

07 ފެބުރުއަރީ 2018

ޓައިޕެއި (ފެބްރުއަރީ 7) - ޓައިވާނަށް ރޭ އައި ބާރުގަދަ ބިންހެލުމުގައި ބައެއް އިމާރާތްތައް އަރިއަޅާލައި އަނެއް ބައި އިމާރާތްތައް ގަނބައިގެން ހިނގައްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓައިޕެއި (ފެބްރުއަރީ 7) - ޓައިވާނަށް ރޭ އައި ބާރުގަދަ ބިންހެލުމުގައި ބައެއް އިމާރާތްތައް އަރިއަޅާލައި އަނެއް ބައި އިމާރާތްތައް ގަނބައިގެން ހިނގައްޖެ އެވެ.

ރިކްޓާ މިންގަނޑުން 6.4 ގެ ބާރު މިނުގައި އައި ބިންހެލުމުގައި މިހާތަނަށް ވަނީ ހަތަރު މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ޓައިވާނުގެ މަޝްހޫރު ޓޫރިސްޓް ސިޓީއެއް ކަމަށްވާ ހުއަލިއެން އަށް އައި ބިންހެލުމުގައި ގެއްލިފައި ވަނީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.

މީހުން ސަލާމަތް ކުރުމުގައި އެންމެ އިސްކަން ދެނީ އާއްމުން ދިރިއުޅޭ އިމާރާތެއް ކަމަށްވާ ޔުން ސުއި އަށެވެ. ރެސްޓޯރެންޓަކާއި ފިހާރަތަކާ އަދި ހޮސްޓެލްއެއް ހިމެނޭ 12 ބުރީގެ އިމާރާތް ވަނީ ވަރަށް ބޮޑަށް އަރި އަޅާލައިފަ އެވެ. އިމާރާތުގެ ތިރީ ބައިތައް ވަނީ ބިމަށް ގަނބައިގެންފަ އެވެ.

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް ގަނބައިގެން ގޮސްފައި. --ފޮޓޯ:އޭއެފްޕީ

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް ގަނބައިގެން ގޮސްފައި. --ފޮޓޯ:އޭއެފްޕީ

ނޭޝަނަލް ފަޔާ އެޖެންސީން ބުނީ އެ އިމާރާތުގައި އުޅޭ މީހުންގެ ތެރޭން 143 މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ. އެކަމަކު ގެއްލުނު މީހުން އިމާރާތުގެ ތެރޭގައި ތާށިވި ކަމެއް ނުވަތަ އެ މީހުން ސަލާމަތްވެފައިވާ ކަމެއް ވެސް ނޭނގެ އެވެ.

އެ އިމާރާތާ ކައިރީގައި ދިރިއުޅޭ މީހަކު ބުނީ އިމާރާތް އަރިއަޅަމުން ދިޔަ މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

"އެ އިމާރާތުގެ ފުރަތަމަ ބުރި ބިމަށް ގަނބައިގެން ދިޔަ މަންޒަރު ފެނުނު. އިމާރާތް ތިރިވަމުން ގޮސް ހަތަރު ވަނަ ބުރި އެންމެ ފަހުން ހުރީ ފުރަތަމަ ބުރިއަށްވެފައި،" ލުއި ޗިން-ސޮން، 35، ބުންޏެވެ.

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރި އަޅާލާފައި. --ފޮޓޯ:އޭއެފްޕީ

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރި އަޅާލާފައި. --ފޮޓޯ:އޭއެފްޕީ

ޗެން ޗިން-ވެއި، 80، ބުނީ ބިން ހެލުން އައި އިރު އޭނާ އޮތީ އިމާރާތުގެ އެންމެ މަތީ ބުރީގައި ނިދަން ކަމަށެވެ.

"ކުއްލި އަކަށް އަހަރެން އޮތް އެނދު ހުރީ ތެދަށް. ނިދަން އޮތް މީހާ ހުރީ ކޮޅަށް،" އޭއެފްޕީ އަށް އޭނާ ބުންޏެވެ.

ޗެން ބުނީ ފިރުކިފައި ބެލްކަނީއާ ހަމައަށް ގޮސް އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި ހުއަލިއެން ސިޓީގައި ދިރިއުޅުނު 50 ވަރަކަށް އަހަރު ތެރޭ އެހާ ވަރުގަދަ ބިންހެލުމެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ބިންހެލުމުގައި ހުއަލިއެން ސިޓީގެ އިތުރު ފަސް އިމާރާތަކާއި ހޮސްޕިޓަލަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ބޮޑު ގެއްލުމެއް ލިބުނު މާޝަލް ހޮޓަލުގެ ތިރީ ބުރިތައް ވެސް ވަނީ ބިމަށް ގަނބައިގެންފަ އެވެ.

ބިންހެލުމަށް ފަހު އަންނަ ލޮޅުންތަކާ ގުޅިގެން ބައެއް މީހުން އިމާރާތްތަކަށް ވަންނަން އަދިވެސް ތިބީ ބިރުންނެވެ. އޮފިޝަލުން ބުނީ ވަގުތީ ހިޔާތަކުގައި 830 މީހުން މިއަދު ހެނދުނު ތިބި ކަމަށާއި 1،900 ގޭގައި ކަރަންޓް ނެތް ކަމަށެވެ.

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރި އަޅާލާފައި. --ފޮޓޯ:އޭއެފްޕީ

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރި އަޅާލާފައި. --ފޮޓޯ:އޭއެފްޕީ