Roadha Mihaaru
ރާއްޖެ ކައިރިއަށް ކުޑަ ބިންހެލުމެއް، ނުރައްކަލެއް ނެތް

ރާއްޖެ ކައިިރިއަށް ކުޑަ ބިންހެލުމެއް އަތުވެއްޖެ؛ ނުރައްކަލެއް ނެތް!

30 ޑިސެމްބަރ 2024

ރާއްޖޭގެ ވެރިރަށް، މާލެއާ 900 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ވެރިރަށް، މާލެއާ 900 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ 4.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ އެވެ. އަދި ނުރައްކަލެއް ނެތް ކަމަށް ވެސް ބުންޏެވެ.

އެ ބިން ހެލުން އައިސްފައި ވަނީ މާލެއާ 912 ކިލޯމީޓަރު ދުރަށް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރެއް އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.

އެ ބިންހެލުން އައީ މިއަދު މެންދުރު ފަހު 1:38 ގައި، އިންޑިއާ ކަނޑުގެ އަޑީގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށެވެ. އެއީ، ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ. މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެ އެވެ. ރާއްޖެއިން އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަނީ އައްޑު އަތޮޅެވެ.

އެ ސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ ޖުލައި 15، 2003 ގަ އެވެ. އެއީ 7.6 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.

ބިންހެލުން އާންމުކޮށް އުފެދެނީ ޓެކްޓޯނިކް ދެ ޕްލޭޓު ގުޅޭ ސަރަހައްދުތަކުގައި، އެއް ޕްލޭޓު އަނެއް ޕްލޭޓްގެ ހަރަކާތްތަކާ ގުޅިގެން އަންނަ ގުޑުމެއްގެ ސަބަބުންނެވެ. އެ ގޮތަށް ދެ ޕްލޭޓު ޖެހުމުން، އެ ސަރަހައްދުގައި ޖަމާވެފައި ހުންނަ ހަކަތަ ބޭރުވެ، ސައިސްމިކް ރާޅުތަކެއް އުފެދެ އެވެ. އެ ހިނދު، ދެ ޕްލޭޓު ދުރުވެ، ބިންހެލުމެއް އުފެދެނީ އެވެ.

މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26 ގައި އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް ސުނާމީ އަރައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެއީ 9.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އެއީ ދުނިޔެއަށް ތިންވަނަ އަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.