Roadha Mihaaru

އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ބިންހެލުމެއް އަތުވެއްޖެ؛ ރާއްޖެއަށް ނުރައްކަލެއް ނެތް!

އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް ރޭ އަތުވެއްޖެ އެވެ.

ބިންހެލުމެއް އަތުވެއްޖެ؛ ރާއްޖެއަށް ނުރައްކަލެއް ނެތް!
އިފްރާޒް އަލީ
އިފްރާޒް އަލީ

29 ޖުލައި 2025

އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް ރޭ އަތުވެއްޖެ އެވެ.

އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ރޭ 11:40 ހާއިރެވެ.

އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ) އިން ދެންމެ ނެރެފައިވާ ބުލެޓިންއެއްގައި ބުނީ، 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިން ކަމަށެވެ. މިހާތަނަށް ބެލިބެލުމުން މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށް އެ ސެންޓަރުން ބުންޏެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް އެ ސެންޓަރުން ނެރެފައެއް ނުވެ އެވެ.

ނިކޮބާ އައިލެންޑްސް އޮންނަ ސަރަހައްދަކީ ވަރަށް އާންމުކޮށް ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ.

މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވެސް ބުންޏެވެ.

ޖާމަން ރިސާޗް ސެންޓާ ފޯ ޖިއޯސައިންސް (ޖީއެފްޒީ) އިން ބުނީ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައި ކަމަށް ރޭ ރެކޯޑްކުރެވިފައިވާ ކަމަށެވެ. އަދި އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ އިންޑޮނޭޝިއާގެ ސަބަންގުއާ 258 ކިލޯމީޓަރު ދުރުން 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ސެންޓަރަށް ރޭ ރެކޯޑްކުރެވިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ސަބަންގު އާއި އިންޑިއާގެ ނިކޮބާ އައިލެންޑްސްއާ ދެމެދުގައި ހުންނަނީ 807 ކިލޯމީޓަރުގެ ދުރުމިނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުން 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުންގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި، މާލޭގެ ބައެއް ހިސާބުތަކަށް މިރޭ ބިންހެލުމުގެ އިހުސާސްކުރެވުނެވެ. ގޭތެރޭގައި ހުރި އެއްޗެހި ގުޑި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.