Roadha Mihaaru

މެޓްގެ ލަފާ: ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު، އައްޑޫގައި ވިލާ ގިނަވެދާނެ

މިރޭ ހަނދު ކޭތަ ހިފާ ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުޑުމަތި އާންމު ގޮތެއްގައި ސާފުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
އިފްރާޒް އަލީ
އިފްރާޒް އަލީ

07 ސެޕްޓެމްބަރ 2025

މިރޭ ހަނދު ކޭތަ ހިފާ ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުޑުމަތި އާންމު ގޮތެއްގައި ސާފުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ މޫސުން މިރޭ އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އުތުރާއި މެދު ތެރޭގެ ހިސާބުތަކަށް އުޑުމަތި ސާފުވާނެ ކަމަށާއި ވިލާ މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު، އައްޑުއަށް ކޮންމެވެސް ވަރަކަށް ވިލާކޮޅެއް އުޅެދާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިރެޔަކީ މިއިން ޒަމާނަކު ވެސް ނުފެންނާނެ ތަފާތު ގޮތަކަށް އުޑުމަތި ފެންނާނެ ރެޔަކަަށް ވާނެ އެވެ. މިއީ، މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު "ބްލަޑް މޫން" އެއް ފެންނާނެ ރެޔެކެވެ.

އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ، ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު މިރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެތީ މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.

ހަނދު ކޭތަ ހިފާއިރު ހަނދު ރަތް ކުލައިން ފެންނަނީ ހަނދަށް ލިބޭ އިރުގެ އަލި، ދުނިޔޭގެ ޖައްވުގެ ތެރެއިން ރިފްލެކްޓުވެ، ފެތުރިގެން ގޮސް ހަނދަށް ފޯރާތީ އެވެ. އެއީ ރެޑް ވޭވްލެންތުތަކަށް ވުރެ ބްލޫ ވޭވްލެންތުތައް ކުރުވުމުން، ދުނިޔޭގެ ޖައްވުގެ ތެރެއިން ދަތުރުކުރާ އިރު، އެ އަލިކަން ފަސޭހައިން ފެތުރިގެން ދާތީ އެވެ.

ރާއްޖެއަށް ހަނދުކޭތަ ހިފަން ފަށާނީ މިރޭ 8:28 ގަ އެވެ. އަދި ކޭތަ ފުރިހަމަވެ ހަނދު އެއްކޮށް ގެއްލޭނީ މިރޭ 10:30 ގަ އެވެ. މި ފުރިހަމަ ކޭތަ ނިމޭނީ އެއް ގަޑިއިރާއި 22 މިނެޓް ފަހުން 11:52 ގަ އެވެ. އަދި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގަ އެވެ.

ހަނދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ މިރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.