Roadha Mihaaru

ކަނޑުތައް ވަރަށް ގަދަ؛ ކޮންމެހެން ފުރަން ޖެހިގެން ނޫނީ ދަތުރުނުކުރަން އެދިއްޖެ

މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފުން މިއަދު އެދިއްޖެ އެވެ.

ކަނޑުތައް ވަރަށް ގަދަ؛ ދަތުރުނުކުރަން އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

18 ޖުލައި 2025

މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފުން މިއަދު އެދިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވެ، ވިއްސާރަކޮށް އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދުމަށް އެދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ގޯސް ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް އަދި ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ އެވެ. އަދި އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ އެވެ.

މެޓް އޮފީހުން ދެންމެ ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް، މިރޭ 10:00 އިން މެންދަމު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިއަދު ހެނދުނު ކުރި ވިއްސާރާގައި ހުޅުމާލެއަށް 52 މޭލަށް ވައިބާރުވެ ވަނީ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުން ލިބިފަ އެވެ.

މެޓް އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ވިލާގަނޑުގައި އިއްޔެ އެންމެ ވައިބާރުވީ ފ. ނިލަންދުއަށެވެ. އެ ރަށަށް ވަނީ 61 މޭލުގެ ބާރުމިނުގައި ވައިޖެހިފަ އެވެ.