Roadha Mihaaru
ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އެދެފި

ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

11 ނޮވެމްބަރ 2021

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ކުދި އުޅަނދުތަކުގައި ކަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ކުދި އުޅަނދުތަކުގައި ކަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުން މުހިންމު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހާއްސަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

ކުރިއަަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖެެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވައި ގަދަވެފައި ކަނޑުތައް ވެސް ގަދަވާނެ އެވެ.

އެހެންވެ ނ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް މިއަދު ވަނީ ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. އެއީ ވައި ގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ ނެރޭ އެލާޓެވެ.