Roadha Mihaaru
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

މޫސުން ގޯސްވެފައި ވާތީ ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

12 އޮކްޓޯބަރ 2022

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

އެމްއެެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އޮޑިވެރިންނާއި ކެޕްޓަނުންނާއި ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައި ކަން ޔަގީންކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެމެވެ،" އެމްއެންޑީއެފުން ބުންޏެވެ.

ދަތުރުކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން ދިވެހި ސިފައިން އެދެ އެވެ. ދަތުރުތައް ފެށުމުގެ ކުރިން މޫސުމަށް ބަލައި، ރައްކާތެރި މަގެއް ހިޔާރުކޮށްގެން ދަތުރުކުރުމަަކީ ވެސް އެމްއެންޑީއެފުގެ އިލްތިމާސެކެވެ.

މެޓުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.