30 ނޮވެމްބަރ 2017
ސްރީ ލަންކާގެ ކައިރީގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ކޮށް، މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ސިފައިންގެ ކޯސްޓް ގާޑްގެ ހަތް އުޅަނދެއް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއދު ބުނެފި އެވެ.
ސްރީ ލަންކާގެ ކައިރީގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ކޮށް، މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ސިފައިންގެ ކޯސްޓް ގާޑްގެ ހަތް އުޅަނދެއް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއދު ބުނެފި އެވެ.
ކޯސްޓް ގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް (އެމްއައި) ވިދާޅުވީ ކަނޑުމަތީގެ ތަފާތު 16 ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގައި އާއްމުންގެ ފުރާނަ އާއި މުދާ ރައްކާތެރި ކޮށްދިނުމަށް ކޯސްޓް ގާޑުގެ ހަތް އުޅަނދެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި މީހުންނާއި މުދާ ރައްކާތެރި ކޮށްދިނުމަށް ކޯސްޓް ގާޑްގެ ފަސް އުޅަނދެއް އަންނަނީ ހަރަކާތްތެރިވަމުން. އޭގެ އިތުރުން ރާއްޖޭގެ އުތުރުގައި ދެ އުޅަނދެއް އެބަ ހަރަކާތްތެރިވޭ. އަދި އިތުރު ހަތަރު އުޅަނދު އެބައޮތް ސްޓޭންޑްބައިގައި،" އެމްއައި ވިދާޅުވި އެވެ.
މާލޭ ބަނދަަރުން ދޯންޏެއް މިއަދު ނުކުންނަނީ: ކަނޑުމަތީގެ ތަފާތު 16 ހާދިސާއެއް ހިނގާފައިވޭ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މޫސުން ގޯސްވެ، ކަނޑު ގަދަވެ ބޯކޮށް ވާރޭހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ އާއްމުންގެ ފުރާނަ އާއި މުދާ ރައްކާތެރި ކޮށްދިނުމުގައި އެހީތެރިވުމަށެވެ.
"މިހާތަނަށް ހިނގި ހާދިސާތަކަށް ބަލާއިރު ނުރައްކާތެރި އެއް ހާދިސާ ހިނގާފައި ވަނީ. މާލެ އިން ފުރަައިގެން ރިސޯޓަކަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ދިއުމުން އޭގައި ތިބި މީހުން ވަނީ ސަލާމަތް ކުރެވިފައި. އޭގެ އިތުރުން އެ ދޯނި ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" އެމްއައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދޯނި އަޑިއަށް ދިޔައީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިވަގުތު ކުޑަކޮށް މައިތިރިކޮށް އޮތް ނަމަވެސް ކުރިއަށް އޮތް ތަނުގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާފާނެތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން އަޅުގަނޑުމެން މިތިބީ،" އެމްއައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ހިނގި 16 ހާދިސާގެ ތެރޭގައި ނުރައްކާތެރި ހަތަރު ހާދިސާއެއް ހިމެނޭ ކަމަށެވެ.
"ގިނަ ހާދިސާތައް ކޮންޓްރޯލް ކުރެވިފައި ވަނީ. މިކަހަލަ ސައިކްލޯނިކް ޑިޕްރެޝަނެއްގައި ވައިގަދަވެ، ކަނޑުގެ ބާނި ވެސް ގަދަވާނެ. އަޅުގަނޑުމެން އިލްތިމާސް ކުރަން ބަނދަރުގަ އާއި ބޭރުގައި އަޅާފައިވާ އުޅަނދުތައް ރައްކާތެރި ގޮތަކަށް ބަލަހައްޓަން،" އެމްއައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގަމުންދާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑްގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެމްއައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިވެ ތިބުމަށް. އަޅުގަނޑުމެންގެ ފަރާތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ކޯސްޓް ގާޑްގެ އުޅަނދެއް ދުއްވާފައި ދަނީ: ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓް ގާޑްގެ ހަތް އުޅަނދެއް ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފުން ބުނޭ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކޮޅިގަނޑުގެ އަސަރު މަޑުމަޑުން ހުޅަނގު އުތުރަށް ޖެހެމުން ދާއިރު އޭގެ ވިލާތައް ރާއްޖެ މައްޗަށް ވެސް އަރަމުންދާ ކަމަށެވެ. އެހެންވެ ގަދަ ވަޔާ އެކު ވިއްސާރަކުރަމުން ދާ ކަމަށް މެޓުން ބުންނެވެ.
އެ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންވެ ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރަށް ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާއިރު، ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަން ވެސް ފާހަގަކުރި އެެވެ.
ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އެދެފި
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ފެންބޮޑުވާނެ ކަމަށް ލަފާކޮށް، އޮރެންޖު އެލާޓް ނެރެފި
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ދިޔަވި ސަފާރީ އަޑިއަށް ހިނގައްޖެ
ކުރިއަށް އޮތީ މޫސުން ގޯސް 24 ގަޑިއިރު
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ
ކަނޑުތައް ގަދަވެ، މުޅި ރާއްޖެއަށް މޫސުން ގޯސް!