Roadha Mihaaru
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް

05 އޯގަސްޓް 2024

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުރުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

"ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ،" މެޓް އޮފީހުން ބުންޏެވެ.

މާލެ އާއި ވިލިމާލެ ދަތުރުކުރާ ފެރީއެއް މޫސުން ގޯސް ދުވަހެއްގައި ދަތުރުކުރަނީ.-- ފޮޓޯ: ނިޝަން އަލީ | މިހާރު

މާލެ އާއި ވިލިމާލެ ދަތުރުކުރާ ފެރީއެއް މޫސުން ގޯސް ދުވަހެއްގައި ދަތުރުކުރަނީ.-- ފޮޓޯ: ނިޝަން އަލީ | މިހާރު

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުން ދާއިރު، ކަނޑުމަތީގެ ހަ ހާދިސާއެއް ރޭ އެކަނިވެސް އެމްއެންޑީއެފަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ އެތަނުން ތިން ހާދިސާއެއް ހިނގި ސަރަހައްދަށް ކޯސްޓްގާޑު ދިޔަ ކަމަށެވެ.

މި ހާދިސާތަކުގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

މެޓުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި، ރޭ އެންމެ ގިނައިން ވާރޭވެހުނީ ފުވައްމުލަކަށެވެ. އެ ރަށަށް 68 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ގދ. ފަރެސްމާތޮޑާއަށް 45.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.