Roadha Mihaaru

ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އިފްރާޒް އަލީ
އިފްރާޒް އަލީ

28 އޯގަސްޓް 2025

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ހއ. އިން ފެށިގެން ށ. އަތޮޅަށް މިރޭ މެންދަމު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަނުން އެކަށީގެން ވާތީ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

ށ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވަނީ މެންދަމު 3:00 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަނުން އެކަށީގެން ވާތީ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން މިއަދު ބުނި ގޮތުގައި، މާދަމާ އާއި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވެ އެވެ.

ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ ހުޅަނގު މޫސުމުގެ ފުރަ ނަކަތުން ފަސްވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ އެވެ. މި ނަކަތާ އެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެ އެވެ. ވައިޖެހޭނީ އާންމުކޮށް ހުޅަނގު އުތުރުންނެވެ. އަދި މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅުވާނެ އެވެ.