Roadha Mihaaru

ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!

ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.

މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ޖުލައި 2025

ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފައިވާ ކަމަށެވެ.

މެޓުން ލަފާ ކޮށްފައި ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެހެންވެ އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ވިއްސާރަ ދުވަހެއް -- ފޮޓޯ: މިހާރު

ވިއްސާރަ ދުވަހެއް -- ފޮޓޯ: މިހާރު

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށާއި، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވަނީ އެދިފަ އެވެ.

މެޓުން، ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މިއަދު މެންދުރުން ފެށިގެން މިރޭ 8:00އާ ހަމައަށް މެޓުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މާދަމާ އެވެ.

ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.