Roadha Mihaaru
މޫސުން ގޯސްވެ ދެ ދޯންޏެއް އަޑިއަށް ހިނގައްޖެ

މޫސުން ގޯސްވެ ދެ ދޯންޏެއް އަޑިއަށް ހިނގައްޖެ

30 ނޮވެމްބަރ 2017

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި، ދެ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށާއި ދަތުރުކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި، ދެ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށާއި ދަތުރުކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އިން ފުރައިގެން މާލެ އަތޮޅު ތާޖް ކޮރަލް ރީފަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް ހެނދުނު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ކުނި ބަރުކޮށްގެން ދިޔަ ދޯންޏެއް ވެސް މެންދުރު ދޮންވެލި ރިސޯޓް ކައިރި އަށް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ބުންޏެވެ.

ތާޖް ކޮރަލް ރީފް ކައިރިއަށް އަޑިއަށް ދިޔައީ "ޒޯރޯ 4" ނަމަކަށް ކިޔާ ދޯންޏެކެވެ، އެމްއެންޑީއެފުން ބުނީ އެ ދޯނި އަޑިއަށް ދިޔައީ ތާޖް ކޮރަލް ރީފް ކައިރީގައި އޮތް ދޮންވެލިގަނޑަކަށް ބީހުމުންނެވެ. އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ކޮށްފައިވަނީ ހެނދުނު 10:10 ގަ އެވެ.

އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ދެ ބިދޭސީއަކާއި ދިވެއްސަކު ތިއްބެވެ. އެ އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރި "ހިތްވަރު 3" ނަމަކަށް ކިޔާ ދޯނި ދޮންވެލި ރިސޯޓް ކައިރިއަށް އަޑިއަށް ދިޔަކަމުގެ ރިޕޯޓް ކޮށްފައި ވަނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދުރު 12:25 ގަ އެވެ. ކުނި ބަރުކޮށްގެން ދަތުރުކުރި އެ ދޯނިީގައި ތިބި އެއްވެސް މީހަކަށް ވެސް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައަކީ ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް އެތަނުން ބުނެފައިވެ އެވެ. މޫސުން ގޯސްވެ ކަނޑު ގަދަވުމުން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކަނޑުމަތީގެ 14 ހާދިސާއެއް މިހާތަނަށް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.