Roadha Mihaaru
އުއްތަމަ ފަނޑިޔާރާ އަދިވެސް ބައްދަލު ނުކުރެވޭ: ހިސާން

އުއްތަމަ ފަނޑިޔާރާ އަދިވެސް ބައްދަލެއް ނުކުރެވޭ: ހިސާން

06 ފެބުރުއަރީ 2018

ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ރޭ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް އަދި ނުލިބޭ ކަމަށް އެބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ރޭ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް އަދި ނުލިބޭ ކަމަށް އެބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާން ކުރުމާއެކު، ސަލާމަތީ ބާރުތަކުން ރޭ ވަނީ ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ. އެ ބޭފުޅުން ހައްޔަރުކުރީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުރުމުން، ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ވަކީލް ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރުމުގެ ފުރުސަތު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. ހިސާންގެ އިތުރުން އެހެން ބައެއް ވަކީލުން ވެސް އެ މައްސަލާގައި ހަރަކާތްތެރިވާ ކަމަށް ވަނީ އެނގިފަ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ރޭ ގެންދިޔައީ ދޫނިދުއަށް ކަމަށްވެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެބޭފުޅުން ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ވެރިކަން ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.

ހިސާންގެ ޓްވީޓް

ކުއްލި ހާލަތު އިއުލާންކޮށް ނެރުނު ގަރާރުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ މާއްދާ ހިފަހައްޓާފައިވާތީ، މިވަގުތު އެއިން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރު ކުރާކަށް ނުޖެހޭނެ އެވެ. އަދި ހަނު ހުރުމުގެ ހައްގު ވެސް އެ ގަރާރުން ވަނީ ހިފަހައްޓައިފަ އެވެ.