13 ނޮވެމްބަރ 2018
"އަލްއުސްތާޒު އަބްދުﷲ ސައީދު އަދިވެސް ހުރީ ޖަލުގައި"، މިހެން ޖަހާފައި ހުރި ކަރުދާސްގަނޑެއް ހިފައިގެން، ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީ، އެކަނިމާއެކަނި އިބްރާހިމް ސައީދު އިންނަތާ އޭރު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ އެވެ. މަގުމަތިން ދާ ބައެއް މީހުން ހުއްޓި، ބަލައިލުން ފިޔަވާ، އޭނާ އަށް ލިބުނު ސަމާލުކަމެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވަޑައިގެން ފޮޓޯއެއް ނެންގެވި އެވެ.
"އަލްއުސްތާޒު އަބްދުﷲ ސައީދު އަދިވެސް ހުރީ ޖަލުގައި"، މިހެން ޖަހާފައި ހުރި ކަރުދާސްގަނޑެއް ހިފައިގެން، ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީ، އެކަނިމާއެކަނި އިބްރާހިމް ސައީދު އިންނަތާ އޭރު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ އެވެ. މަގުމަތިން ދާ ބައެއް މީހުން ހުއްޓި، ބަލައިލުން ފިޔަވާ، އޭނާ އަށް ލިބުނު ސަމާލުކަމެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވަޑައިގެން ފޮޓޯއެއް ނެންގެވި އެވެ.
އޭނާ އެތަނުގައި އިނީ ކީއްވެގެން ކަމާ މެދު އެކަކު ސުވާލު ނުކުރިޔަސް އިބްރާހިމް ބުނީ އޭނާގެ ބޭބެ އަށް ނުހައްގުން ލިބެމުން ދާ އަނިޔާތަކާ ދެކޮޅަށް އަޑުއިއްވާނެ ކަމަށެވެ. އަދި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދު ޖަލުގައި ހުންނަވަން ޖެހޭނެ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް ވެސް ބުންޏެވެ.
"ގައުމަށް އޮތް ނުރައްކަލެއް ކަމަށް ފެނިގެން ހައްޔަރުކުރީ، އެކަމަކު އޭރު އެގޮތަށް ހައްޔަރުކުރި އެހެން މީހުން ދޫކޮށްލައިފި،" އަބްދުﷲ ސައީދުގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިންގެ ތެރެއިން އެންމެ ހަގަށް ހުރި އިބްރާހިމް ބުންޏެވެ.
އޭގެ ސަބަބެއް ކަމަށް އޭނާ ދެއްކި ފެބްރުއަރީ 1 ގެ އަމުރުގައި އޮތް ހުރިހާ ކަމެއް ހަމަ އެގޮތަށް ވެ ނިމިއްޖެ އެވެ. އޭނާގެ ވާހަކައިގެ މުރާދަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިހާރު ނިންމާފައިވުމާއި އޭރު ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ކުށްވެރިންގެ ތެރެއިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނޫން އެހެން ހުރިހާ ބޭފުޅުން މިނިވަންވުން ފަދަ ކަންކަމެވެ.
އުއްތަމަ ފަނޑިޔާރު: ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައި --ފޮޓޯ/މިހާރު
އަމުރުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ވެސް އެ އެވެ. އެކަމަކު އެ އަމުރަށް ސަރުކާރުން ތަބާވުމުގެ ބަދަލުގައި، ރައީސް އަބްދުﷲ ޔާމީން ފެބްރުއަރީ 5 ގައި އިއުލާންކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް، ސިފައިންގެ ބަޔަކު އެ އިމާރާތުގެ ފުރާޅު މަތިން އެތަނަށް ވަދެ، އެ ބޭފުޅުން ފުލުހުންނާ ހަވާލުކުރި އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އައީ، ތަހުގީގަށް ފޯނު ނުދެއްވި މައްސަލަ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސްއެޅި މައްސަލައިގެ އިތުރުން، ސަރުކާރުގެ މުވާސަލާތީ ވިއުގައެއް ކަމަށްވާ ޖެމްސް، ސުޕްރީމް ކޯޓުން ކަނޑާލުމުގެ މައްސަލައިގަ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދާ އެއްކޮށް ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިއްވި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަލީ ހަމީދުގެ ހުކުމާ ބެހޭ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ ނިންމާލި އެވެ. އެކަމަކު އަބްދުﷲ ސައީދުގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.
އިބްރާހިމް ބުނި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރަކީ ދައުލަތަށް އޮތް ނުރައްކަލެއް ކަމަކަށް، މިހާރު ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، ގަބޫލެއްނުކުރެވެ އެވެ. އެހެންކަމުން އަބްދުﷲ ސައީދު ޖަލުގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް އޭނާ ބުންޏެވެ.
"އަމުރުގައި ހިމެނޭ ކަންކަން ފުރިހަމަނުކުރާ ނަމަ ބުނެވިދާނެ ކަންނޭނގެ ނުރައްކަލެއް އޮތޭ. އެކަމަކު އެ އަމުރުގެ ހުރިހާ ކަމެއް ހަމަ އެގޮތަށް ވެ ނިމިއްޖެ،" އިބްރާހިމް ބުންޏެވެ.
ސުޕްރީމް ކޯޓާ މެދު އާންމުންގެ އިތުބާރު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ޚާއްސަކޮށް އުއްތަމަފަނޑިޔާރަކަށް އަބްދުﷲ ސައީދު ހުންނެވި އިރު، ފެބްރުއަރީ 1 ގެ ކުރިން، ސަރުކާރަށް ފައިދާވާ ގޮތަށް އަދި ގާނޫނުއަސާސީއާ ވެސް ޚިލާފަށް ބައެއް ހުކުމްތަކާއި އަމުރުތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ރަައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކެއް، ގާނޫނުއަސާސީގައި ނެތީސް، ކަނޑައެޅުން ހިމެނެ އެވެ.
އެކަމަކު އަބްދުﷲ ސައީދު ހުންނަވައިގެން ޖުޑިޝަރީ އެހާ ގޯސްވެދާނެ ކަމަކަށް އިބްރާހިމް ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭނާ ބުނީ އަބްދުﷲ ސައީދަކީ ހުރިހާ ވަގުތެއްހެން ޝަރުއީ ދާއިރާގެ ދިރާސާތަކާއި މަސައްކަތްތަކަށް ހުސްކުރެއްވި ބޭފުޅެއް ކަމަށެވެ.
"ބޭބެއަކީ ވަރަށް އިލްމީ، ވަރަށް މައުލޫމާތު މުއްސަނދި، ގާނޫނީ ބޭފުޅެއް،" އިބްރާހިމް ބުންޏެވެ.
ޖުޑިޝަރީގައި ހުރި ބޮޑެތި މައްސަލަތައް ސިޔާސީ މީހުންނާއި އާންމުން ފާހަގަކުރިޔަސް، އިބްރާހިމް ބުނި ގޮތުގައި، އެ ހުރިހާ ކަމަކާ މެދު ވިސްނާނެ ހައިސިއްޔަތެއް އޭނާގެ ނެތެވެ. އެއީ އޭނާގެ ދާއިރާ ވެސް ނޫން ކަމަށް ބުންޏެވެ.
އަބްދުﷲ ސައީދާ ދެކޮޅަށް ރިޝްވަތުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. މާލެއިންނާއި މެލޭޝިއާ އިން އަގުބޮޑު ފްލެޓްތައް ބައްލަވައިގަންނަވަން އުޅުއްވީ، ފެބްރުއަރީ 1 ގެ އަމުރު ނެރުއްވަން އޮތް މާލީ ނުފޫޒުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އެކަމަކު އިބްރާހިމް ބުނި ގޮތުގައި އަބްދުﷲ ސައީދަކީ އެމަނިކުފާނުގެ ދިރިއުޅުއްވުން ވެސް، އަދި އާއިލާގެ އެހެން މީހުންގެ ދިރިއުޅުން ވެސް މާ މައްޗަށް ގެންދަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނެވެ. އެހެންކަމުން ރިޝްވަތު ނުނަންގަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުންޏެވެ.
"އަބްދުﷲ ސައީދު ދަންނަ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ރިޝްވަތު ނަގާފާނެއޭ. އަޅުގަނޑަށް ވެސް ހަމަ ޔަގީން ރިޝްވަތު ނުނަގާނެކަން،" އިބްރާހިމް ބުންޏެވެ.
ބޭބެގެ ހައްގުގައި އެހެން އެއްވެސް މީހަކު ނުނިކުތަސް، އިބްރާހިމް ބުނީ، އޭނާ އެ އަޑު އިއްވާނެ ކަމަށެވެ. އެގޮތުން ސޯލްޓް ރެސްޓޯރެންޓް ދޮށަށް ވެސް ދާނެ ކަމަށް ބުންޏެވެ.
"އެއީ ސިޔާސީ ވަރަށް ގިނަ ބަޔަކު ދާ ތަނެއް، ގާނޫނީ އެތައް ބަޔަކު ދާ ތަނެއް. އަޅުގަނޑު މި އަޑު އިއްވާނަން،" އިބްރާހިމް ބުންޏެވެ.
ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
"އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދީ"
ކުއްލި ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި