Roadha Mihaaru
ސޭވް ދަ ޗިލްރަން އޮފީހަށް ދިން ބޮމުގެ ހަމަލާގައި ދެ މަރު

ސޭވް ދަ ޗިލްރަން އޮފީހަށް ދިން ބޮމުގެ ހަމަލާގައި ދެ މަރު

24 ޖެނުއަރީ 2018

ކާބުލް (ޖެނުއަރީ 24) - އަފްޣާނިސްތާނުގެ އިރުމަތީގައި ހުންނަ ސޭވް ދަ ޗިލްރަންގެ އޮފީހަށް ހަނގުރާމަވެރިން ކާރު ބޮމާއި ބަޑިން ދިން ހަމަލާތަކުގައި ދެ މީހުން މިއަދު މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (ޖެނުއަރީ 24) - އަފްޣާނިސްތާނުގެ އިރުމަތީގައި ހުންނަ ސޭވް ދަ ޗިލްރަންގެ އޮފީހަށް ހަނގުރާމަވެރިން ކާރު ބޮމާއި ބަޑިން ދިން ހަމަލާތަކުގައި ދެ މީހުން މިއަދު މަރުވެއްޖެ އެވެ.

ޖަލާލްއާބާދުގައި ހުންނަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތުގެ އޮފީހުގައި ޖާނުންފިދާވާ މީހަކު ގޮއްވާލި ކާރު ބޮމުގެ ހަމަލާގައި މަރުވެފައި ވަނީ ފުލުހަކާއި އާއްމުންގެ މީހެކެވެ. ހަމަލާގައި ވަނީ ހަނގުރާމަވެރިންގެ ދެ މީހުން ވެސް މަރުވެފަ އެވެ. އަދި އިތުރު 12 މީހަކު ވަނީ ޒަޚަމްވެފަ އެވެ.

ހަމަލާ ދިން އިމާރާތުގައި މިހާރު ދަނީ ސްޕެޝަލް ފޯސަސް އިން ހަރަކާތްތެރިވަމުންނެވެ. އިމާރާތުގެ އެތެރޭގައި މިހާރު ތިބީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

ތާލިބާން ޖަމާއަތުން ބުނެފައި ވަނީ އެ ހަމަލާގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.

ސޭވް ދަ ޗިލްރަންގެ އޮފީހަށް ހަމަލާދީފައި މިވަނީ ކާބުލްގައި ހުންނަ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ހަމަލާދީ 22 މީހުން މި ހަފުތާގައި މަރާލާފައި ވަނިކޮށެވެ. އެ ހަމަލާގެ ޒިންމާ ވަނީ ތާލިބާނުން އުފުލައިފަ އެވެ.