Roadha Mihaaru
ކާބުލްގައި ބިދޭސީން ތިބޭ ތަނަކަށް ވަރުގަދަ ހަމަލާއެއް

ކާބުލްގައި ބިދޭސީން ތިބޭ ތަނަކަށް ވަރުގަދަ ހަމަލާއެއް ދީފި

01 އޯގަސްޓް 2016

ކާބުލް (އޮގަސްޓް 1) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބިދޭސީ ކޮންޓްރެކްޓަރުން ތިބޭ ތަނަކަށް ރޭ ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އޮގަސްޓް 1) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބިދޭސީ ކޮންޓްރެކްޓަރުން ތިބޭ ތަނަކަށް ރޭ ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ރޭ ދަންވަރު ދިން މި ހަމާލާ އިން މުޅި ކާބުލް އަށް ވަނީ ގުދުން އަރުވާލައިފަ އެވެ. ހަމަލާގެ ބާރުގަދަވުމުން ކާބުލްގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ. ހަމަލާ ދީފައި ވަނީ ތާލިބާނުންގެ ހަނގުރާމަވެރިންނެވެ.

ކާބުލް ފުލުހުންގެ ވެރިޔާ އަބްދުލް ރަހުމާން ރަހީމީ ވިދާޅުވީ ލޮރީއަކަށް ގޮވާ ތަކެތި އަރުވައިގެން ނޯތު ގޭޓް ކަމްޕައުންޑުގައި ގޮއްވާލުމަށް ފަހު ދެ މީހަކު ބަޑި ހިފައިގެން އެތެރެއަށް ވަދެ ހަމަލާދިން ކަމަށެވެ. ބަޑީގެ ހަމަލާގައި ފުލުހުންގެ އޮފިސަރަކު މަރުވި އިރު ހަމަލާ ދިން ހަނގުރާމަވެރިންގެ ދެ މީހުން ވެސް ވަނީ މަރާލައިފަ އެވެ. މި ހަމަލާތަކުގައި ވަނީ ފުލުހުންގެ ވަރަށް ގިނަ މީހުން ޒަޚަމްވެފަ އެވެ. ނަމަވެސް އެ އިމާރާތުގައި ދިރިއުޅޭ އެކަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ދަނީ ސަލާމަތީ ފިޔަަވަޅުތައް ބަލަހައްޓަމުން. --ފޮޓޯ:ރޮއިޓާސް

ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ދަނީ ސަލާމަތީ ފިޔަަވަޅުތައް ބަލަހައްޓަމުން. --ފޮޓޯ:ރޮއިޓާސް

ނޯތު ގޭޓް އިމާރާތް އާއްމުކޮށް ބޭނުން ކުރަނީ ބިދޭސީންނެވެ. މިއީ ވަރަށް ރަނގަޅަށް ސަލާމަތީ ކަންކަން ބަލަހައްޓާ ހިސާބެކެވެ. މީގެ ތިން އަހަރު ކުރިން ވެސް ވަނީ މި އިމާރާތަށް ހަމަލާދީފަ އެވެ.

"އަހަރެން ވެސް ނިދަން އުޅެނިކޮށް އެ ހަމަލާ ދިނީ. އެއީ ވަރަށް ބާރު އަޑުފައްގަނޑެއް. ގޮވުމުގެ އަޑާ އެކު ކަރަންޓް ވެސް ކަނޑައިގެން ދިޔަ،" ކާބުލްގައި ދިރިއުޅޭ އިނާމުﷲ ޚާން ކިޔާ މީހަކު ބުންޏެވެ.

އަފްޣާނިސްތާން ބްރޯޑްކާސްޓް ސިސްޓަމްގެ ސީއޯއޯ އަންދުރިއާސް ވިލްމާސް ބުނީ އޭނާ އަފްޣާނިސްތާނުގައި ދިރިއުޅޭތާ އަށް އަހަރު ވެއްޖެ ކަމަށާއި އެކަމަކު އެހާ ބާރު އަޑުފައްގަނޑެއް ކުރިން ނީވޭ ކަމަށެވެ.

މިދިޔަ ހަފުތާގައި ކާބުލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޖާނުންފިދާވުމުގެ ދެ ހަމަލާއެއްދީ 80 މީހުން މަރާލާ 230 މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.