Roadha Mihaaru
ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރު

ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރާލައިފި

04 އޮކްޓޯބަރ 2021

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ދިން ބާރުގަދަ ކާރުބޮމުގެ ހަމަލާއެއްގައި މަދުވެގެން 13 މީހަކު މަރުވެ، 32 މީހަކު ޒަހަމްވެއްޖެ އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ދިން ބާރުގަދަ ކާރުބޮމުގެ ހަމަލާއެއްގައި މަދުވެގެން 13 މީހަކު މަރުވެ، 32 މީހަކު ޒަހަމްވެއްޖެ އެވެ.

ތާލިބާނުންގެ އިސް ވެރިންނާއި އަފްގާނު ސަރުކާރުގެ އިސް ވެރިންތަކެއް ބައިވެރިވި އެއްވުމަކަށް އަމާޒުކޮށް ދިން މި ހަމަލާގެ ޒިންމާ، މިހާތަނަށް ވަކި ބަޔަކު ނުއުފުލި ކަމުގައި ވިޔަސް، ތާލިބާނުން މިހާރު ވަނީ ޝައްކު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

އަފްގާނު ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާ ދިނީ، އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ ވަކީލު ޒަބީހުﷲ މުޖާހިދުގެ މަންމަ ނިޔާވުމުން، އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔުމުގެ ގޮތުން، ކާބުލްގެ މިސްކިތެއްގެ ކައިރީގައި ބޭއްވި އެއްވުމެއްގަ އެވެ. ބޮން ގޮއްވައިލި ވަގުތު، ތައުޒިޔާގެ ހަފްލާގައި ތާލިބާނުންގެ އިސް ވެރިންތަކެއްގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ވެސް ތިއްބެވި އެވެ.

މި ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތުގެ ތެރެއިން، ތާލިބާންގެ ހަނގުރާމަވެރިން ގެއެއް ހިސޯރުކޮށްގެން ތިއްބައި، އެ ގޭ ތެރެއިން ނުކުތް ތިން މީހަކު ވަނީ އެ މީހުންގެ ހަށިގަނޑުގައި ބަނދެފައި ހުރި ގޮވާތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފައި ކަމަށް އަފްގާނު ސަރުކާރުން ބުނެ އެވެ. ކާބުލްގެ އުތުރުގައި އޮންނަ ޚައިރު ޚާނާ ކިޔާ އަވަށުގައި ހިނގި އެ ހާދިސާގައި އަމިއްލައަށް މަރުވި އެ ތިން މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ތިން މީހުންނެވެ.

އެ ތިން މީހުން އަމިއްލަ އަށް ހަށިގަނޑު ގޮއްވައިލުމުގެ ކުރިން، އެ ހިސޯރުކޮށްގެން ތިބި ތާލިބާނުންގެ ހަނގުރާމަވެރިންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި އެވެ. ނަމަވެސް އެ ތަނުން ފިލައިގެން ދެވޭނެ އެއްވެސް ގޮތެއް ނެތްކަން ޔަގީންވުމުން އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވީ އެވެ.

އަނެއްކޮޅުން އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އަޚުންދް ވިދާޅުވި ގޮތުގައި، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، ބޭރު ގައުމުތަކުގައި ހިފަހައްޓާފައި ހުރި އަފްގާނު ސަރުކާރުގެ ފައިސާތައް ދޫކޮށްލެވޭނެ ގޮތެއް ވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަފްގާނިސްތާނުގެ ވިޔަފާރިވެރިންނާއި ބޭންކުތަކުގެ ވެރިންނާއި ދީނީ އިލްމުވެރިންނާ އެކު، ކަންދަހާރުގައި ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކާ އެކުގައި މިހާރު ކުރަމުން އަންނަ މަޝްވަރާތަކުން ރަނގަޅު އަލިމަގެއް ފެންނާނެ ކަމުގެ އުންމީދު އެބަ އޮތެވެ.

އޭގެ އިތުރުން، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ މީހުން އެ ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް ގަތަރު އެއާވޭސްގެ މަތިންދާބޯޓުތަކުން މިހާރު ވެސް އެބަ ކުރިއަށް ގެންދެ އެވެ. މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށް ދިޔުމަށް ފަހު، އާންމުން އުފުލުމަށް ގަތަރު އެއާވޭސް އިން ބޭއްވި ފަސް ވަނަ ޗާޓަރު ދަތުރު އިއްޔެ ބޭއްވި އެވެ.

ކާބުލް އިން ގަތަރުގެ ވެރިރަށް ދޯހާ އަށް އެ ފްލައިޓްގައި ދަތުރުކުރި 235 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ގައުމު ދޫކޮށް ހިޖްރަ ކުރި އަފްގާނިސްތާނުގެ އާންމު ރައްޔިތުންނެވެ. އެމީހުން ގަތަރަށް ދިއުމަށް ފަހު، ވަޒަންވެރިވުމަށް ދާނީ ވިލާތުގެ އެހެން ގައުމަކަށެވެ.