Roadha Mihaaru
ނެރުމައްޗަށް ފީނުން: ނުރައްކާ ނަމަވެސް އާންމުކަމެއް

ނެރުމައްޗަށް ފީނުން: ނުރައްކާ ނަމަވެސް އާންމުކަމެއް

22 ޖެނުއަރީ 2018

ނެރުމައްޗަށް ފީނުމަކީ މަނާކަމެކެވެ. ސަބަބަކީ ފަޅަށް ވަންނަން އަންނަ އުޅަނދު ފަހަރުން ޖެހި ފީނަން އޮންނަ މީހާއަށް އަނިޔާއެއް ވެދާނެތީ އެވެ. ނަމަވެސް އެގޮތަށް ފީނާ އުޅުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނެރުމައްޗަށް ފީނުމަކީ މަނާކަމެކެވެ. ސަބަބަކީ ފަޅަށް ވަންނަން އަންނަ އުޅަނދު ފަހަރުން ޖެހި ފީނަން އޮންނަ މީހާއަށް އަނިޔާއެއް ވެދާނެތީ އެވެ. ނަމަވެސް އެގޮތަށް ފީނާ އުޅުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.

އެފަދަ ހިތާމަވެރި ހާދިސާއެއް ހޮނިހިރު ދުވަހު ވެސް މިވަނީ ހިނގައިފަ އެވެ. ޑިންގީއެއްގައި ޖެހިގެން ރ. މާކުރަތުގައި މަރުވި ޒުވާނާ ފީނަން އޮތީ އެ ރަށު ނެރުމަތީގައި ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

އެރަށު ކައުންސިލް މެމްބަރު ހުސެއިން އިމާދު ވިދާޅުވިގޮތުގައި އަބްދުލް އަޒީޒް ހަސަންގެ ގައިގައި ޖެހުނީ އެ ރަށު ފަޅަށް ވަންނަން ދިޔަ ޑިންގީއަކުންނެވެ. އޭރު އަޒީޒް ފީނަން އޮތީ ނެރުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޒީ ފީނަން އޮތީ އޮންނަން ނުޖެހޭ ހިސާބެއްގައި. ފަޅަށް ވަންނަން އަންނަ ޑިންގީއެއް އަންނާނީ ވަރަށް ބާރަށް،" ހުސެއިން ވިދާޅުވި އެވެ.

ފަޅަށް ވަންނަން އަންނަ އުޅަނދު ފަހަރު ބާރު ސްޕީޑުގައި ދުއްވާފައި އަންނައިރު ފީނަން މީހަކު އޮތްކަން ގިނަ ފަހަރަށް ނޭންގޭނެ އެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް ފީނުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ އެތައް ހާދިސާއެއް ހިނގުން ގާތް ކަމެކެވެ.

ފްރީ ޑައިވިން އިންސްޓްރަކްޓާ ޓްރޭނަރެއް ކަމަށްވާ ފަހުދު ފާއިޒް ވިދާޅުވި ގޮތުގައި ކަނޑިންމަ ކައިރިއަށް ފީނުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

"ކަނޑިންމަ ކައިރިއަށް ފީނާއިރު ސޭފްޓީއަށް ވިސްނަން ޖެހޭނެ. ރިސްކް ބައި ކުޑަކޮޑްލާތީ [ހޮނިހިރު ދުވަހު ހިނގި ހާދިސާ] އެކަލަ ކަންކަން އެދިމާވަނީ. ރިސޯޓްތަކުގައި ވެސް ރަށް ވަށައިގެން ފީނޭނެ. އެކަމަކު ކަނޑިންމަ ކައިރިއަށް ނުފީނުމަށް އޮންނާނެ އަންގައިފަ،" ފަހުދު ވިދާޅުވި އެވެ.

ކަނޑިންމަ ކައިރިއަށް ފީނުން މަނާކަން ކައުންސިލްތަކުން ރައްޔިތުންނަށް އަންގަންޖެހޭ ކަމަށް ވެސް ފަހުދު ވިދާޅުވި އެވެ.

ފީނާ ސަރަހައްދުތަކަކީ އުޅަނދު ފަހަރު ދުއްވާ ސަރަހައްދުތަކަކަށް ވުމުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ފަހުދު ވިދާޅުވި ގޮތުގައި ފީނަން އޮތްކަން އަންގައިދިނުމަށް ފީނާ ސަރަހައްދުގައި ބޮއިހަރުކޮށް، އޭގައި ދުރުން ފާހަގަވާ ކަހަލަ ކުލައެއްގެ ދިދައެއް ހަރުކޮށްފައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ފީނަން ފައިބާއިރު އެ ސަރަހައްދުގައި ޑިންގީއެއްގައި މީހަކު ބޭންދުން މުހިންމު ކަމަށާއި އޭރުން ނުރައްކަލެއް ވުމުގެ ކުރިން އެ މީހެއް މެދުވެރިކޮށް އެހީތެރިވެވޭނެ ކަމަށް ފަހުދު ވިދާޅުވި އެވެ.

"ދިދައެއް އިނިއްޔާ ކެޕްޓަނުންނަށް އެނގޭނެ އެ ސަރަހައްދެއްގައި ފީނަނީކަން. ދެން މީހަކު ޑިންގީއެއްގައި އިނިއްޔާ އެ މީހަކަށް އިޝާރާތް ކުރެވޭނެތާ ކަމެއް ހިނގުމުގެ ކުރިން،" ފަހުދު ވިދާޅުވި އެވެ.

މާލެ ސަރަހައްދަކީ ގިނަ އުޅަނދުފަހަރު ދުއްވާ ސަރަހައްދަކަށް ވުމުން މާލެ ވަށައި ފީނުމަކީ ވެސް ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ފަހުދު ވިދާޅުވި އެވެ.