Roadha Mihaaru

ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ މަރުގެ ތަހުގީގަށް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި

ސިންގަޕޫރު ސްކޫލެއްގެ ދަރިވަރުންތަކެއް ސްކޫލް ޓްރިޕެއްގައި އދ. ދިގުރަށަށް ގޮސް އުޅެނިކޮށް އޭގެ ތެރެއިން ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.

ސިންގަޕޫރު ކުއްޖާގެ މަރު: ތަހުގީގަށް ބަޔާން ނަގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

18 ޖުލައި 2025

ސިންގަޕޫރު ސްކޫލެއްގެ ދަރިވަރުންތަކެއް ސްކޫލް ޓްރިޕެއްގައި އދ. ދިގުރަށަށް ގޮސް އުޅެނިކޮށް އޭގެ ތެރެއިން ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.

ފުލުހުން މިއަދު އިނގިރޭސި ބަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޓް (އެސްޖޭއައި) އިންޓަނޭޝަލްގެ ދަރިވަރުންތަކެއް ކުރި ދަތުރެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ޖެންނާ އެރިއާނޭ ޗެން ޒީއެންގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެފަދަ މައްސަލަތައް ބެލުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ އޮނިގަނޑުގެ ތެރެއިން ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށެވެ.

ސްކޫލްގެ ވޭލް ޝާކް ޕްރޮޖެކްޓެއްގައި ރާއްޖެ އައި ކުދިންގެ ތެރޭގައި ހިމެނުނު 15 އަހަރުގެ ޖެންނާގެ މަރުގެ ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން ކުރިން ބުނެފައި ވަނީ އެ ކުއްޖާ މަރުވީ "ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން" ކަމަށެވެ.

ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ އެދުވަހުގެ ހެނދުނު 9:55 ހާއިރު ކަމަށާއި އަދި ޒަހަމްވި ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން އެ ދުވަހު ބުންޏެވެ.

އެކަމަކު އޭރު "މިހާރު"އާ ވާހަކަދެއްކި، އެ މަންޒަރު ދުށް މީހަކު ބުނީ އެ ހާދިސާ ހިނގީ ކުދިން މޫދަށް ބޭލުމަށްފަހު ދޯނި ފަހަތަށް ޖެހުމުން ކަމަށެވެ.

ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އައީ "ނެޝަނަލް ޔޫތު އެޗީވްމަންޓް އެވޯޑް"ގައި ހިމެނޭ ގްރޭޑް 9 ގެ ދަރިންވަރުންގެ ޓީމެކެވެ. އެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސްކޫލްގެ ވެރިންނާއި މަރުވި ކުއްޖާގެ ބެލެނިވެރިން ވެސް ރާއްޖެ އައިސް، އެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދާފައިވެ އެވެ.

އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ނުވަތަ އދ. އަތޮޅުގައި ފެހުރިފި އުޅޭ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ދާ ނަމަ، އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރަން މަސައްކަތް ފަށައިފަ އެވެ.