ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް، ހައި ކޯޓުން ނުނިމި އޮތުމުން އިންސާފުގެ ދޮރު ބަންދު ވެފައިވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.
18 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް، ހައި ކޯޓުން ނުނިމި އޮތުމުން އިންސާފުގެ ދޮރު ބަންދު ވެފައިވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އޮތީ ނިންމާލައިފަ އެވެ. އެކަމަކު ހުކުމެއް އަދި ނީއްވަ އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ބަންދާ ގުޅޭ މައްސަލަތަކަކީ ވަރަށް އަވަހަށް ހައި ކޯޓުން ނިންމާ ބާވަތުގެ މައްސަލަތަކެއް ކަމަށާއި ފާރިސްގެ މައްސަލަ އަށް ވުރެ ފަހުން ހުށަހެޅި އެފަދަ މައްސަލަތައް ވެސް ހައި ކޯޓުން މިހާރު ނިންމާފައިވާ ކަމަށެވެ. އެކަމަކު ހަ މަސް ވީއިރު ވެސް، ފާރިސްގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލައިގެ ހުކުމާ ހަމައަށް ފަނޑިޔާރުންނަށް މިހާރު އޮންނާނީ ވާސިލް ވެފައި ކަމަށާއި އެހެންވެ އެ މައްސަލަ އިތުރަށް ލަސްވާން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އާންމު އުސޫލެއްގެ ގޮތުން އެންމެ އަވަސް މައްސަލަތަކުގެ ގޮތުގައި ހައި ކޯޓުން ނިންމަވާފައި ހުރި ބާވަތުގެ މައްސަލަތައް މިއީ. ފާރިސްގެ މައްސަލާގައި މިހެން ލަސްވާތީ އަޅުގަނޑުމެން ކަންބޮޑުވަނީ." މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ދަންނަވަން މިޖެހުނީ ފާރިސަށް އިންސާފުގެ ލިބުމުގެ ދޮރުތައް ދިވެހިރާއްޖޭގެ ހައި ކޯޓުން ބަންދުވެފައި އޮތް ކަމަށް ގަބޫލު ކުރެވޭ ހިސާބަށް ގޮސްފިއޭ. އެބަ މަޖުބޫރުވޭ އެގޮތަށް ގަބޫލު ކުރަން،" މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ އިސްތިއުނާފްގެ މައްސަލަ އެންމެ ފަހުން ބައްލަވަމުން ގެންދެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ވެފައިވާތީ މައުމޫން ވިދާޅުވި ގޮތުގައި، އެ މައްސަލަ ދެން ބަލަން ޖެހޭނީ ފުރަތަމަ އެ މައްސަލަ ބެލި ބެންޗުންނެވެ. އާ ބެންޗަކާ އެކު މައްސަލަ އަލުން ބަލާ ނަމަ ފާރިސަށް އިންސާފު ލިބުން ލަސްވެގެންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލައިގެ އިތުރުން އިތުރު މައްސަލަތަކެއް ވެސް ފާރިސްގެ ފަރާތުން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކާ މެދު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ސަތޭކައަށް ވުރެ ގިނަ ދުވަސްވީ މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ބަލައިނުގަންނަ ކަމެއް، އިސްލާހު ކުރަންޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނާންގާ،" ކްރިމިނަލް ކޯޓުން ނިންމި އެކި ނިންމުންތައް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މައުމޫން ވިދާޅުވި އެވެ.
ދައުލަތުގެ އެކި އިދާރާތަކަށް 100 އަށް ވުރެ ގިނަ ސިޓީތައް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ނުލިބޭ ކަމަށް މައުމޫން ވިދާޅުވި އެވެ. އޭގެ ތެރެއިން ގިނަ ސިޓީތަކަކީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ފާރިސަށް ލިބެންޖެހޭ ހައްގުތައް ނުލިބިގެން ހުށަހެޅި ސިޓީތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޯސް ކަންކަން ދިފާއު ކުރުމަކީ ނުބައި މެސެޖެއް"
ކަފާލާތުގެ ދަށުން ހައި ކޯޓުން ފާރިސް މިނިވަންކޮށްފި
ފާރިސްގެ ހުކުމް ފަސްކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް
"ޝާފިއުގެ އިންޓަވިއުއާއެކު، ދައުވާގެ އަސާސެއް ނެތް"
ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް
ފާރިސްގެ އެދުމަކަށް އިސްތިއުނާފް ވެސް ކެންސަލް