Roadha Mihaaru
ފާރިސްގެ ހުކުމް ފަސްކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ

ފާރިސްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ މެދު ހައި ކޯޓުން މިއަދު ގޮތެއް ނިންމަނީ

30 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ މެދު ހައި ކޯޓުން މިއަދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ މެދު ހައި ކޯޓުން މިއަދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ހުކުމް ފާރިސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އިސްތިއުނާފް މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ.

ފާރިސްގެ އިސްތިއުނާފް ޝަރީއަތް މިއަދު ހެނދުނު ފެށުމާ އެކު، އޭނާގެ ވަކީލުންގެ ޓީމުން ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމައި ދިނުމަށް އެދިފަ އެވެ. އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެކަމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. ފާރިސްގެ ވަކީލުންނަށް ހައި ކޯޓުން މިހާރު އަންގާފައި ވަނީ މިއަދުގެ މެންދުރު ފަހު އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މީގެ އިތުރުން، އިސްތިއުނާފް މައްސަލަ ވެސް މި ހަފުތާގައި ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ފާރިސްގެ ފަރާތުން އިސްތިއުނާފް ނުކުތާތައް ޝަރީއަތަށް ހުށަހެޅުމެވެ. އެކަމަކު، މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވިއިރު ވެސް ފާރިސްގެ ފަރާތުން އިސްތިއުނާފް ނުކުތާތައް ހުށަހަޅައި ނުނިމޭތީ ފަނޑިޔާރުންގެ ބެންޗުން އެންގެވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދިއުމަށެވެ.

ފާރިސްގެ ފަރާތުން 27 ނުކުތާއެއް އެ މައްސަލާގައި ފާހަގަ ކުރާއިރު، އޭނާގެ ވަކީލުން މިއަދު ވަނީ ދައުވާ އުފުލުމުގެ މަރުހަލާ އާއި ދަށު ކޯޓުން އަމަލުކުރި އިޖްރާއާތުތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފަ އެވެ. އެގޮތުން، ފާރިސް އަށް ދައުވާ އުފުލީ ތަފާތު ކުރުމުގެ ތެރެއިން ކަމަށާއި އަދި އެ މައްސަލައިގެ ތަހުގީގުގައި ގާނޫނާ ޚިލާފް ކަންތައްތައް ހިނގާފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ބައެއް ހެކިން ހާޒިރު ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިން ދޮގު ހެކިބަސް ދީފައިވާ ކަމަށް ބެލެވޭއިރު، އެކަންކަމަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައި ނެތް ކަމަށެވެ. އަދި ދައުލަތުގެ ހެކިންގެ ހެކިބަސް ސިއްރުން ނެގީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގައި ދައުލަތުން އެގޮތަށް އެދިފައި ނެތީސް ކަމަށާއި އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ. އަދި ހެކި ސިއްރު ކުރުމުގެ އަމުރެއް ނެތީސް، ބައެއް ލިޔުންތައް ދައުލަތުން ސިއްރު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސިއްރުން ހެކިބަސް ނެގޭނީ ހެެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާއިރު، ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ އެއްވެސް އުސޫލެއް ނެތް ކަން ޝަމީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ، ސިއްރުން ހެކިބަސް ނެގޭނެ އެއްވެސް އުސޫލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް އެ ދައުވާކުރީ ޕީޕީއެމުން ވަކި ކޮށްފައި ވަނިކޮށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ކަމަށްވާތީ އެކަމާ ގުޅިގެން ވެސް ވަކީލުން ބައެއް ކަންކަން ފާހަގަކުރި އެވެ. ވަކީލް ޝަމީލް ވިދާޅުވީ ފާރިސް ޕީޕީއެމުން ވަކި ކޮށްފައިވާ ބުންޏަސް، ސައްހަ ގޮތެއްގައި އޭނާ ޕާޓީން ވަކި ކޮށްފައި ނެތް ކަމަށާއި މަޖިލީހުގެ އިދާރާއިން ވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އޭނާ ބަލައިގަންނަމުން ގޮސްފައިވުމަކީ އޭގެ ހެއްކެއް ކަމަށެވެ.

ދިދަ އާއި ލޯގޯ ބޭނުންކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެކަމަކު އޭނާއަކީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އޮތް ފަރާތެއް ނޫން ކަމަށް ޝަމީލް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ޝަމީލް ވިދާޅުވީ އަބްދުއްރަހީމް ހުރީ ޕާޓީގެ ނައިބު ރައީސް ކަމުން އޭރު ވަކި ކޮށްފައި ކަމަށާއި އަދި އޭނާ ވަކި ކޮށްފައި ނުވާ ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައި ވާއިރު، ޓެރަރިިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލަ ދަށު ކޯޓުގައި ދަނީ ހިނގަމުންނެވެ.