ގާނޫނާ ޚިލާފަށް މުއައްސަސާތަކުން ކުރާ ކަންކަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދިފާއު ކުރައްވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެއީ ދެވޭ ނުބައި މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލު، މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
09 އޯގަސްޓް 2017
ގާނޫނާ ޚިލާފަށް މުއައްސަސާތަކުން ކުރާ ކަންކަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދިފާއު ކުރައްވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެއީ ދެވޭ ނުބައި މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލު، މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމާ ގުޅިގެން، ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް މައުމޫން ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވާ ގޮތުން މީހަކު ހައްޔަރުކޮށްފި ނަމަ، އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަން ލާޒިމް ކުރާއިރު، އެކަން އެގޮތަށް ނުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ކަންކަން ފާހަގަ ކުރުމުން އޭގެ ދިފާއުގައި އެކި ސަބަބުތައް ޕީޖީގެ ފަރާތުން ދައްކަމުންދާ ކަމަށާއި އެކަމުން ދެވެނީ ނުބައި މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަސްމީ އިދާރާތަކުން ގާނޫނާ ޚިލާފްވުމަށް ލިބިދޭ އެންމެ ބޮޑު ބާރަކީ އެ ފަރާތްތައް ޖަވާބުދާރީ ކުރުވާ މުއައްސަސާތަކުން އަޅާނުލުން. އަޅާނުލުމަށް ވުރެ ގޯސް އެ ބޭފުޅުން ކުރައްވާފައި ހުރި ގޯސް ފޮރުވަން މަސައްކަތް ކުރުން." މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ ވަކީލް މައުމޫން: ފާރިސް ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކުރި އިޖްރާއަތު ގޯސްވުމުން ވެސް އެކަން ޕީޖީ ދިފާއު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި --ފޮޓޯ/މިހާރު
ފާރިސްގެ މައްޗަށް ކުރާ ތުހުމަތަކީ ޖިނާއީ ބޮޑު ތުހުމަތެއް ކަމަށް ޕީޖީގެ ފަރާތުން ހައި ކޯޓުގައި ބުނި ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. ގާނޫނުގައި އެގޮތަށް ނެތަސް އެއީ ބޮޑު ކުށެއް ކަމަށް ދެކޭ ކަމަށް ޕީޖީގެ ފަރާތުން ބުނި ކަމަށާއި އެއީ ޕީޖީ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ގާނޫނު ވަރަށް ސާފުވާނެ. ކޮންމެ ކުށެއް ވެސް ވަކިން ބަޔާންކޮށްފައި ހުންނާނެ. އެ ކުށުގެ ރުކުންތަކާއި އޭގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަން. ރިޝްވަތު ވެއްޖިއްޔާ ރިޝްވަތު. ކޮރަޕްޝަން ވެއްޖިއްޔާ ކޮރަޕްޝަން. ދޭތި އެއްފަހަރާ އެ ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ،" މައުމޫން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 31 ގައި އޮތް އަޑުއެހުމަކަށް ފަހު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
ފާރިސްގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށް ޕީޖީގެ ފަރާތުން ހައި ކޯޓުގައި ބުނި ކަމަށާއި އެހެން ކަމަށްވާ ނަމަ ފާރިސަށް ދައުވާ ނުކުރަނީ ކީއްވެގެންތޯ މައުމޫން ސުވާލު އުފެއްދެވި އެވެ. އެ މައްސަލަ ޕީޖީ ފޮނުވުމުގެ ކުރިން ޕީޖީ އޮފީހާ އެކު ކުރަންޖެހޭ މަޝްވަރާތައް މިއަދު ފަށާނެ ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށާއި އެކަމަކު އެ ތަހުގީގު އަދި މުޅިން ނިމުނު ކަމަށް ނުބެލެވޭ ކަމަށް ޕީޖީގެ ފަރާތުން ބުނި ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލާފައިވާއިރު، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވައިފަ އެވެ.
ރިޝްވަތުގެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
އިސްތިއުނާފު ނުނިމޭތީ އިންސާފުގެ ދޮރު ވަނީ ބަންދުވެފައި
ޕީޖީ އަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު!
އަމަލުކުރި އުސޫލެއް ގޯސްކަމަށް ދައުލަތުން އެއްބަސްވެއްޖެ
ކަފާލާތުގެ ދަށުން ހައި ކޯޓުން ފާރިސް މިނިވަންކޮށްފި
ފާރިސްގެ ހުކުމް ފަސްކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް
"ޝާފިއުގެ އިންޓަވިއުއާއެކު، ދައުވާގެ އަސާސެއް ނެތް"