03 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިނުމުގެ ކަމެއް ކުރުވާފައި ނުވާ ކަމަށް، ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރެވުނު އަހުމަދު ޝާފިއު އިންޓަވިއުއެއްގައި ބުނެފައިވާތީ، ފާރިސަށް ކުރާ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިނުމުގެ ކަމެއް ކުރުވާފައި ނުވާ ކަމަށް، ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރެވުނު އަހުމަދު ޝާފިއު އިންޓަވިއުއެއްގައި ބުނެފައިވާތީ، ފާރިސަށް ކުރާ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ފާރިސަށް ދައުވާ ކުރަނީ ޝާފިއު މެދުވެރިކޮށް މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ އެވެ. އެކަމަކު ރާއްޖެ ޓީވީއަށް ޝާފިއު ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ކުރަން އޭނާގެ ކިބައިން ފާރިސް އެދިފައި ނުވާ ކަމަށާއި ފާރިސް އާއި އޭނާއާ ދެމެދު މާބޮޑު ގުޅުމެއް ނެތް ކަމަށެވެ. އަދި ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން އޭނާ އަށް އިންޒާރުތައް ލިބުނު ކަމަށް ވެސް އެ އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ވިދާޅުވީ ފާރިސަށް ކުރާ ދައުވާ ބިނާ ވެފައި ވަނީ ޝާފިއު ލައްވައި ފާރިސް ކުރުވި ކަމަށް ބުނާ އަމަލެއްގެ މައްޗަށް ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ފާރިސް ކުރުވާފައި ނުވާ ކަމަށް އެ އިންޓަވިއުގައި ޝާފިއު ބުނެފައިވާތީ، އެ ދައުވާގެ އަސާސްތައް ނަފީ ވެފައިވާ ކަމަށާއި އެ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާފިއު އަށް ބަޔަކު ނުފޫޒު ފޯރުވި ކަމަށް އޭނާ އިންޓަވިއުގައި ބުނާ މައްސަލަ ފުލުހުން ބަލަމުން ނުދާ ކަމަށް ފުލުހުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށާއި އެ ލިޔުމުގެ ކޮޕީއެއް ޕީޖީ އޮފީހަށް ވެސް ފޮނުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލަ ފުލުހުން ނުބަލާތީ އެކަމުގެ ޝަކުވާ ފާރިސްގެ ވަކީލުން ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަމާ ބެހޭ ލިޔުމެއް އެ އޮފީހުން ފުލުހުންނަށް ފޮނުވި ކަމަށެވެ. އޭގެ ޖަވާބުގައި، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ލިޔުމުން އެ އޮފީހަށް އަންގާފައި އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ.
ގާޒީ އަލީ އާދަމް ވިދާޅުވީ ޝާފިއުގެ އިންޓަވިއުއާ ގުޅިގެން ހިންގަނީ ވަކި ތަހުގީގެއް ކަމަށް ދައުލަތުން ބުނާތީ، އެކަން ފުލުހުންގެ ފަރާތުން ރަސްމީކޮށް ކޯޓަށް ހުށަހަޅައިފި ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި ޝާފިއުއަކީ ހެއްކަކަށް ވާތީ، އިންޓަވިއުގައިވާ ވާހަކަތައް ޝަރީއަތުގައި ދައްކަން ބޭނުން ނަމަ އެ ފުރުސަތު ލިބޭނެ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
މައިގަނޑު ގޮތެއްގައި މިއަދު ކުރިއަށް ގެންދިޔައީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމެވެ. ފާރިސްގެ ފަރާތުން ހުށަހަޅާ 23 ހުށަހެޅުމުގެ ތެރެއިން 15 ހުށަހެޅުމެއް ކުރިން ހުށަހަޅާފައިވާ އިރު މިިއަދު ކުރިއަށް ގެންދިޔައީ ބާކީ ހުރި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ.
ފާރިސްގެ ވަކީލުން: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްދޭން ވަކީލުން ހުށަހެޅުއްވި.--ފޮޓޯ/މިހާރު
މިއަދު ހުށަހެޅި ފުރަތަމަ ހުށަހެޅުމަކީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެ މައްސަލާގެ ވީޑިއޯ އަދި އޯޑިއޯ އެނަލިސިސްއެއް ހެދުމަށް އަމުރުކޮށްދޭން އެދި ހުށަހެޅި ހުށަހެޅުމެވެ. ފާރިސްގެ ވަކީލުންގެ ޓީމުން ބުނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ މައްސަލާގައި ފޮރެންސިކް ރިޕޯޓް ހަދާފައި ވަނީ ތަހުގީގުގައި ހަރަކާތްތެރިވި ފުލުހެއް ކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެފަދަ އެނަލިސިސްއެއް ހަދަން ފާރިސް ތައްޔާރަށް ހުންނެވި ކަމަށް ވަކީލުން ބުންޏެވެ،
އެ ހުށަހެޅުމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން ބުނީ މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލުތައް ކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި އެކަމަކު އެކަން ކުރަނީ ފުލުހުންގެ ތެރޭގައި އޮންނަ އިޖްރާއާތުތަކެއްގެ ދަށުން ކަމަށެވެ. އެކަމަކު ފުލުހުންގެ އިޖްރާއާތަށް ސައްހަ ނޫން ކަމަށް ފާރިސްގެ ފަރާތުން ބުނާތީ، އެކަން ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ދައުލަތުން ބުންޏެވެ.
އަމިއްލަ ޚަރަދުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލުތައް ކުރުމަކީ ބޭރު ގައުމުތަކުގައި ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ މިހާތަނަށް ރާއްޖޭގައި އެގޮތަށް އަމަލު ކޮށްފައި ނެތަސް އެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން ލިބޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ހެކީގެ އަސްލު ނުގެއްލޭނެ ގޮތަކަށް އެކަން ކުރެވިދާނެ ކަން ދައުލަތުން ފާހަގަކުރި އެވެ.
ދައުވާއެއް ހިމަނަން ޖެހޭ ތަފްސީލުތައް އެ ދައުވާގައި ނެތް ކަމަށް ބުނެ، އެ ދައުވާ ބާތިލް ކުރަން ވަކީލުން ހުށަހެޅި އެވެ. އެގޮތުން، ފާރިސް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ ތަނާއި ވަގުތާއި އޭނާ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށް ބުނާ އަދަދު ދައުވާގައި ނެތް ކަމަށާއި އެ މައުލޫމާތުތަކަކީ ދައުވާއެއްގައި ހުންނަން ގާނޫނު ލާޒިމްކުރާ މައުލޫމާތު ކަމަށް ވަކީލުން ބުންޏެވެ. އެ މައުލޫމާތު ދައުވާގައި ނެތުމުން، ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ނެގުމަށް ފާރިސަށް ހުރަސް އެޅިގެންދާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއަކީ ތަހުގީގު މަރުހަލާގައި ވެސް ނަގަންޖެހޭ ދިފާއެއް ކަމަށާއި އެ ފުރުސަތު ދޫކޮށްލީ ފާރިސް އަމިއްލައަށް ކަމަށެވެ.
ރިޝްވަތު ލިބުނު ކަމަށް ބުނާ މެމްބަރު ސިއްރު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާތީ، އޭނާ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެއީ ރިޝްވަތު ލިބުނު ފަރާތް ކަމަށްވާތީ އެ ފަރާތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި ރިޝްވަތު ހިފުމަކީ ވެސް ކުށެއް ކަން ފާރިސްގެ ވަކީލުން ފާހަގަކުރި އެވެ.
އެކަމަށް ރައްދު ދީ ދައުލަތުން ބުނީ އެ ހެކިވެރިޔާއާ މެދު އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށާއި އެހެންވެ އޭނާ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ.
ފާރިސާ ދެކޮޅަށް ދައުލަތުން ހުށަހެޅި ތިން ފުލުހަކު ވެސް ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ފާރިސް ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާރިސްގެ ވަކީލުން ބުނީ އެ ތިން ފުލުހުންނަކީ މެމްބަރުންތަކެއްގެ ނަން ލިޔެފައިވާ ކަރުދާސް ގަނޑެއް ފާރިސް ދިރިއުޅުއްވި ގެއިން ފެނުނު ކަން ސާބިތުކުރަން ހުށަހެޅި ހެކިންނަށް ވާއިރު، ފެނުނު ކަމަށް ބުނާ އެ ކަރުދާސް ގަނޑު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެކި ހުށަހެޅުމުގެ މަރުހަލާ އަދި ނާންނަ ކަމަށާއި އަދިވެސް ހެކި ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ފާރިސްގެ ވަކީލުން ދެކޮޅު ހެއްދެވި އެވެ. ވަކީލުން ބުނީ ކުރިން ހުށަހަޅާފައި ނެތް ހެއްކެއް ފަހުން ހުށަނޭޅޭނެ ކަމަށާއި ގާނޫނީ ގޮތުން އެކަން އޮންނަނީ އެގޮތަށް ކަމަށެވެ.
ފާރިސަށް ދައުވާކޮށް، ފޮނުވި ދައުވާ ފޯމްގައި ސޮއި ކުރީ އެކަމަށް ހުއްދަ ލިބިފައިވާ ފަރާތެއް ކަން އެނގެން ނެތުމުން އެއީ ވެސް ދައުވާ ބާތިލް ކުރަން ޖެހޭ ސަބަބެއް ކަމަށް ބުނެ އެކަން ވެސް ފާރިސްގެ ވަކީލުން ހުށަހެޅި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ދައުވާ ފޯމްގައި ސޮއިކުރާ ފަރާތަކީ އެކަމުގެ ހުއްދަ ޕްރޮސެކިއުޓާ ޖެނެރަލް ދީފައިވާ ފަރާތަކަށް ވާންޖެހޭ ކަން ވަކީލުން ފާހަގަކުރި އެވެ. އެކަމަކު ފާރިސަށް ދައުވާކޮށް ފޮނުވި ދައުވާ ފޯމްގައި ސޮއި ކޮށްފައިވާ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ނާޝިދަކީ އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަން ދައުވާ ފޯމުން އެނގެން ނެތް ކަމަށް ވަކީލުން ބުންޏެވެ.
ޖަވާބުގައި ދައުލަތުން ބުނީ ދައުވާ ފޯމްގައި ސޮއި ކުރުމުގެ ހުއްދަ ޕްރޮސެކިއުޓާ ޖެނެރަލް ދެއްވާފައިވާ ފަރާތްތަކުގެ ލިސްޓެއް ސިޓީއެއް މެދުވެރިކޮށް ކޯޓާ ކުރިން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮންމެހެން ދައުވާ ފޯމުގައި އެ މައުލޫމާތު ހިމަނަން ލާޒިމްނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި ފާރިސްގެ ވަކީލުން ބުނީ ސިޓީއަކުން އެކަން އެންގިޔަސް، އެކަން ދައުވާ ފޯމުން ވެސް އެނގެން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ދައުވާ ފޯމްގައި ނެތުމަކީ ދައުވާ ބާތިލް ކުރަންޖެހޭ ސަބަބެއް ކަމަށް ވަކީލުން ބުންޏެވެ.
ފާރިސްގެ ފަރާތުން ހުށަހަޅާ އިތުރު ހުށަހެޅުމެއް އަދިވެސް އޮތުމުން އެ ހުށަހެޅުމާ ބެހޭގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް މިމަހުުގެ ނުވަ ވަނަ ދުވަހު ބާއްވާނެ އެވެ. އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީ ހުރިހާ ހުށަހެޅުންތަކެއް ހުށަހަޅައި، ނިމުމުންނެވެ.
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ޝަރީއަތާ ގުޅިގެން ފާރިސްގެ ޝަކުވާ ސުޕްރީމް ކޯޓަށް
އަޅުގަނޑު ނައްތާލަން ބަޔަކު މަސައްކަތް ކުރޭ: ފާރިސް
މިނިވަން ފޮރެންސިކް ތަހުލީލަކަށް ފުރުސަތެއް ނެތް: ކޯޓު
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
ފާރިސް މަޖިލީހަށް ނުގެންދިއުމަކީ ކުށެއް: މައުމޫން