28 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިފަހަރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރިއިރު ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އޮތީ މައްސަލަ ހުށަހެޅި މީހާގެ ބަޔާން އެކަނި ކަމަށް ފާރިސްގެ ވަކީލުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިފަހަރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރިއިރު ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އޮތީ މައްސަލަ ހުށަހެޅި މީހާގެ ބަޔާން އެކަނި ކަމަށް ފާރިސްގެ ވަކީލުން މިރޭ ބުނެފި އެވެ.
ރިޝްވަތުގެ ތުހުމަތެއްގައި ހަ މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކުރި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކޮށްފައި ވަނިކޮށް ރިޝްވަތުގެ އެހެން ތުހުމަތެއްގައި ފާރިސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން މިރޭ ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އޮތީ މައްސަލަ ހުށަހެޅި މީހާގެ ބަޔާން ކަމަށެވެ. އެ މައްސަލާގައި މިއަދު ފާރިސް ދިރިއުޅުއްވާ ގެ ފުލުހުން ފާސް ކުރުމުން ވެސް އެ މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ދައުލަތުން މިރޭ ކޯޓުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ވިދާޅުވީ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް. އަދި މައްސަލައާ ގުޅޭ އިތުރު އެއްވެސް ހެއްކެއް ވެސް އެ ބޭފުޅުންގެ އަތްޕުޅުގައި ނެތް ކަމަށް. އެހެންވީމަ މައްސަލަ ހުށަހެޅި މީހާ ދީފައި އޮތް ބަޔާނެއް މި އޮތީ،" ޝަމީމް ވިދާޅުވި އެވެ.
އެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މިފަހަރު ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ހާދިސާ ވެސް ހިނގި ދުވަހެއް ބުނެ ދައުލަތަށް ދެވިފައިނުވާ ކަމަށާއި މިއީ ކޮންމެވެސް ގޮތަކުން ފާރިސް ބަންދުގައި ބަހައްޓަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކަމަށާއި އެކަމަކު އެއީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. ރިޝްވަތަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ބަންދު ނުކުރާ ބާވަތުގެ މައްސަލަތަކެއްގައި މަސައްކަތް ކުރައްވަނީ މިއީ ޖިނާއީ ބޮޑު ކުށެކޭ، ފާރިސަކީ ކުށުގެ ރެކޯޑް އޮތް ފަރާތެކޭ، އެހެންވީމަ ޖެހޭނީ ޝަރީއަތް ނިމެންދެން ބަންދު ކުރަންށޭ. އެހެންވީމަ ގާނޫނު އެނގި ތިއްބަވައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތްޕުޅުން މިގޮތަށް ވަކާލާތު ކުރައްވަނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދު އޮތްގޮތުން މިހާރު ފާރިސް ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެ، ކުރީ ފަހަރެކޭ އެއްގޮތަށް މިރޭ ވެސް ކޯޓުގައި ވަކީލުން އެ ނުކުތާ ފާހަގަކުރި އެވެ. ސަބަބަކީ އިތުބާރު ނެތްކަމުގެ ދެ މައްސަލައެއް މަޖިލީހުގައި އޮތުމުން ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮއްވާ މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތުމުން، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ފާރިސަށް މިވަގުތު ޚާއްސަ އިމްތިޔާޒް ލިބިގެންވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. ގައި ބަޔާންކުރާނެ މިބާވަތުގެ މައްސަލައެއް ވުޖޫދުގައި ވާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރު ނުކުރެވޭނެ. އެހެންވީމަ ގާނޫނީ ވަރަށް ބޮޑު ހުރަހެއް އަނެއްކާވެސް މި އޮތީ މިހާރު. މި އަމުރު ނެރުމަށް ހުރަހެއް، އަމުރަށް އެދުމަށް ހުރަހެއް. އަމުރު ތަންފީޒު ކުރުމަށް ހުރަހެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އެ އިޝާރާތް ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައަށެވެ. އެ ދެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.
މައުމޫން ވިދާޅުވީ ބަންދުގައި ހުއްޓަސް، މަޖިލީހަށް ފާރިސް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ. ކޯޓުން އެގޮތަށް އަމުރު ނުކުރިޔަސް، މަޖިލީހުގެ ގަވާއިދު އޮތްގޮތުން އެއީ ކުރަންޖެހޭނެ ކަމެއް ކަމަށްވާތީ އެގޮތަށް މުއައްސަސާތަކުން އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ގާނޫނު ވަރަށް ސާފު، ގާނޫނު ބަޔާންކުރާ ގޮތުން ފާރިސަށް ލިބިވަޑައިގަންނަވާ އެ ހައްގުން މަހްރޫމް ކުރެވޭނެ އެއްވެސް ހަމައެއް ނެތް، އެހެންވީމަ ކޯޓަކުން ޖެހިވަޑައެއް ނުގަންނަވާނެ، ފާރިސްގެ ބަންދާ މެދު ހަވާލުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުން ޖެހިވަޑައިގަންނަވާނީ ގާނޫނަށް ތަބާވެ ވަޑައިގަންނަވަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމަން އިންނެވީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ހުސައިން ޝަހީދު ކަމަށްވާތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ވަކީލުން އެކަން ކޯޓުގައި ފާހަގަކުރި ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމާއިރު، އެ މީހަކު ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހުމެވެ. އެކަމަކު އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ކޯޓުން ނިންމެވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުށަހަޅަނީ އަމުރު ނެރުނީ ގާނޫނާ ޚިލާފަށޭ، އިޖްރާއަތުތަކާ އެއްގޮތަކަށް ނޫނޭ. އެހެން ނަމަވެސް އެ އިޖްރާއާތުތައް ރަނގަޅޭ މި ހުރިހާ ކަމެއް ކަނޑައަޅުއްވަން މި އިންނެވި ބޭފުޅާއަކީ އަމުރު ނެރުއްވި ބޭފުޅާ. އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެން ހިއްސާ ކުރިން. އަދި އެކަމަށް އިއުތިރާޒް ކުރައްވާ ވާހަކަ ދެންނެވިން ގާނޫނީ ސަބަބުތައް ދައްކަވާފައި. އެކަމާ މެދު ކޯޓުން ކަނޑައެޅުއްވީ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ އެވެ.
"ފާރިސަށް ކުރީ ދެސުވާލު، މައްސަލަ އޮތީ އުފައްދާފައި"
"ޝާފިއުގެ އިންޓަވިއުއާއެކު، ދައުވާގެ އަސާސެއް ނެތް"
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ޝަރީއަތާ ގުޅިގެން ފާރިސްގެ ޝަކުވާ ސުޕްރީމް ކޯޓަށް
އަޅުގަނޑު ނައްތާލަން ބަޔަކު މަސައްކަތް ކުރޭ: ފާރިސް
މިނިވަން ފޮރެންސިކް ތަހުލީލަކަށް ފުރުސަތެއް ނެތް: ކޯޓު
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް