Roadha Mihaaru
ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް

ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް

28 ޑިސެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަތައް ރަޖިސްޓްރޭޝަންގެ މަރުހަލާއިން ނުނިމޭތީ އެކަމުގެ ޝަކުވާ އެ ކޯޓާއި ސުޕްރީމް ކޯޓަށް ފާރިސްގެ ވަކީލުންގެ މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަތައް ރަޖިސްޓްރޭޝަންގެ މަރުހަލާއިން ނުނިމޭތީ އެކަމުގެ ޝަކުވާ އެ ކޯޓާއި ސުޕްރީމް ކޯޓަށް ފާރިސްގެ ވަކީލުންގެ މިއަދު ހުށަހަޅައިފި އެވެ.

ފާރިސްގެ ވަކީލުން ޝަކުވާ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ފާރިސަށް ކުރާ ދައުވާގެ ޝަރީއަތުގައި، ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަތަކާ ގުޅޭގޮތުންނެވެ. ކްރިމިނަލް ކޯޓުން އެ މައްސަލާގައި ނިންމި ހަ ނިންމުމެއް އިސްތިއުނާފް ކުރަން ފާރިސްގެ ފަރާތުން އޮތީ ހައި ކޯޓަށް ކުރިން ހުށަހަޅައިފަ އެވެ.

އެ މައްސަލަތައް އިސްތިއުނާފް ކުރަން ހުށަހެޅިތާ ދެ މަސް ވީއިރު ވެސް، އެ މައްސަލަތައް ހައި ކޯޓުގެ ރެޖިސްޓްރޭޝަންގެ މަރުހަލާއިން ނުނިމޭތީ ފާރިސްގެ ވަކީލުން ޝަކުވާ ހުށަހެޅީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށެވެ.

އެ ދެ ބޭފުޅުންނަށް ފާރިސްގެ ވަކީލުން ވަކިވަކިން ފޮނުވި ސިޓީގައިވަނީ އެ މައްސަލަތައް ރަޖިސްޓްރީ ކުރުމަށްޓަކައި ހައި ކޯޓުގެ ރަޖިސްޓްރާ އެއްވެސް ފަރާތަކާ ހަވާލު ކޮށްފައިނުވާ ކަމަށް ހައި ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އެއްވެސް ކަމެއް އިސްލާހު ކުރަން ވެސް ހައި ކޯޓުން ވަކީލުންނަށް އަންގާފައި ނެތް ކަމަށާއި އެ މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސް ކުރަމުންދަނީ އިސްތިއުނާފް ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ.

އެހެންވެ، އެ ސިޓީގައި އެދިފައިވަނީ އެ މައްސަލަތައް ދެ ދުވަސް ތެރޭގައި ރަޖިސްޓްރޭޝަންގެ މަރުހަލާއިން ނިންމައި، ޝަރީއަތް ކުރުމާ ބެހޭ ސެކްޝަންތަކަށް ފޮނުވަން ރަޖިސްޓްރާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މީގެ އިތުރުން ފާރިސްގެ ވަކީލުން މިއަދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެޗްއާރުސީއެމްގައި ވެސް އެދިފަ އެވެ.

އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސަށް ވަކީލުން ފޮނުވި ސިޓީގައި ވަނީ ފާރިސްގެ ހައްގުތައް ގެއްލިގެންދާ ދިއުމާ ބެހޭގޮތުން ހުށަހަޅަން ބޭނުންވާ މުހިންމު ކަންކަން ކޮމިޝަނާ ހިއްސާ ކުރަން ބޭނުންވާތީ ވަކީލުންނަށް އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު އެ މައްސަލަ ވެސް ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި އޮތަސް އެ މައްސަލައިގެ ހުކުމެއް އަދި ނީއްވަ އެވެ.