Roadha Mihaaru

ޝާހްރުކްގެ "ޒީރޯ"ގައި ކާޖޮލް ބައިވެރިވެއްޖެ

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ، ޑުވޯފް މީހެއްގެ ދިރިއުޅުން ދައްކާ ފިލްމު "ޒީރޯ"ގައި ފިލްމީ ބަތަލާ ކާޖޮލް ބައިވެރި ވެއްޖެ އެވެ. ކާޖޮލް ބުނި ގޮތުގައި އޭނާ ފިލްމުގައި އަދާކުރަނީ މެހެމާނެއްގެ ރޯލެވެ.

ޝާހްރުކްގެ "ޒީރޯ"ގައި ކާޖޮލް ބައިވެރިވެއްޖެ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

16 ޖެނުއަރީ 2018

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ، ޑުވޯފް މީހެއްގެ ދިރިއުޅުން ދައްކާ ފިލްމު "ޒީރޯ"ގައި ފިލްމީ ބަތަލާ ކާޖޮލް ބައިވެރި ވެއްޖެ އެވެ. ކާޖޮލް ބުނި ގޮތުގައި އޭނާ ފިލްމުގައި އަދާކުރަނީ މެހެމާނެއްގެ ރޯލެވެ.

ޝާހްރުކާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ގުޅޭ ޖޯޑުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2015 ގައި ނެރުނު "ދިލްވާލޭ" އިންނެވެ.

ކާޖޮލް ބުނި ގޮތުގައި ޝާހްރުކާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް އޭނާއަށް ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވޭ ކަމެކެވެ. އޭނާ އަކީ އެކުގައި ވަރަށް މަސައްކަތްކުރާހިތްވާ ކަހަލަ ބަތަލެއް ކަމަށާއި އޭނާ ކުޅޭ ކޮންމެ މަންޒަރަކަށް 300 ޕަސެންޓް ދޭނެ ކަމަށް ވެސް ކާޖޮލް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޝާހްރުކް އެކްޓްކުރަން މޮޅުކަމުން އޭނާއާ އެކު މަސައްކަތް ކުރާއިރު ނޭނގި ވެސް އެކްޓް ކުރެވޭ ކަމަށެވެ.

ކާޖޮލް ނޫނަސް ސަލްމާން ޚާން، ދީޕިކާ ޕަދުކޯން، ޖޫހީ ޗައުލާ، ރާނީ މުކަރުޖީ، އާލިއާ ބަޓް، އަދި ޝްރީދޭވީ ވެސް ވަނީ މި ފިލްމުގައި މެހެމާނުގެ ރޯލު އަދާކުރުމަށްޓަކައި ނަގަން ޖެހޭ މަންޒަރުތައް ޝޫޓް ކޮށްފަ އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާއިންނަކީ ކެޓުރީނާ ކައިފް އާއި އަނުޝްކާ ޝަރުމާ އެވެ. ފިލްމުގެ ފުރަތަމަ އިޝްތިހާރު ބެލި ގިނަ ބަޔަކު ބުނަނީ ފިލްމުގައި ޝާހްރުކްގެ ކެރެކްޓާ އުޅެނީ ކެޓުރީނާ އާ ހެދި މޮޔަވެގެން ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ އިޝްތިހާރުގައި ޝާހްރުކް ލައިގެން ހުންނަ ޖެކެޓްގައި ވެސް ވަށައިގެން ކެޓުރީނާގެ ފޮޓޯތައް ތަތްކޮށްފައި ހުރީމަ އެވެ.

"ޒީރޯ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 21 ވަނަ ދުވަހު އެވެ.