11 ޖެނުއަރީ 2018
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ، ފަތުރުވެރިކަމުގެ ސިނާއަތަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އައު އެތައް ރިސޯޓެއް ހުޅުވައިފި އެވެ. ގެސްޓްހައުސްތައް އިތުރުވެ، ލޯކަލް ޓޫރިޒަމް ފުޅާވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ، ފަތުރުވެރިކަމުގެ ސިނާއަތަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އައު އެތައް ރިސޯޓެއް ހުޅުވައިފި އެވެ. ގެސްޓްހައުސްތައް އިތުރުވެ، ލޯކަލް ޓޫރިޒަމް ފުޅާވެއްޖެ އެވެ.
މައިގަނޑު ގޮތެއްގައި މި ދެކެވެނީ އިންޑަސްޓްރީގެ އިންފްރާސްޓްރަކްޗާ ވަރުގަދަވެ، ގިނަ ތަންތަން ހުޅުވިގެން ދާ ވާހަކަ އެވެ. އަދި މިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާ ކުރާ ވާހަކަ އެވެ. ނުވަތަ އާ ކަންކަމަށް ފުރުސަތުދޭން ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ވާހަކަ އެވެ.
މި ހުރިހާ ބަދަލަކާ އެކު މިހާރު މި އިންޑަސްޓްރީ މި އޮތީ ކޮން ހިސާބެއްގައި ހެއްޔެވެ؟ ކުރިމަގުގައި ގެސްޓުން އަންނަ ވަރު ބަދަލުވެގެން ދާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މުޅި ޓޫރިޒަމް އިންޑަސްޓްރީ މިސްރާބު ޖަހާފައި މިވަނީ ކޮން ދިމާލަކަށް ހެއްޔެވެ؟
ވިޔަފާރިވެރިންގެ އިތުރުން އާންމުންގެ ހިތްތަކުގައި ވެސް މި ހުރިހާ ސުވާލެއް ވެސް އުފެދޭނެކަން ޔަގީނެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ މި ސުވާލުތަކާ ގުޅޭ ގޮތުން ތަޖުރިބާކާރުން ދެކެމުން އަންނަ ގޮތްތަކާއި، އެ މީހުންގެ ވިސްނުންތަކުގެ މައްޗަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި މިންވަރާއި، ތަފާސްހިސާބުތަކުން ފެންނަ ބަދަލުތަކުގެ މައްޗަށެވެ.
މި ރިޕޯޓް ތައްޔާރު ކުރުމަށް ވާހަކަ ދެއްކި ތަޖުރިބާކާރުން ދެކޭ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިއޮތީ ވަރަށް ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ. އަދި އިންޑަސްޓްރީ ކުރިއަރާނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން، ރޭވުންތެރިކަމާ އެކު ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ކަމަށް ވެސް އެ ފަރާތްތަކުން ދެކެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ، އަދި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިން މިފަދަ ކަންކަން ކުރަމުން އައީ މާސްޓާ ޕްލޭނެއް އެކުލަވާލެވިގެން، އެ ޕްލޭންގެ މައްޗަށް ކަމަށާއި މިހާރު އެކަން އެހެން ކުރިއަށް ނުދާ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.
"ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ވާހަކަ ދައްކާއިރު ވަރަށް ބޮޑަށް އެބަޖެހޭ ޕްލޭނެއް ހެދިގެން އޭގެ ތެރެއިން މަސައްކަތް ކުރަން. ކުރިން ކޮންމެ ފަސް އަހަރަކުން މާސްޓާ ޕްލޭނެއް ހަދާނެ. އޭގައި އަޅުގަނޑުމެން އޮންނާނެ މިވެނި ހިސާބަކުން ބެޑް އިތުރުވާނީ މިވެނި އަދަދަކަށް ކަން ވެސް،" ދާދި ފަހުން ސަން އައިލެންޑް ރިސޯޓުގެ ޖެނަރަލް މެނޭޖަރުކަމުން ވަކިވި ޑރ. މައުސޫމް ވިދާޅުވި އެވެ.
"އަސްލު ޓޫރިޒަމް އިންޑަސްޓްރީގައި ވަރަށް މުހިންމު ކަމެއް ބެޑް އިތުރުވާނެ އަދަދު މުއްދަތާ އެކު އެނގިފަ އޮތުން. މިހާރު އާންމުކޮށް ކުރިން ދިޔަ ގޮތަކަށް ނޯވޭ އެކަން ބަލާފައެއް. ސަރުކާރުން އަބަދުވެސް އަންދާޒާ ކުރެވޭ ވަރޭ ކިޔަނީ، ސީދާ އަދަދެއް އެނގޭކަށް ނޯވޭ،"
ޑރ. މައުސޫމްގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމްގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.
"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސަަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް މި ވަނީ އައިސްފަ. މިއީ އަސްލު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވާ ކަމެއް. ގެސްޓްހައުސް މާކެޓް އިތުރަށް ތަރައްގީވާން، މި ދަތިތަކުން އަރައިގަނެ، ގިނަ ކަންކަން ކުރަން އެބަޖެހޭ،" ގްރީން ޓެކްސް ފަދަ ކަންކަމަށް އިޝާރަތް ކުރަމުން ކަރަމް ވިދާޅުވި އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ތަރައްގީކުރާ ގެސްޓްހައުސް އައިލެންޑާ ގުޅިގެން ވެސް ކަރަމްގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭނާ ދެކޭ ގޮތުގައި އެއީ ގެސްޓްހައުސް މާކެޓަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެކެވެ. އަދި ރިސޯޓުތަކަށް ވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ.
"ގެސްޓްހައުސްތަކަށް މީހުން މި އަންނަނީ ބަޖެޓްކޮށް އައިސް، ހޮލިޑޭ ހަދާލާފައި ދެވޭތީ. އެކަމު ހަމަ މިގޮތަށް ބަޖެޓުކޮށް އާދެވޭ ގޮތަށް މިކަމަށް ހާއްސަ ރަށްރަށް ހެދީމަ ދެން ހުރި ތަންތަނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ. ގެސްޓްހައުސް އައިލެންޑުގައި ރިސޯޓުތަކުގައި ހުންނަ ފެސިލިޓީތައް އެބަހުރޭ. ބަޖެޓުކޮށް މިފަދަ ތާކަށް ދެވެންޏާ ގެސްޓްހައުސް ހިންގާ މީހުންގެ އިތުރުން ރިސޯޓުތަކަށް ވެސް ވަރަށް ބޮޑަށް މީގެ ނޭދެވޭ އަސަރު ކުރާނެ،" ކަރަމްގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ވާހަކަ ދެއްކި ގިނަ ބޭފުޅުން ވިދާޅުވަނީ ގޮންޖެހުންތައް ގިނަ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއި އެކު ވެސް، އެއާޕޯޓް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިމިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރި އަރާނެ ކަމަށެވެ. އަދި އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ލަސްވާ ނަމަ، އެ ލަސްވުންތަކާ އެކު ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރާ ދުވެލި ވެސް ދައްވާނެ ކަމަށް މި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ.
ބޭރު ގައުމުތަކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުތައް ނިމޭއިރު، މިހާރު ނަގަމުން އަންނަ ފީތައް ބޮޑުވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ވެސް މި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ. އަދި އިތުރު ފީތައް ނަގަން ފެށުމަކީ ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
- އިންފްރާސްޓްރަކްޗާ އަދި ދަތުރުފަތުރު: ގިނަ ރިސޯޓުތަކެއް ހުޅުވެމުން އަންނަ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަސައްކަތްތައް ވެސް ޕްލޭންކުރެވިފައި އޮތް ގޮތަށް ނިންމަން ޖެހޭނެ އެވެ. އަދި ވެލާނާ އެއާޕޯޓުގެ އިތުރުން ވެސް، އަތޮޅުތަކުގައި ހުރި އިންޓަނޭޝަނަލް އެއާޕޯޓްތައް ވެސް ތަރައްގީކޮށް، ބައިނަލްއަގުވާމީ ދަތުރުތަކަށް ފުޅާ ދާއިރާއެއްގައި ހުޅުވައިލުން މުހިންމެވެ. ހަމަ އެއާ އެކު އެތެރޭގެ ދަތުރުފަތުގެ ނިޒާާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފަސޭހަތަކާއި ލުއިތައް ދޭން ޖެހެ އެވެ..
- މާކެޓިން: ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހެ އެވެ. އަދި މިކަމަށް ބޭނުންވާ ބަޖެޓު ވެސް އިތުރު ކުރަން ޖެހެ އެވެ. މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
- ކޮމިއުނިކޭޝަން ނެޓްވޯކް ވަރުގަދަ ކުރުން: މިހާރަށް ވުރެ އިންޓަނެޓްގެ ސްޕީޑް ފާސްޓް ކުރުން ވަރަށް މުހިންމެވެ. އަދި އިންޓަނެޓްގެ ހަރަދު އެހެން ގައުމުތަކާ އެއް ހަމައަކަށް ތިރިކުރަން ޖެހެ އެވެ.
- ރެގިއުލޭޓް ކުރުމާއި އެޗްއާރު: ކުރިން ސަރުކާރުން އޮތީ ރިސޯޓުތަކުގެ އިސް މަގާމުތައް ވީހާ ވެސް ގިނައިން ދިވެހިންނަށް ދޭން ނިންމައިފަ އެވެ. ބޭރު މީހުން ގެންގުޅޭނީ ދިވެހިން ނުލިބޭ މަގާމުތަކަށް އާންމު ގޮތެއްގައި ދަށް ފަންތީގެ ވަޒީފާތަކުގައި ކަމަށް ކަނޑައެޅި ނަމަވެސް މިހާރު އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެފަދަ ކަންކަމާއި، އަދި ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގޮތްތަކެއް އެކުލަވާލަން ޖެހެ އެވެ.
- އާންމުންނާ ގުޅިގެން ޓޫރިޒަމް ކުރިއަށް ގެންދިއުމާއި، ސުލްހަވެރިކަން: ރިސޯޓް ހަދަން ރަށްތަކާއި ފަޅުތައް ދޫކުރާއިރު އާންމުންގެ ބޭނުންތަކަށް ދަތުރު ގޮސްހަދާނެ ތަންތަން ހެދިފައި ހުންނަން ޖެހެ އެވެ. ނޫންނަމަ، އާންމުންގެ ތެރޭގައި ފަތުރުވެރިކަމަށް އޮތް ލޯބި ހިނގައިދާނެ އެވެ. އެހެންވެއްޖެ ނަމަ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. އޭގެ އިތުރުން ސުލްހަވެރި ގައުމެއްގެ ގޮތުގައި އޮތުމަކީ ވެސް ފަތުރުވެރިން ގެނައުމަށް ލިބޭނެ ކުރިއެރުމެކެވެ.
- ޑޮމެސްޓިކް ޓޫރިޒަމް ސެކްޓާ: މިއީ ރާއްޖޭގައި އުޅޭ މީހުން ޗުއްޓީ ހޭދަކުރުމުގެ ވާހަކަ އެވެ. ބޭރު ގައުމުތަކުގެ ބަދަލުގައި، ރާއްޖޭގެ ތަންތަނަށް ގޮސް ޗުއްޓީ ހޭދަކުރާ ވަރު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ވެސް ވަރުގަދަ މާކެޓަކަށް ވާނެ އެވެ.
- ވޭސްޓް މެނޭޖްމަންޓް: ކުނި ނައްތާލުމަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ވެސް ކުރިމަތިވެފައިވާ ބޮޑު ހަރަދެއް ހިނގާ އަދި ބުރަ މަސައްކަތެކެވެ. މިކަމަށް ވަރަށް އަވަސް ހައްލެއް އެބަ ބޭނުންވެ އެވެ. މިހާރު ވެސް މިފަދަ މަސައްކަތެއް ކުރެވެ އެވެ. އެކަމަކު އެކަން ވެސް މާ ބޮޑަށް މިހާރު އޮތީ ލަސްވެފަ އެވެ. މިއީ ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މަރުކަޒީ ބޭންކާއި، ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމި ދިޔަ އަހަރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އޭޝިޔާ އަދި ޕެސިފިކް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފަށާފައިވާ ކަމެވެ. އަދި ޔޫރަޕް ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމެވެ.
އޭޝިޔާ އަދި ޕެސިފިކް ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރި މީހުން މަދުވެފައިވަނީ، ޗައިނާ މާކެޓް ދަށްވުމުންނެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ޗައިނާ އިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ، 2016 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 8.2 ޕަސެންޓް ދަށްވެފަ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާ ޗައިނާގެ މާކެޓް ދަށްވުމުން މުޅި އޭޝިޔާ އަދި ޕެސިފިކް މާކެޓަށް ބަލާއިރު އެއީ 0.9 ޕަސެންޓްގެ ދަށްވުމެކެވެ. ޗައިނާ މާކެޓް ބޮޑުތަނުން ދަށްވި ނަމަވެސް، މުޅި އޭޝިޔާ އަދި ޕެސިފިކް މާކެޓް ވެއްޓުނު ވަރު ކޮންޓްރޯލް ކުރެވިފައިވަނީ އިންޑިއާ އާއި ކޮރެއާ އިން ޒިޔާރަތް ކުރި ވަރު ވަރަށް ބޮޑުތަން އިތުރު ވެފައިވާތީ އެވެ.
ޔޫރަޕް ގައުމުތަކުން ފަތުރުވެރިން ޒިޔާރަތް ކުރިވަރު ވަނީ 10.7 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަދަދުގެ ގޮތުން ބަލާއިރު ގާތްގަޑަކަށް 50،000 ޓޫރިސްޓުންގެ ކުރިއެރުމެކެވެ. ބޮޑު ކުރިއެރުމެއް ޔޫރަޕް މާކެޓަށް ލިބުނީ ރަޝިޔާ، އިޓަލީ، ސްޕެއިން، އޮސްޓްރިޔާ އަދި ނެދަލޭންޑްސް އިން ޒިޔާރަތް ކުރި ވަރު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.
2016 އަދި 2017 ވަނަ އަހަރު އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރި ގަައުމުތައް.
މާކެޓުތަކަށް އައި ބަދަލުތަކާ އެކު، މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރި ޖުމްލަ އަދަދު ވަނީ އިތުރު ވެފަ އެވެ. އެގޮތުން ސަރުކާރުން ކުރިން ލަފާކޮށްފައި އޮތް ގޮތަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ. މި އަދަދު 2016 ވަނަ އަހަރު އުޅުނީ 1.3 މިލިޔަނުގަ އެވެ.
ސަރުކާރުން ވެސް ބުނެފައިވާ ގޮތުގައި ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރެވޭނީ އެއާޕޯޓް ޕްރޮޖެކްޓް ނިމުމުންނެވެ. އަދި އާ ރިސޯޓުތަކާ އެކު، އިންޑަސްޓްރީ ވަރަށް ބޮޑަށް ވަރުގަދަ ކުރާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މިއީ ދިވެހިންގެ އެތައް ބަޔަކާ ގުޅިފައިވާ ކަމަކަށް ވާއިރު، މި އިންޑަސްޓްރީ ކުރިއެރުމަކީ ކޮންމެ ދިވެއްސަކު ވެސް ދެކޭނެ ހުވަފެންކަން ޔަގީނެވެ. އަދި މި މައުލޫމާތުތަކާ އެކު ކޮންމެ މީހަކު ވެސް އަމިއްލަ އަށް ވިސްނާލާ، އިންޑަސްޓްރީގެ ކުރިމަގު އެ މީހަކަށް ފެންނަ ގޮތެއްގެ ތަސައްވުރު ސިފަ ކޮށްލުމަކީ މުހިންމު ކަމެކެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ޓޫރިސްޓް ފެސިލިޓީތަކުން ކޮވިޑް19 އަށް ސާމްޕަލް ނަގަނީ
ގަވާއިދާ ހިލާފުވާ ރިސޯޓުތައް ބަންދުކުރާނަން: ޓޫރިޒަމް
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި
ޓޫރިސްޓު ފެސިލިޓީތައް ޕޯޓަލްގައި ރަޖިސްޓަރީ ކުރަނީ
އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު