Roadha Mihaaru
އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު

އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު

23 ޖެނުއަރީ 2017

މިދިޔަ އަހަރުގެ ތެރޭގައި އާ 11 ރިސޯޓް ރާއްޖޭގައި ހުޅުވައި، އެންމެ ގިނަ އަދަދެއްގެ ރިސޯޓް ހުޅުވި އަހަރުގެ ޝަރަފް ހޯދައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މިދިޔަ އަހަރުގެ ތެރޭގައި އާ 11 ރިސޯޓް ރާއްޖޭގައި ހުޅުވައި، އެންމެ ގިނަ އަދަދެއްގެ ރިސޯޓް ހުޅުވި އަހަރުގެ ޝަރަފް ހޯދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޓޫރިސްޓުން ބައިތިއްބަން މިދިޔަ އަހަރު އާ 124 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ 11 ރިސޯޓަކަށާއި 11 ސަފާރީ އަކަށާއި 101 ގެސްޓްހައުސެއްގެ އިތުރުން، ޓޫރިސްޓް ހޮޓަލަކަށެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި މިހާތަނަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ރިސޯޓް ހުޅުވިގެން ގޮސްފައިވާ އަހަރެވެ،" ތަފާސްހިސާބުތަކާ އެކު އާއްމުކޮށްފައިވާ ބަޔާނުގައިވެ އެވެ.

އާ ރިސޯޓުތައް:

1. ރ. ފުރަވެރީގައި، ފުރަވެރި އައިލެންޑް ރިސޯޓް

2. ބ. ކަނިފުށީގައި، ފިނޮޅު ރިސޯޓް

3. ކ. މާދޫގައި، އޯޒެން ބައި މާދޫ

4. ކ. ކުޑަބަނޑޮހުގައި، މަލަހިނި ކުޑަ ބަނޑޮސް

5. ބ. ދިގުފަރުވިނަގަނޑުގައި، ދިގުފަރު އައިލެންޑް ރިސޯޓް

6. ޅ. ހުރަވަޅީގައި، ހުރަވަޅި މޯލްޑިވްސް

7. ދ. ވޮށްމުލީގައި، ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި

8. ނ. މެދުފަރުގައި، ސޮނޭވާ ޖާނީ

9. ބ. މިލައިދޫގައި، މިލައިދޫ އައިލެންޑް

10. ޅ. އޫކޮޅުފުށީގައި، ކޮކޫން މޯލްޑިވްސް

11. ބ. ވޯވަށުގައި، ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް

މިދިޔަ އަހަރު އަލަށް ހުޅުވި ތަންތަން ހިމެނޭ ގޮތަށް، ޓޫރިސްޓުން ތިބެން ތައްޔާރުކޮށްފައިވާ ފެސިލިޓީތަކުގެ އަދަދު ވަނީ 667 އަށް އަރައިފަ އެވެ. އެއީ ޖުމްލަ 37،218 އެނދެވެ.

ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރި އަށް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު އަލަށް ހުޅުވި 101 ގެސްޓްހައުސްއާ އެކު، ރާއްޖޭގެ 19 އަތޮޅެއްގެ 72 ރަށެއްގައި މިހާރު ގެސްޓްހައުސް ހިންގަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އާ 50 ރިސޯޓް ހުޅުވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ އާ ރިސޯޓުތަކެއް ހުޅުވާފައި ވާއިރު، މި އަހަރު އިތުރު 20 ރިސޯޓް ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 4.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 1.3 މިލިއަނަށް އަރައިފަ އެވެ. އެކަމަކު، އެއީ މިދިޔަ އަހަރު ގެންނަން އަމާޒުކުރި 1.4 މިލިއަން ޓޫރިސްޓުންނަށް ވުރެ ދަށް އަދަދެކެވެ.