Roadha Mihaaru
ސުނާމީ އާއި އެއްބައިވަންތަކަން އަދި ދުވާފަރުގެ ޝުކުރު

ސުނާމީ އާއި އެއްބައިވަންތަކަން އަދި ދުވާފަރުގެ ޝުކުރު

28 ޑިސެމްބަރ 2017

ސުނާމީގެ ބޮޑު ރާޅާ އެކު މުޅި ރަށް ސުންނާފަތިވެގެންދިޔަ އިރު ރ. ކަނދޮޅުދޫ މީހުން ތިބީ ވަންނާނެ ތަނެއް ނެތި، ބޮޑު ސިހުމެއްގައި ގޮތް ހުސްވެ އަވަދިވެފަ އެވެ. އެކަމަކު ދެން ފެނުނީ ކައިރި ރަށްރަށުގެ މީހުން ދޯނިފަހަރުގައި އެ މީހުން ބަލާ އަންނަން ފެށި ތަނެވެ. އެއީ 2004ގެ ސުނާމީގައި ރާއްޖެ އިން ފެނުނު އޯގާތެރިކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. އޭގެ 13 އަހަރު ފަހުން ކަނދޮޅުދޫ މީހުން، ހަމަ އެ ގޮތަށް، އަވައްޓެރިންގެ އެހީތެރިކަމުގެ އަގުވަޒަންކޮށްފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ސުނާމީގެ ބޮޑު ރާޅާ އެކު މުޅި ރަށް ސުންނާފަތިވެގެންދިޔަ އިރު ރ. ކަނދޮޅުދޫ މީހުން ތިބީ ވަންނާނެ ތަނެއް ނެތި، ބޮޑު ސިހުމެއްގައި ގޮތް ހުސްވެ އަވަދިވެފަ އެވެ. އެކަމަކު ދެން ފެނުނީ ކައިރި ރަށްރަށުގެ މީހުން ދޯނިފަހަރުގައި އެ މީހުން ބަލާ އަންނަން ފެށި ތަނެވެ. އެއީ 2004ގެ ސުނާމީގައި ރާއްޖެ އިން ފެނުނު އޯގާތެރިކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. އޭގެ 13 އަހަރު ފަހުން ކަނދޮޅުދޫ މީހުން، ހަމަ އެ ގޮތަށް، އަވައްޓެރިންގެ އެހީތެރިކަމުގެ އަގުވަޒަންކޮށްފި އެވެ.

ސުނާމީއާ އެކު އަމިއްލަ ރަށުން ފައިބައިގެން ދާން މަޖުބޫރުވި ކަނދޮޅުދޫގެ 3،700 މީހުންނަށް އެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން އެހީވީ އިންސާނިއްޔަތުކަމުގެ ނަމޫނާ ދައްކަމުންނެވެ. ވަގުތީ ހިޔާތަކަށް ބަދަލުވުމުގެ ކުރިން ގާތްގަނޑަކަށް ދޮޅު އަހަރު ވަންދެން އެ މީހުންގެ އަމިއްލަ ގޭގެ އިން ކަނދޮޅުދޫ މީހުންނަށް ޖާގަ ދިނެވެ. ސުނާމީ އަށް ހަތަރު އަހަރު ފަހުން ދުވާފަރުގައި އާބާދުވެ މިހާރު އެ ރަށުގައި ދިރިއުޅެމުން އަންނަ ކަނދޮޅުދޫ މީހުން އެ އިހުސާންތެރިކަމުގެ މަތިން އަދިވެސް ހަނދާނެއް ނުނެތެ އެވެ. ސުނާމީއާ ގުޅުވައިގެން ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު އެ މީހުން މި އަހަރު ވަނީ އެހީތެރިންނަށް ރަސްމީކޮށް ޝުކުރު އަދާކޮށްފަ އެވެ.

ދުވާފަރު މަސްވެރިންގެ ގުޅުމުން އަންގާރަދުވަހު ކުރިއަށް ގެންދިޔަ ސަގާފީ ހަރަކާތްތަކުގެ ބޭނުމަކަށްވީ ސުނާމީގައި ޖެހުނު ހާލުން އެ މީހުން ސަލާމަތްކޮށްދިނުމުގައި އެންމެ ބޮޑަށް އެހީތެރިވި ފަސް ރަށުގެ މީހުންގެ އޯގާތެރިކަމުގެ އަގު ވަޒަންކުރުމެވެ. އޭގެ ކުރީ ރޭ މެންދަމުން އަލިވެ ދޭއް ޖެހި އިރު ދުވާފަރުން ފުރި ދެ މަސް ދޯނި އެ އަތޮޅު މީދޫ، އަލިފުށި، ހުޅުދުއްފާރު، މަޑުއްވަރި އަދި އުނގޫފާރަށް ލެފީ ކޮންމެ ރަށަކަށް ފަރިވަޅެއް ހިފައިގެންނެވެ. މައިގަނޑު ގޮތެއްގައި ކާބޯތަކެތި ހިމެނުނު އެ ފަރިވަޅުތަކަކީ، ދިވެހިންގެ އިހުގެ އާދަކާދައާ އެއްގޮތަށް، ދުވާފަރު މީހުންގެ ފަރާތުން ދިން ރަމްޒީ ހަދިޔާއެކެވެ. ދޯނިތައް ފުރީ ކޮންމެ ރަށަކުން 10 މީހުން ގޮވައިގެންނެވެ. އެއީ ސުނާމީ އެރި ދުވަހު އެ ރަށްރަށުގެ މީހުން ދޯނިފަހަރުގައި ކަނދޮޅުދޫ މީހުން ބަލާ ދިޔަ ގޮތުގެ ހަނދާން އާކުރުމެކެވެ. ކައުންސިލްތަކާ ވާހަކަދައްކައިގެން ދުރާލާ ހޮވާފައި ތިބި 50 މީހުން ގޮވައިގެން ދޯނިތައް ހެނދުނު ނުވައެއް ޖެހި އިރު ދުވާފަރު ފަޅުތެރެ އަށް ވަނީ ރަށު މީހުންގެ ހޫނު މަރުހަބާއަކަށެވެ.

އެންމެ ބޮޑަށް އެހީތެރިވި ފަސް ރަށުން މީހުން ގޮވައިގެން ދަތުރުކުރި ދުވާފަރު ދެ ދޯނި އެ ރަށު ފަޅުތެރެ އަށް ވަންނަނީ

އެންމެ ބޮޑަށް އެހީތެރިވި ފަސް ރަށުން މީހުން ގޮވައިގެން ދަތުރުކުރި ދުވާފަރު ދެ ދޯނި އެ ރަށު ފަޅުތެރެ އަށް ވަންނަނީ

"އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންނަށް ސުނާމީގައި ފެނުނު މަންޒަރު އެ ބޭފުޅުންނަށް ވެސް ދައްކައިދޭން. އެއީ އަޅުގަނޑުމެން ކަނދޮޅުދޫގައި ތިއްބާ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭން ރަށްރަށުން އައި ދޯނިތަކުގައި އަޅުގަނޑުމެން އެ ރަށްރަށަށް ދިޔަ އިރު، އެ ރަށްރަށުގެ މަލަމަތި ފެންނަ ހިސާބުން ފެނުނު އަޅުގަނޑުމެންނަށް އެހީތެރިވުމަށްޓަކައި އެ ރަށްރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ބަނދަރުގައި ތިބި މަންޒަރު،" ދުވާފަރު މަސްވެރިންގެ ގުޅުމުގެ ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނު އަހުމަދު ހުސެން ކިޔައިދިނެވެ.

"އެހެންވީމަ ހަމަ އެ ގޮތަށް އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށްޓަކައި މި ރަށުގެ ރައްޔިތުން ނުކުމެ ތިބީ. އޭރު އެ ބޭފުޅުންގެ ޝަރަފުގައި ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ނިންމާފައި އޮތީ."

މަރުހަބާ ކިޔުމުގެ ގޮތުން އަންހެނުން ދަނޑިޖަހަނީ

މަރުހަބާ ކިޔުމުގެ ގޮތުން އަންހެނުން ދަނޑިޖަހަނީ

އަންހެނުންގެ ދަނޑިޖެހުމާއި ދިވެހި ބުއިންތަކާ އެކު ދިވެހިވަންތަ މަރުހަބާއަކުން ރަށު ތެރެއަށް ގެންދިޔަ މެހްމާނުންނާ ބައްދަލުކޮށް ހާލު އަހުވާލު އޮޅުންފިލުވުމުގެ ފުރުސަތު ދުވާފަރު މީހުންނަށް ލިބުނެވެ. އެ މީހުންގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންމެ ރަށަކަށް ޝުކުރުގެ ފިލައެއް ކައުންސިލްތަކުގެ ރައީސުންނާ ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން އޮތް މެންދުރުގެ ޖާފަތުގައި އަތޮޅުގެ 15 ރަށް ނިސްބަތްކޮށްދޭ 15 ކޭން އަދި ކަނދޮޅުދޫ މީހުންނަށް ދުވާފަރު ބިނާކޮށްދިން ރެޑް ކްރޮސް ރެޑް ކްރެސެންޓް ޖަމާއަތް ރަމްޒުކޮށްދޭ ކޭމެއް ބަހައްޓާފައި ހުއްޓެވެ.

"މި ހަރަކާތުގެ ތީމް އާއި ހުރިހާ ކަމަކުން ވެސް އެ ދުވަސް ރަމްޒުކޮށްދޭން އަޅުގަނޑުމެން ބޭނުންވީ،" އަހުމަދު ބުންޏެވެ.

"ރަސްމިއްޔާތުގައި ބޭނުންކުރި ބެކްގައި އަޅުގަނޑުމެން ދައްކައިދީފައި ހުންނާނީ ނޫ ކުލައިގެ ރާޅުތަކެއްގެ ތެރެއިން އަތްތަކެއް ގުޅިފައި ހުންނަ މަންޒަރު. އެއީ އެއްބައިވަންތަކަން. އޭގެ އިތުރުން މީހުން ސަލާމަތްކުރަން އެކަކު އަނެކަކަށް ދިއްކޮށްލި އަތް. އެ ވޭވްތައް ޝޭޑްކޮށްފައި ހުރި އިރު ކޮންމެ ޝޭޑަކީ ކަނދޮޅުދު އަށް އެ ދުވަހު ރާޅު އެޅި ލެވެލް އަންގައިދޭ މިންގަނޑެއް. އެންމެ ބޮޑަށް ރާޅު އެރި ހިސާބަށް 10 ފޫޓަށް އަރާފައި ހުރިި."

ފަސް ރަށުގެ މީހުންގެ ޝަރަފުގައި ބޭއްވި ކެއުމުގައި ބަޔަކު ބައިވެރިވަނީ

ފަސް ރަށުގެ މީހުންގެ ޝަރަފުގައި ބޭއްވި ކެއުމުގައި ބަޔަކު ބައިވެރިވަނީ

ޖާފަތަށް ފަހު ފަސް ރަށުގެ މީހުން ފުރުވާލަން ވެސް ގިނަ އަދަދެއްގެ ބަޔަކު ދިޔަ އެވެ. އަހުމަދު ސިފަކުރިގޮތުގައި އެ އަގުވަޒަންކުރުން ވެގެން ދިޔައީ އަސަރުގަދަ އެކަމަކު އުފާވެރި ބައްދަލުވެލުމަކަށެވެ.

"އަނެއްކާވެސް ފެނުނީ ވަރަށް ގާތް، އެއްބަނޑު އެއްބަފާ ކަހަލަ ގުޅުމެއް. ހަމައެކަނި ސަލާމްކޮށްލުމަކުން ނުފުދޭ. ބައްދާލާ، ބުރަކަށީގައި ފިރުމާލާފައި ވާހަކަދައްކާނީ. ވަރަށް ބޮޑަށް އެއްބައިވަންތަކަން އަޅުގަނޑަށް ފެނުނު،" އޭނާ ބުންޏެވެ.

މެހްމާނުންނަށް މަރުހަބާ ކިޔުމުގެ ތެރެއިން

މެހްމާނުންނަށް މަރުހަބާ ކިޔުމުގެ ތެރެއިން

ސުނާމީ އަށް 13 އަހަރު ފަހުން މި އަގުވަޒަންކުރުން އައި އިރު، އަހުމަދު ބުނީ މިއީ "ރަށުގެ ގިނަ މީހުންގެ ވިސްނުމުގައި އަބަދުވެސް ހުންނަ ކަމެއް" ކަމަށެވެ. ދުވާފަރަށް ބަދަލުވީއްސުރެ އެ ވާހަކަ ދެކެވެމުން އައި ނަމަވެސް، ފައިސާ ހޯދުން ގޮންޖެހުމަކަށް ވެފައި އޮއްވާ، އެންމެ ފަހުން އެކަން ކާމިޔާބުކުރީ މަސްވެރިންގެ ގުޅުމުން އިޖުތިމާއީ ހަރަކާތްތައް ހިންގަން ހެދި ޕްލޭނެއްގެ ތެރެއިންނެވެ. އާބާދީގައި 4،800 މީހުން ތިބި ދުވާފަރުގެ މަސްވެރިންނަށް އާއްމުކޮށް ރަށުގައި ނުތިބެވޭތީ އެ ކަންކަން އިންތިޒާމްކުރަން އެހެން މީހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

"މަސްވެރިން ހޯދީ އާއްމުންގެ ތެރެއިން އިޖުތިމާއީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު. މަސްވެރިންގެ ގުޅުމުގައި މައިގަނޑު ގޮތެއްގައި މި ހިމެނެނީ ހަތް ދޯންޏަކަށް ނިސްބަތްވާ ބޭފުޅުން. އޭގެ އިތުރުން އާއްމު މެމްބަރުން ވެސް އެބަތިބި. ކޮންމެ ދޯންޏަކުން ވެސް މަހަކު ވަކި އަދަދަކަށް ފައިސާ ނަގާ ގޮތަށް މި އޮންނަނީ. އޭގެ އިތުރުން މެމްބަރުން ހަދިޔާކުރަނީ ފައިސާ. މިހާރު އޮތް އެއްބަސްވުމަކީ ބޮޑު އިވެންޓެއް ރޭވުމަށް ފަހު ސީދާ އެ އިވެންޓަށް ފަންޑް ރެއިޒްކުރުމަށް ކޮންމެ ދޯންޏަކުން ވެސް އެއް މަސް ދަތުރު ކުރަން،" އަހުމަދު ބުންޏެވެ.

މަސްވެރިންގެ ގުޅުމުގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ހުރި އިރު، އެއްބައިވަންތަކަމުގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އަހުމަދު ބުނިގޮތުގައި މި އަހަރު މިއީ ފެށުމެކެވެ. މި އަންނަ އަހަރު އަތޮޅުގެ ހުރިހާ ރަށަކުން ދުވާފަރަށް މީހުން ގެންދަން ހަމަޖައްސާފައިވާ އިރު، އެހީތެރިވެދިން ރަށްރަށަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދިނުމުގެ ޕްލޭންތައް ވެސް އެބަ ހުއްޓެވެ. އޭރުން ޝުކުރު އަދާކުރުމާއި ރަމްޒީ އަގުވަޒަންކުރުމަކުން ފެށި މި ހަރަކާތް މުޅިން އެހެން ހިސާބަކަށް ދާނެ އެވެ.

"ދިގު މުއްދަތެއްގެ ޕްލޭނެއް އެއީ އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާ އިރު ތަފާތުކުރަމުން ގޮސް، ބައެއް އަހަރުތަކުގައި ބައެއް ރަށްރަށުގައި އެ ރަށްރަށަށް ކޮންމެވެސް ކަހަލަ ހަނދާނީ ބިނާއެއް ކަހަލަ ކަމެއް ކޮށްދިނުން ވެސް. އެ ރަށަކަށް ބޭނުންވެފައި އޮންނަ އެހީތެރިކަމެއް ފޯރުކޮށްދިނުން ވެސް. މިސާލަކަށް ފެން ބޮޑުވާ ރަށްރަށް އެބަހުރި، ޕަމްޕު ސްޓޭޝަންތައް ބޭނުންވާ. އެކަމަކު 2019އާ ހިސާބުން އެ ވިސްނުމަށް މަސައްކަތްކުރަން ފައްޓާނީ،" އަހުމަދު ބުންޏެވެ.

އެހީތެރިވި ރަށަކަށް ޝުކުރުގެ ފިލައެއް ދެނީ

އެހީތެރިވި ރަށަކަށް ޝުކުރުގެ ފިލައެއް ދެނީ

އެހީތެރިވި ރަށްރަށުގެ މީހުންގެ ޝަރަފްގައި ބޭއްވި ހަރަކާތްތަކުގެ އިތުރުން ދުވާފަރުގައި އެއްބައިވަންތަކަމުގެ ހަވީރެއް ވެސް އެ ދުވަހު ކުރިއަށް ގެންދިޔަ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކުޅިވަރުތައް އޮތް އެ ހަވީރަކީ، އަހުމަދު ބުނިގޮތުގައި، "މީގެ ކުރިން ދުވާފަރު ނުވަތަ ކަނދޮޅުދޫން ނުފެންނަ ވަރަށް ބޮޑުކޮށް" ބޭއްވި ހަރަކާތެކެވެ. ސުނާމީގެ ތަޖުރިބާތަކާ ގުޅިފައިވާ މުހިއްމު މެސެޖުތައް ފޯރުކޮށްދެމުން ކުރިއަށް ގެންދިޔަ ހަވީރުގައި 1500އެއްހާ މީހުން ބައިވެރިވެ އެކުގައި ވަގުތު ހޭދަކުރުމަކީ ރަށުގެ އެއްބައިވަންތަކަމަށް ލިބުނު "ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށް އޭނާ ދެކެ އެވެ. ދުވަސް ނިންމާލީ ރޭގަނޑު އޮތް ބާބެކިއު އަކުންނެވެ.

ދުވާފަރު މީހުންގެ އެއްބައިވަންތަކަމުގެ ހަވީރުގެ ތެރެއިން

ދުވާފަރު މީހުންގެ އެއްބައިވަންތަކަމުގެ ހަވީރުގެ ތެރެއިން

އެއްބައިވަންތަކަމުގެ ދުވަސް ދުވާފަރުގައި ފާހަގަކުރި އިރު ސުނާމީ އެރި ދުވަހުގެ ހަނދާންތަކަށް، 13 އަހަރު ފަހުން ވެސް، ފަނޑުކަމެއް ނާދެ އެވެ. އަހުމަދު ބުނި ގޮތުގައި އަތޮޅުގެ އެންމެ އާބާދީ ބޮޑު ކަނދޮޅުދޫން ތިން މީހުން މަރުވެ ރަށް އެއްކޮށް ފުނޑުފުނޑުވި ހިތްދަތިކަމުގެ "އެ އަސަރުތައް އަދިވެސް ހަމަ އެ ގޮތަށް" މީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައި ހުރި އިރު "ރޮއެ ނުލާ އެ ދުވަހުގެ ވާހަކައެއް ނުދެއްކެ" އެވެ. އަދި އެ ހާލަތުގައި އެހީގެ އަތެއް ދިއްކޮށްލި އަވައްޓެރިންނަށް އެ މީހުންގެ ހިތްތައް ވަނީ ޝުކުރުން ފުރިފަ އެވެ.

"އެއްބައިވަންތަކަމުގެ ދުވަސް މުޅި ރާއްޖޭގައި ފާހަގަކުރާ އިރު ރ. އަތޮޅު މި ޚާއްސަވަނީ ނުވަތަ ރ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އެއްބައިވަންތަކަމަށް ލޯބި އޮތް ކަމަށް އަޅުގަނޑުމެން ބޮޑަށް މި ދައުވާކުރާ ސަބަބަކީ ދޮޅު އަހަރު ވަންދެން އަމިއްލަ ގޭގައި އެ މީހުންނަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު ބޭތިއްބީމަ. މިސާލަކަށް އުނގޫފާރުގައި އަޅުގަނޑުމެންގެ ތެރެއިން 2،300 އެއްހާ މީހުން ތިބި އިރު އެ ބޭފުޅުންގެ އާބާދީ 1،500 އަށް ވެސް ނާރާ،" އަހުމަދު ބުންޏެވެ.

"އެހެންވީމަ ދުވާފަރު މަސްވެރިންގެ ފަރާތުން ބޭނުންވަނީ އަދި ރައްޔިތުންގެ ވެސް އެދުމަކީ މެދުނުކެނޑި އެ ބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރުން."