Roadha Mihaaru
އުމަރު ޒާހިރުގެ ޑައިރީ އަކީ ރައީސަށް ބޮޑު ފިލާވަޅެއް

އުމަރު ޒާހިރުގެ ޑައިރީ އަކީ ރައީސަށް ބޮޑު ފިލާވަޅެއް

27 ޑިސެމްބަރ 2021

ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އުމަރު ޒާހިރު މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވާން ފެއްޓެވީންސުރެ ގެންދެވީ ޑައިރީ ލިޔުއްވަމުންނެވެ. މިދިޔަ ހަފްތާގައި އެ މަނިކުފާނު އަވަހާރަވުމުގެ ދުވަސްތަކެއް ކުރިއާ ހިސާބަށް ގަވައިދުން އެކަން ކުރެއްވި އެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ޑައިރީއަށް އިޝާރާތްކުރައްވަމުން ދެއްކެވީ އެއިން ލިބިދޭ އިބްރަތާއި ފިލާވަޅުތަކުގެ ވާހަކަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާންމުކޮށް ޝާއިއުކޮށްފައިވާ މި ޑައިރީ އަކީ ރައީސް ވިދާޅުވި ގޮތުގައި މައުލޫމާތުގެ ކަންޒެކެވެ.

ކޮވިޑަށް ފަރުވާ ހޯއްދަވަނިކޮށް، އުމުރުފުޅުން 85 އަހަރުގައި މި މަހު 20 ގައި އަވަހާރަވި އުމަރު ޒާހިރުގެ ހަނދާން އާކުރައްވާއި ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު އުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނަކީ އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން ކަމަށާއި ރާއްޖޭގެ މި ޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު ކަމަށެވެ.

"ގައުމީ ހިދުމަތަކީ އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިހުލާސްތެރިކަމަކީ، އެ މަނިކުފާނުގެ ތަބީއަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ހިކުމަތްތެރިކަމަކީ އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން،" ރައީސް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ވިސްނުންފުޅުގެ ތެރެއިން ރާއްޖޭގައި ހިންގި ކާމިޔާބު ބައެއް މަޝްރޫއުތަކުގެ ތެރޭގައި، ހުޅުލޭ ފަޅު ހިއްކައިގެން ހެދި އެއާޕޯޓާއި ހުޅުމާލެ އާއި މާލެ އަމީނީމަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން މާލެ ބޮޑުކުރުމާއި ގާ އަތުރައިގެން މާލޭގެ މަގުތައް ހެދުމާއި ތިލަފަޅު ހިއްކައިގެން ތިލަފުށި ހެދުން ހިމެނެ އެވެ. ރޭގެ ޖަލްސާގައި ރައީސް ވަނީ އެ މަސައްކަތްތަކަށް ތައުރީފްކުރައްވައިފަ އެވެ.

އުމަރު ޒާހިރު ޑައިރީ ލިޔުއްވަން ފެއްޓެވީ 1943 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެ މަނިކުފާނު މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވާން ފެއްޓެވި ދުވަހު އެވެ. އޭރު އުމުރުފުޅުން އެންމެ ހަތް އަހަރެވެ. އޭގެ ފަހުން 40 ފޮތާއި އެތައް ބައިވަރު ނޯޓެއް ލިޔުއްވާފައި އެބަހުއްޓެވެ.

"އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބަ އޮތް. އޭގެ އިތުރުން، ގައުމީ ފެންވަރުގައި ހިނގައި ދިޔަ ކަންތައް ވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.

"އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ސަފުހާތަކުން އަޅުގަނޑަށް މުޅިން ވެސް ފެނުނީ އިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީހީ މައުލޫމާތުގެ ކަންޒެއް."

ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ދައުލަތާއި ގައުމާއި ރައްޔިތުންނަށް އެހާ އަގުހުރި، މަތިވެރި ހިދުމަތްތަތަކެއް އުމަރު ޒާހިރު ކޮށްދެއްވާފައިވާއިރު، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި މި ޖަލްސާގައި ވަނީ ޑިސެމްބަރު، 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަރުވެ އަދި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ. މި ޖަލްސާގައި ވަނީ ސަރުކާރުން މި އަހަރު ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 98 މީހަކަށް ދީފަ އެވެ.