Roadha Mihaaru
ގައުމީ އިނާމަށް ތިން ބަދަލެއް

ގައުމީ އިނާމަށް ތިން ބަދަލެއް ގެނެސްފި

11 ޖެނުއަރީ 2023

ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަރު އަންނަ އާދީއްތަ ދުވަހު ހުޅުވައިލަން ރައީސް އޮފީހުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަރު އަންނަ އާދީއްތަ ދުވަހު ހުޅުވައިލަން ރައީސް އޮފީހުން ނިންމައިފި އެވެ.

އެ އޮފީހުން ބުނީ، ގައުމީ އިނާމު ދިނުމުގެ އުސޫލަށް މި އަހަރު ވަނީ ތިން ބަދަލެއް ގެންނަން ނިންމާފައި ކަމަށެވެ.

ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް 60 އަހަރު ވިޔަސް ނަން ހުށަހެޅޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލު ކުރަން ނިންމައިފަ އެވެ.

އަނެއް ބަދަލަކީ، މިހާރު އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، ހިދުމަތުގައި 35 އަހަރު ވިޔަސް ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖެއްސުމެވެ. މިހާރު އިނާމު ދެމުން އަންނަ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ، ކަލިނަރީ އާޓްސް އާއި އިންޖިނިއަރިންގެ ދާއިރާ އެވެ.

މީގެ ކުރިން ބޭއްވި ގައުމީ އިނާމުގެ ދިނުމުގެ ޖަލްސާއެއްގައި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ބޭފުޅަކަށް ރައީސް، ހަނދާނީ ފިލާ އަރުވަނީ--- ފޮޓޯ/ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ގައުމީ އިނާމުގެ ދިނުމުގެ ޖަލްސާއެއްގައި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ބޭފުޅަކަށް ރައީސް، ހަނދާނީ ފިލާ އަރުވަނީ--- ފޮޓޯ/ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ މީހަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއް ނަމަ އެ އިނާމު ލިބުނުތާ 10 އަހަރުވެފައިި ވުމުންނެވެ. އަދި އެ ހިދުމަތްކުރި މުއްދަތު 35 އަހަރު ވެފައި ވުމުންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި ބަލާނީ އެ މީހަކީ ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީން ބަލާ ގޮތަށެވެ.

ހިތްވަރު ދިނުމުގެ އިނާމު ދޭނީ އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ހިދުމަތް ކުރުމުންނެވެ. ކުންފުނި، ޖަމިއްޔާ، ޖަމާއަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.

މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.