Roadha Mihaaru
ސުނާމީއަކީ އިމްތިހާނެއް، ކާމިޔާބުވީ އަގީދާ ވަރުގަދަވީމަ

ސުނާމީ ކާރިސާއަކީ އިމްތިހާނެއް، ކާމިޔާބުވީ އަގީދާ ވަރުގަދަވީމަ: ރައީސް

26 ޑިސެމްބަރ 2018

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނާ ބައްދަލުކުރި އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ ދިވެހިންގެ އަގީދާގެ ވަރުގަދަކަމާއި ސާފު އީމާންތެރިކަން ކަމަށް ވިދާޅުވެ، އެ ދުވަހުގެ ތަޖުރިބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. ދުވާފަރުގައި މިއަދު ހިއްސާކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނާ ބައްދަލުކުރި އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ ދިވެހިންގެ އަގީދާގެ ވަރުގަދަކަމާއި ސާފު އީމާންތެރިކަން ކަމަށް ވިދާޅުވެ، އެ ދުވަހުގެ ތަޖުރިބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. ދުވާފަރުގައި މިއަދު ހިއްސާކުރައްވައިފި އެވެ.

މީގެ 14 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ކާރިސާ ހިނގި ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ އުފަން ރަށް ޅ. ހިންނަވަރުގަ އެވެ. އެ ދުވަހު، ރަށުގައި ފެންބޮޑުވި މަންޒަރު އެންމެ ގާތުން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ ވެސް ރައީސް އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ދުވަހު މުޅި ރަށުގައި ފެންބޮޑުވި މަންޒަރު ފެނިވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ދެ ކުދިން ކައިރީގައި ތިއްބެވި ކަމަށެވެ. އެމަނިކުފާނު އެ ވާހަކަފުޅު ހިއްސާ ކުރެއްވީ ވެސް ފެންކަޅިވެ ހުންނަވައި، އަސަރާއެކުގަ އެވެ.

ރައީސް ވިދާޅުވީ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު، ގޭގެ ކުރިމަތީގައި ހުރި ގަހެއްގެ ކުރިއަށް އަރައި ހުރިއިރު، އަނެއް ކުއްޖާ ހުރީ ފާރު ބުރިއަކަށް އަރައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސުނާމީ ކާރިސާގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަށް "ގަންބާލި" ކަމަށެވެ. އެއީ އާއިލާތައް ވިއްސިވިހާލި ކުރުވި، ހިތި ތަޖުރިބާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި އެއީ މުދަލާއި ގެދޮރު ސުންނާފަތިވެ، ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބުނު ހާދިސާއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި އޭޝިއާގެ ބައެއް ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަސް ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރުވި އެވެ. ސުނާމީގެ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލުނެވެ.

ސުނާމީ އެރި އިރު، ރާއްޖޭގައި މީހުން ދިރިއުޅެނީ 199 ރަށުގަ އެވެ. ސުނާމީ ކާރިސާގައި 190 ރަށަށް އެކިވަރުގެ ގެއްލުންތައް ލިބި ބައެއް ދިވެހިންގެ ދިރިއުޅުން ބަރުބާދުވި އެވެ. ގެދޮރު ސުންނާފަތިވެ، 15،000 އަށް ވުރެ ގިނަ މީހުން އުޅެން ޖެހުނީ ވަގުތީ ހިޔާތަކުގަ އެވެ.

ރައީސް ވިދާޅުވީ ކާރިސާގެ ބިރުވެރިކަމުން ހިތްތަކަށް ހަމަޖެހުން ހޯދައިދިނީ މާތް ﷲ ގެ އޯގާވަންތަކަމާ މެދު ދިވެހިންގެ މެދުގައި އޮތް ޔަގީންކަމުން ކަމަށެވެ. އެ ދުވަހު ދިވެހިންނަށް ކުރިމަތިވި ހައިހޫނު ކަމުން ސަލާމަތްކޮށްދިން ވަސީލަތަކީ ކެތްތެރިކަމާ އެކު، ﷲ ގެ ހަޒްރަތުގައި ކުރި ދުއާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގަތުމުން އުމުރުން ދުވަސްވީ މީހަކު އެމަނިކުފާނަށް ދެއްވި ގަނޑުކޮޅެއް ވިދާޅުވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގަތުމުން އުމުރުން ދުވަސްވީ މީހަކު އެމަނިކުފާނަށް ދެއްވި ގަނޑުކޮޅެއް ވިދާޅުވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ގެއްލުނު މުދަލާ މެދު ޝަކުވާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އެދި ދެންނެވީ ﷲ ގެ ދައިމީ ނިއުމަތަށް. ވަކިވެދިޔަ ފުރާނަތަކާ މެދު ކަރުނަ އަޅާ ހާލުގައި އަޅުގަނޑުމެން ﷲ ގެ ހަޒްރަތުގައި ދުއާ ދެންނެވީ ދާއިމީ ސުވަރުގޭގެ ދަރުމަ އާއި ސަވާބަށް،" ރައީސް ވިދާޅުވި އެވެ.

ސުނާމީ ކާރިސާގެ ހަނދާންތަކުގެ ތަޖުރިބާ ހިތްތަކުން ފޮހެވިގެން ނުވާނެ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ބައިނަލްއަގުވާމީ މުޖުތަމައު އިން ބަލައިގަތީ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ. ރަށްތައް ވީރާނަވެ، ގެދޮރު ސުންނާފަތިވި އިރު، އެހެން ގައުމުތަކުން ފެނުނު ބައިބައިވުމެއް ދިވެހިންގެ ތެރެއިން ފެނިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ދިޔައިރު، އަޅުގަނޑުމެން އިސްކަން ދިނީ އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށް،" ސުނާމީ ކާރިސާ އިން އަރައިގަތުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރި ބުރަ މަސައްކަތް ވެސް ފާހަގަ ކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރ. ދުވާފަރަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި ދިރިއުޅޭ 5،000 އެއްހާ ރައްޔިތުންނަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ ރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވެފައިވާ ރަށްވެހިކަމަށް ދީފައި ހުރި ގޯތިތަކުގެ ރަޖިސްޓްރީ ރަށުގެ ރައްޔިތުންނަށް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ބިން ފުރި، ގޯއްޗާއި ފްލެޓު ދެވޭނެ ގޮތެއް ނެތުމާ ގުޅިގެން ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ލަސްނުވެ، ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ދުވާފަރުގައި އެކަށީގެންވާ ސިއްހީ ހިދުމަތެއް ލިބެން ނެތުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމުކޮށް، އިތުރު ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަކާއި ކައުންސިލެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކާރިސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީވުމަށް އިންތިޒާމުތަކެއް ހަމަޖައްސައި، ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.