26 ޑިސެމްބަރ 2018
ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖެ ސިޔާސީ ގޮތުން އެކުވެރި ނުވާ މިންވަރަށް މިހާރު އެކުވެރި ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖެ ސިޔާސީ ގޮތުން އެކުވެރި ނުވާ މިންވަރަށް މިހާރު އެކުވެރި ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ސަފުތައް މިހާރު ބަދަހި ގުޅުމަކާ ގާތްކަމުގެ ތެރެއަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮތުމަށް ޓަކައި ހުންނަން ޖެހޭ ހުރިހާ ސަބަބުތައް ރާއްޖޭގައި ދެމި އެބަ އޮތް ކަމަށާއި އެއްބައިވަންތަކަމުގައި ކޫރެއް ވެސް އެޅުނީ ސިޔާސީ ފިކުރުގެ ސަބަބުން ކަމަށެވެ.
"ހަމަ އެހެންމެ އެބައެއްގެ ތެރޭގައި އޮންނަ ސިޔާސީ ހަމަޖެހުމާއި މަސްލަހަތަކީ އެބައެއްގެ އެއްބައިވަންތަކަމާ އެކުވެރިކަން ހިފަހައްޓައިދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިމްރާން އެހެން ވިދާޅުވީ އެއްބައިވަންތަ ވުމަށް ބާރަކަށްވާ ގިނަ ސަބަބުތަކެއް ވިދާޅުވެދެއްވުމަށް ފަހު އެވެ. އެގޮތުން އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއްދީނަކަށް އުޅޭ އެއް ސަގާފަތެއްގެ ވެރި ބަޔަކަށް ވުން ފަދަ ސަބަބުތައް ބަޔާން ކުރެއްވި އެވެ. ދެން ވިދާޅުވީ ސިޔާސީ ހަމަޖެހުން ފިޔަވައި ދެން ހުރި ސަބަބުތައް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް މިންވަރަކަށް ރާއްޖޭގައި އެބަ އޮތް ކަމަށެވެ.
"މި ބަދަހިކަމަށް ކުޑަ ކުޑަ ކޫރުމެއް އެޅިގެން ދަނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ސިޔާސީ ކޮންމެވެސް ނުތަނަވަސްކަމަކާ ދަތިތަކެއްގެ ސަބަބުން. ﷲ ސުބްޙާނަހޫ ވަތާއަލާގެ ރަޙުމަތުން އަޅުގަނޑުމެންނަށް މިއަދު މިހިސާބަށް އާދެވުނު އިރު، ﷲގެ ރަހުމަތުގެ ބޮޑުކަމުން އަޅުގަނޑުމެންނަށް މިތިބީ އެކަމުގައި ވެސް މި ވޭތުވެ ދިޔަ 30 އަކަށް އަހަރު އަރައި ނުގަނެވޭ ހިސާބަށް ޖެހިފައި. އަޅުގަނޑުމެންގެ ސިޔާސީ ސަފުތައް މިއަދު މިވަނީ ބަދަހި ގުޅުމަކާ ގާތްކަމެއްގެ ތެރެއަށް އައިސްފައި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިޔާސީ ހަމަޖެހުން ގާއިމްކޮށްފައި ބާއްވަން މަސައްކަތްކުރުމަކީ އެންމެންގެ މައްޗަށް ލާޒިމްކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައެެއް ވަޒީރުން ބައިވެރިވަޑައިގެންނެވި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި 26 ޑިސެމްބަރު ފާހަގަ ކުރަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށާއި އޭޝިއާގެ އެހެން ގައުމުތަކަށް ކުރިމަތިވި ސުނާމީގައި ލިބުނު ގެއްލުންތަކުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ.
ރާއްޖެ އާއި އޭޝިއާގެ ބައެއް ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަސް ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރުވި އެވެ. ސުނާމީގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ގެއްލުނެވެ.
ސުނާމީއަކީ އިމްތިހާނެއް، ކާމިޔާބުވީ އަގީދާ ވަރުގަދަވީމަ
ރައީސް ދުވާފަރަށް ވަޑައިގެންފި
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި
މިއީ ގައުމު އިސްކުރަންވީ ވަގުތު: ޝައިޚް އިމްރާން
ދީނީ އެއްބައިވަންތަކަމަށް މަސައްކަތްކުރަން ޖެހޭ:އިމްރާން
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
ސުނާމީ އާއި އެއްބައިވަންތަކަން އަދި ދުވާފަރުގެ ޝުކުރު
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގާސިމް ފާޑުވިދާޅުވެއްޖެ
އެއްބައިވަންތަކަމުގެ ދުވަހުން އިބުރަތް ހާސިލް ކުރަންޖެހޭ
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު