Roadha Mihaaru
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު

އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު

11 ޑިސެމްބަރ 2024

ސުނާމީގެ ބިޔަ ރާޅުތަކުން ރާއްޖޭގެ ބައެއް ރަށްތައް ދޮވެލައި، ފަޅުވިތާ ވިއްސަކަށް އަހަރުވީ އެވެ. ބޮޑު ރާޅުގައި މުޅި ރަށް ސުންނާފަތިވުމުން އެ ރަށްތަކުގެ މީހުން އެހެން ރަށްތަކަށް ބަދަލުވެ، ދިރިއުޅެމުން އަޔަސް ބައެއް މީހުންނަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އާބާދުވި ވަޒަނުން ރަށްވެހިކަން ނުލިބި، އެ މީހުންނަށް ކުރިމަތިވާ ދަތިތަކާއި ތަކުލީފުތަކަށް ނިމުމެއް ނާދެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސުނާމީގެ ބިޔަ ރާޅުތަކުން ރާއްޖޭގެ ބައެއް ރަށްތައް ދޮވެލައި، ފަޅުވިތާ ވިއްސަކަށް އަހަރުވީ އެވެ. ބޮޑު ރާޅުގައި މުޅި ރަށް ސުންނާފަތިވުމުން އެ ރަށްތަކުގެ މީހުން އެހެން ރަށްތަކަށް ބަދަލުވެ، ދިރިއުޅެމުން އަޔަސް ބައެއް މީހުންނަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އާބާދުވި ވަޒަނުން ރަށްވެހިކަން ނުލިބި، އެ މީހުންނަށް ކުރިމަތިވާ ދަތިތަކާއި ތަކުލީފުތަކަށް ނިމުމެއް ނާދެ އެވެ.

އެ ޝަކުވާތައް އޮއްސާލަމުން ސުނާމީ އަށް ފަހު ފަޅުވި ދ. ވާނީ، ހާމިދު ހުސެއިން ބުނި ގޮތުގައި އެ މީހުންނަށް އުޅެން ޖެހިފައި ވަނީ އަމިއްލަ ގައުމުގައި "ރެފިއުޖީން" ގެ ގޮތުގަ އެވެ.

ހާމިދާއި އޭނާގެ އަންހެނުން އަދި ދަރިފުޅު، ދ. ކުޑަހުވަދު އަށް ބަދަލުވީ 2012 ވަނަ އަހަރު ވާނީ އަކީ ފަޅު ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުއްވުމުންނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މީހުން އެރަށުގައި އުޅެމުން އަންނަނީ އެކި ގޭގޭގައި ކުއްޔަށެވެ.

"ދެހާސް ބާރަވަނަ ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީން މީހުން ބަދަލުކުރިއިރުގައި ބަދަލުވީ ކުޑަހުވަދޫއަށް. އަދިވެސް ގެއެއް ހަމަނުޖެހޭ. ކުޑަހުވަދޫގެ އެކި ގޭގޭގައި އަޅުގަނޑުމެން އުޅެމުން މި އައީ މަހަކު 4،500ރ. ކުއްޔަށް ދީގެން،" ހާމިދު ބުންޏެވެ.

"ރައީސްގެ ގަރާރަކުން ވާނީ ފަޅުކުރީމަ އޭގެ ފަހުން ވާނީއަކަށް ނުއެއް އެރޭ. އެރުން މަނާކޮށްފައި އޮތީ. އޭގެ ފަހުން ވެސް ކައުންސިލުގެ ހުއްދަ ނަގައިގެން އެ މީހުންގެ ބެލުމުގެ ދަށުން ދެވޭ، ގޭގައި ހުރި ސާމާނު ގެންނަން."

ކުޑަހުވަދޫގައި ދިރިއުޅެމުންދާތާ 12 އަހަރު ފަހުން ހާމިދުގެ އާއިލާއަށް ގޯއްޗެއް ލިބިއްޖެ އެވެ. ކުޑަަހުވަދޫން ހިއްކި ސަރަހައްދުން އެންމެ ފަހުން ގޯތި ދޫކުރިއިރު ޝަރުތު ހަމަވެގެން އެ އާއިލާ އަށް ގޯތި ލިބި ލިޔުން ވެސް ކައުންސިލުން އޮތީ ހާމިދާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ވަރުން ވެސް އެ އާއިލާ އަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެ ގޯތި ރަޖިސްޓަރީކުރުމަށް ކުރި މަސައްކަތަށް އެއްވެސް ކާމިޔާބީއެއް މިހާތަނަކަށް ނުލިބެ އެވެ.

ދ. ކުޑަހުވަދޫގެ މަގެއް: މި ރަށަށް ސުނާމީގައި އެ އަތޮޅު ގެމެންދޫ އާއި ވާނީ މީހުން ބަދަލުކުރި.- ފޮޓޯ: ނިޝާން އަލީ | މިހާރު

ދ. ކުޑަހުވަދޫގެ މަގެއް: މި ރަށަށް ސުނާމީގައި އެ އަތޮޅު ގެމެންދޫ އާއި ވާނީ މީހުން ބަދަލުކުރި.- ފޮޓޯ: ނިޝާން އަލީ | މިހާރު

ހާމިދު ބުނި ގޮތުގައި އޭނާ އަށް ގޯތި ރަޖިސްޓަރީ ނުކުރެވި އޮތީ މައިންބަފައިންގެ ތަރިކައިން އޭނާ އަށް ލިބޭ ބައެއް ވާނީގައި އޮތް ކަމަށް ބުނެ އެވެ. އެކަމަކު މައިންބަފައިންގެ ތަރިކަ މުދަލުން އޭނާއަށް ލިބެންޖެހޭ ތަނެއް އެތަނުގައި ނެތް ކަމަށް ތަކުރާރުކޮށް ބުންޏެވެ.

"ހުއްދަ ނުދީ އިނީ އަޅުގަނޑުގެ މައިންބަފައިންގެ ތަރިކަ މުދަލެއް ވާނީގައި އޮތް ކަމަށް ބުނެ. ނޯންނާނެ އެ މީހުންގެ ތަނެއް. ވާނީގައި ހުއްޓަސް ހުންނާނީ އަޅުގަނޑުގެ އަމިއްލަ ނަން މަތީގައި އޮތް ތަނެއް،" އޭނާ ބުންޏެވެ.

"ވާނީން ތަރިކައިން ލިބޭ ބައެއް އެބައިނޭ މި ބުނަނީ. އެތަން ދޫކޮށްލި ކަމުގެ ޝަރުއީ ލިޔުމެއް ހުށަހެޅީމައޭ ކުޑަހުވަދޫން ލިބުނު ގޯތި ރަޖިސްޓަރީ ކުރެވޭނީ. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ. އަޅުގަނޑު ބަލައިފިން ދ. އަތޮޅު ކުޑަހުވަދޫ އާއި އަތޮޅު ކައުންސިލަށް ސިޓީ ލައިގެން އެތަނުގައި އަޅުގަނޑަށް ލިބެންޖެހޭ ތަރިއެއް އެތަނުގައި ހުރިތޯ. އޮތް އެއްޗެއްތާ އަޅުގަނޑަށް ދޫކޮށްލެވޭނީ."

ސުނާމީ އަށް ފަހު އޭރު ރަށްރަށަށް މީހުން ބަދަލުކުރިއިރު ސަރުކާރާއި ރެޑް ކްރެސެންޓުން ގިނަ ރަށްތަކެއްގައި ގެތައް އެޅި އެވެ. ކުޑަހުވަދޫގައި އެޅި ގެތަކުން މި އާއިލާ އަށް ވެސް ގެއެއް ލިބުނެވެ. އެކަމަކު ތިން ކޮޓަރީގެ ކުޑަ ތަންކޮޅުގެ ތެރޭގައި އޭނާގެ މައިންބަފައިންގެ ހުރިހާ ދަރިންނާއި އެ މީހުންގެ ދަރިން އުޅުންވީ ބޮޑު ގޮންޖެހުމަކަށެވެ. އާއިލީ މައްސަލަތައް ޖެހި، ހާމިދާއި އޭނާގެ އާއިލާ އެތަނުން ނުކުމެ ކުއްޔަށް އުޅެން މަޖުބޫރުވީ އެވެ.

"ދަރިފުޅު މިހާރު އުޅެނީ ގްރޭޑް 11 ގައި. އެވަރު ކުއްޖަކު ކައިރިއަށް ލައިގެން ކިހިނެއް ނިދާނީ. އަނެއްކާ އެ ގޭގައި އަޅުގަނޑުގެ އެއްބަނޑުއެއްބަފާ އެހެން ކުދިން ވެސް މީހުންނާއި އިނދެގެން އެބައުޅޭ އެމީހުންގެ ދަރިންނާ އެކު. އެ ހާލުގައި އެތަން ކޮޅުގައި އުޅޭނީ ކިހިއްނެއް؟ އެހެންވެ އަޅުގަނޑުމެން ކުއްޔަށް އުޅެނީ،" އޭނާ ބުންޏެވެ.

އޮތީ ހުސް ޝަކުވާ!

ހާމިދު ގަބޫލުކުރާ ގޮތުގައި މި މައްސަލަތައް ހައްލުކުރުމަށް މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ޓަކި ނުޖަހާ ދޮރެއް ނެތެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައިސް ކަމުގައި މުހައްމަދު ނަޝީދު ހުންނަވަނިކޮށް އެ މަނިކުފާނަށް ވެސް ސިޓީއެއް ފޮނުވި އެވެ.

"އެ ސިޓީގެ ޖަވާބުގައި އައީ އެކަން ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އަންގައިގެން މަސައްކަތް ކުރާނަމޭ. އެކަމަކު ކަމާ ގުޅޭ އެއްވެސް އިދާރާއަކުން މިއަދާ ހަމައަށް ވެސް އަޅުގަނޑާ ސުވާލެއް ކޮށްނުލާ،" ހާމިދު ބުންޏެވެ.

އޭނާ ބުނީ ވާނީ މީހުން ކުޑަހުވަދު އަށް ބަދަލުކުރުމާ ގުޅިގެން އެ ރަށު މީހުން ކުއްޔަށް އުޅޭތީ ކޮންމެ އާއިލާއަކަށް 2،000ރ. ގެ އެލަވަންސެއް ވެސް ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އެކަމަކު އެ އެލަވަންސް އޭނާ އަށް ނުލިބޭ ކަމަށާއި އެ މައްސަލަ ކޯޓަށް ވެސް ލާފައިވާ ކަމަށް ބުންޏެވެ.

"އެ ދެމުންދާ 2،000ރ. ގެ އެލަވަންސް އަޅުގަނޑަކަށް ނުލިބޭ. އެ މައްސަލަ ކޯޓަށް ލައިގެން އަޑުއެހުމެއް ނުބާއްވާ. އެހެންވީމަ މިކަހަލަ ބައިވަރު އުނދަގޫތަކެއް އެބަހުރި،" ހާމިދު ބުންޏެވެ.

"އަޅުގަނޑަކީ ހަމަ ރާއްޖޭގައި ރެފިއުޖީއެއްގެ ގޮތުގައި އުޅޭ މީހެއް. އެންމެ ފަހުން ވޯޓުލީ އިރު ވެސް އަޅުގަނޑަކަށް ވޯޓެއް ނުލެވުނު. ވާނީވީމަ.. އަމިއްލަ ރަށުގައި ކުއްޔަށް މިއުޅެނީ،"

ހާމިދުގެ އައިޑީކާޑުގައި އަދިވެސް އޮތީ ވާނީގެ އެޑްރެހެވެ.

އޭނާ ބުނި ގޮތުގައި ކުޑަހުވަދޫގެ ދަފްތަރުގައި ޖެހެން އަންގާފައިވެ އެވެ. އެކަމަކު އެކަން ކުރަން ބޭނުން ނުވާ ސަބަބަކީ ދަފްތަރުވެ ރަޖިސްޓްރީވާނެ ތަނެއް ދައްކާފައި ނުވުމެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ ދަފްތަރުވާކަށް. އާދަމް ޝަރީފް އުމަރު ސޮއިކޮށްފައި އެބައިން ސިޓީއެއް ފޮނުވާފައި ހާމިދު ހުސެއިން ދަފްތަރު ވާށޭ. އަޅުގަނޑު ދެންނެވީ އަޅުގަނޑަކީ އަމިއްލަ ގެދޮރު ހުރި މީހެކޭ. ދައުލަތުން ދަފްތަރު ވާން އަންގަނީ ކަމަށްވާ ނަމަ އަޅުގަނޑަށް ދަފްތަރުވެ ރަޖިސްޓްރީވާން ތަން ދައްކާށޭ،" ހާމިދު ބުންޏެވެ.

ވާނީން މީހުން ބަދަލުކުރިއިރު ގައިޑްލައިނެއް ހަދާފައި އޮތެވެ. އެކަމަކު އެއާ ހިލާފަށް ކަންކަން ކުރި ކަމުގެ ތުހުމަތު އޭނާ ކުރާ ސަބަބަކީ ގޯތިތައް އެއް އާއިލާއަކުން ތިން ހަތަރު މީހުންނަށް ވެސް ދީފައި ވުމެވެ. ހުރިހާ މައްސަލަތަކެއް ދިމާވީ އެ ހިސާބުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ކުޑައިރު ވާނީގައި ފަޅުގެ ހުރި މީހުންނަށް ވެސް ގެ ދީފައި އެބަހުރި. އެއް ގެއަކުން މަންމަ އާއި ބައްޕަ އާއި އެހެން މީހުންނަށް ވެސް ދީފައި އެބަ ހުރި. އެކަމަކު މި ބުނާ ގައިޑްލައިނުގައި އޮންނާނެ ކޮންމެސް އެކަކު ދޫކޮށްލަން ޖެހޭނެއޭ. މި ގައިޑްލައިނާ އެއްގޮތަށް ދިޔަ ނަމަ ނެތޭ މައްސަލައެއް އަޅުގަނޑުގެ ވެސް،" ހާމިދު ބުންޏެވެ.

ދ. ކުޑަހުވަދޫ: މި ރަށުން ވާނީ މީހުންނަށް ދިން ބައެއް ގޯތިތައް ރަޖިސްޓްރީ ނުކުރެވޭ ކަމުގެ ޝަކުވާ އެބަ އޮތް-- ފޮޓޯ: ރިޗީ މޯލްޑިވްސް / ފޭސްބުކް

ދ. ކުޑަހުވަދޫ: މި ރަށުން ވާނީ މީހުންނަށް ދިން ބައެއް ގޯތިތައް ރަޖިސްޓްރީ ނުކުރެވޭ ކަމުގެ ޝަކުވާ އެބަ އޮތް-- ފޮޓޯ: ރިޗީ މޯލްޑިވްސް / ފޭސްބުކް

ހާމިދު ފަދައިން އަމިއްލަ ގެއެއްގެ އެޑްރެސް ރަސްމީކޮށް ނުލިބި، ކުއްޔަށް އުޅޭ ވާނީގެ 13 ވަރަކަށް އާއިލާ އެބަ އުޅެ އެވެ.

އެ މީހުންގެ ޝަކުވާއަކީ ވެސް ލޯނު ނުލިބުމާއި ރަޖިސްޓަރީ ނެތުމުން އުފުލަންޖެހޭ ތަކުލީފުތަކުގެ ވާހަކަ އެވެ.

"މިހާރު ފެނަކައިން ކަރަންޓު ބޭނުންވިޔަސް ގޭގެ ފެން ގުޅަން ވިޔަސް އަހަރެމެން ދާންވީ ފުރަތަމަ ކައުންސިލަށް ލިޔުމެއް ހޯދަން. ކައުންސިލުން ލިޔުމެއް ދިނިއްޔާ ކަރަންޓު ވެސް ލެވޭނީ ފެން ވެސް ލެވޭނީ،" އިތުރު މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ގޭގެ ރަޖިސްޓަރީ ނުހެދި އޮތީ އެ މީހުންގެ މާމައަށް ވާނީން ލިބުނު ގެ އާއި ކުޑަހުވަދޫން ލިބުނު ގެ އެއްކޮށްލުމުން ނޫން ގޮތަކަށް އެކަން ނުވާނެ ކަމަށް ބުނެފައި އޮތުމުންނެވެ.

އެކަމަކު އެއީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށާއި އެހެންވެ އެގޮތަށް އެއްބަސްނުވެވޭތީ އެ ގޭގެ ރަޖިސްޓަރީ ހަދައިދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާއަކީ މިހާރު ކުޑަހުވަދޫ މީހަކަށް ވިޔަސް އައިޑީކާޑު ވެސް އޮތީ ރަށުގައި ނެތް ގެއެއްގެ މައްޗަށް ހަދައިދީފައި ކަމަށެވެ.

"ކައުންސިލުން މި ބުނީ މިހާރު މި ލިބިފައި ހުރި ގެއަށް ކިޔަން ބޭނުން ނަމެއް ޖަހާފައި އައިޑީކާޑު ހެއްދޭނެ ކަމަށް. އެހެންވީމަ ގެއަށް ކިޔަން ބޭނުންވާ ނަން ޖެހީމަ ކައުންސިލުން ސްޓޭމްޕްކޮށްފައި ޖަހައިދިނީމަ ޑީއެންއާރުން އައިޑީކާޑު ހައްދައިދޭނެތާ،" އޭނާ ބުންޏެވެ.

ކޮންމެ ސަރުކާރެއްގައި ހައްލުކުރަން އުޅުނަސް ރަށްވެހިކަން ނުލިބުނު

ވާނީގެ އިތުރުން ރ. ކަނދޮޅުދު އާއި ތ. ވިލުފުއްޓަކީ ވެސް ސުނާމީގައި ސުންނާފަތިވި ދެ ރަށެވެ. ކަނދޮޅުދޫ މީހުން އާބާދުކުރި ދުވާފަރާއި ވިލުފުށީގައި ވެސް ބޯހިޔާވަހިކަން ހޯދައިދޭން ގޯތި އިމާރާތްކުރިޔަސް އެ މީހުންގެ ނަން މައްޗަށް އެ ތަންތަން ބަދަލުކުރުމަށް އެކި ސަރުކާރުތަކުގައި އެ މީހުން އާދޭސް ކުރި އެވެ.

ނަމަވެސް ސުނާމީ ކާރިސާ އަށް 20 އަހަރު ވެގެންދާއިރު ވެސް އެކަމަށް ހައްލެއް ނުލިބުނެވެ. އެ މުއްދަތުގައި ސަރުކާރުތަކުން ވައުދުވިޔަސް ސަރުކާރުތައް ބަދަލުވެ ދިޔައީ އެވެ. އެކި މަސައްކަތްތައް މިކަން ހައްލުކުރަން ކުރެވުނަސް ނަތީޖާއެއް ނުނެރެވެ އެވެ.

ތ. ވިލުފުށި: މި ރަށުގެ އެންމެނަށް ވެސް އެކި ސަބަބުތަކާ ހުރެ އަދިވެސް ރަޖިސްޓްރީ ހަމަނުޖެހޭ.-- ފޮޓޯ: ނިޒާރު ފޮޓޯގްރަފީ/ ފޭސްބުކް

ތ. ވިލުފުށި: މި ރަށުގެ އެންމެނަށް ވެސް އެކި ސަބަބުތަކާ ހުރެ އަދިވެސް ރަޖިސްޓްރީ ހަމަނުޖެހޭ.-- ފޮޓޯ: ނިޒާރު ފޮޓޯގްރަފީ/ ފޭސްބުކް

ސުނާމީގައި އެންމެ ބޮޑަށް ހަލާކުވި ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށް އެ ރަށުގައި އިމާރާތްކުރި 676 ގޭގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަދި ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމާ ބެހޭ އުސޫލެއް ގެޒެޓްކޮށް، އެ މަސައްކަތް އޮގަސްޓް 2019 ގައި ފެށި އެވެ.

ހިޔާލުތަފާތުވުން ބޮޑުވި އެ މައްސަލާގައި ކައުންސިލާއި އެކި ސަރުކާރުތަކާ އެތައް މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު މިދިޔަ ވެރިކަމުގައި، އެ އުސޫލާ އެއްގޮތަށް ގިނަ މަސައްކަތްތައް ފަށައި މިހާރު އެ ރަށުގެ ގިނަ ގެތައް ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. ރަށަށް އަލަށް އުފަންވާ ކުދިންގެ ވެސް ދުވާފަރަށް ދަނީ ރަޖިސްޓަރީ ކޮށްދެމުންނެވެ.

އެކަމަކު ކުޑުހުވަދޫ އެކޭ އެއްގޮތަށް ދުވާފަރާއި ވިލުފުށީގެ ހުރިހާ ގެއެއް ވެސް އަދިވެސް ރަޖިސްޓަރީކޮށް ނުދެވެ އެވެ. ގެތައް ހަވާލުކުރިތާ ގާތްގަނޑަކަށް 16 އަހަރުވި އިރު ބައެއް މީހުން ތިބީ އަމިއްލަ އެޑްރެހެއް ނެތި އެވެ.

ރ. ދުވާފަރު: ކަނދޮޅުދޫ ރައްޔިތުން މި ރަށަށް 2008 ވަނަ އަހަރު ބަދަލުކޮށް ދިރިއުޅެމުން އަންނައިރު އަދިވެސް އެންމެންގެ ރަޖިސްޓްރީ ހަމަނުޖެހޭ.

ރ. ދުވާފަރު: ކަނދޮޅުދޫ ރައްޔިތުން މި ރަށަށް 2008 ވަނަ އަހަރު ބަދަލުކޮށް ދިރިއުޅެމުން އަންނައިރު އަދިވެސް އެންމެންގެ ރަޖިސްޓްރީ ހަމަނުޖެހޭ.

ދުވާފަރު ކައުންސިލުގެ ނައިބް ރައީސް އިޒްމީލް އަހުމަދު ވިދާޅުވީ ރައީސްގެ ގަރާރަކުން ކަނދޮޅުދުއަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅިއިރު އެ ރަށުގެ ރަޖިސްޓަރީ އޮތް މީހުންނަށް ގޮތެއް ހޯދައިދެވިފައި ނުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

ނަމަވެސް މިހާރު ރަށުގައި ގޯތި އޮތް މީހުންގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މިހާރު ރަޖިސްޓަރީ ނުހެދި އޮތީ ގޯތި ބެހުމަށް ކޯޓަށް ލާފައިވާ ތަންތަނާއި އެ ކަމަށް އެދި ހުށަހަޅާފައި ނުވާ ތަންތަނުގެ ކަމަށް ވިދާޅުވި އެވެ.

ހައްލުކުރަން ސަރުކާރާ އެކު އަނެއްކާ ވެސް މަޝްވަރާތަކެއް

އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޑަހުވަދޫ ކައުންސިލާއި ދުވާފަރު އަދި ވިލުފުށީ ކައުންސިލުން ވެސް ބުނެ އެވެ.

ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުالله ހަމީދު ވިދާޅުވި ގޮތުގައި ވާނީން އެންމެ ފަހުން މީހުން ބަދަލުކުރިއިރު އެކަންކަން ކޮށްފައި ވަނީ އޭރު އޮތް ވާނީ ކައުންސިލުން ހެދި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ރަޖިސްޓްރޭޝަން މައްސަލާގައި ދިމާވެފައި ވަނީ އޭރު ގެންދިޔަ އުސޫލާ މެދު އޮތް ހިތްހަމަނުޖެހުމެއް އޮތުމުން ކަމަށް ވިދާޅުވި އެވެ.

"ރަޖިސްޓްރޭޝަން މައްސަލާގައި ދިމާވެފައި ވަނީ އޭރު އެ މީހުން [ވާނީ ކައުންސިލުން] ގެންދިޔަ އުސޫލަށް ތަވާބި އެންމެންގެ ރަޖިސްޓްރީ ހުންނާނީ ހެދިފައި. އެކަމަކު މިހާރު ރަޖިސްޓްރީ ނުހެދި ހުރި ތަންތަނަކީ އެ އުސޫލަށް ރަޖިސްޓްރީ ހައްދަން ބޭނުން ނުވާ މީހުން،" އޭނާ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫ-- ފޮޓޯ: ރިޗީ މޯލްޑިވްސް / ފޭސްބުކް

ދ. ކުޑަހުވަދޫ-- ފޮޓޯ: ރިޗީ މޯލްޑިވްސް / ފޭސްބުކް

ޖާދުالله ވިދާޅުވި ގޮތުގައި މައްސަލަ ދިމާވީ އޭރު ކަންތައްތައް ކުރެވުނު ގޮތުން ދިމާވެފައިވާ އިދާރީ މައްސަލަތަކާ ހެދި އެވެ.

"ހިޔާލުތަފާތުވުމުގެ ތެރެއިން އެ މައްސަލަ ދިމާވެގެން އުޅެނީ. އެ ޕްރޮސެސްގެ ތެރެއިން މިހާރު ވެސް ދާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އިންނާނެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

އެ ގޮތަށް އެކަން ހިނގާފައި އޮތަސް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖާދުالله ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި ވެސް ދެ ފަހަރެއްގެ މަތިން ވަޒީރާ [ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު] ވެސް ބައްދަލުކޮށްގެން މިކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފިން،" އޭނާ ވިދާޅުވި އެވެ.

ޖާދުﷲ ވިދާޅުވި ގޮތުގައި މިނިސްޓަރު ވަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވައި އެ މައްސަލަ ހައްލު ކޮށްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މައްސަލައެއް އުފެދިފައި އޮންނަ ކަމެއް ވިއްޔާ މީގެ ފެށުމުން ފެށިގެން ވެފައި އޮތް ގޮތާއި ހައްލުކުރެވޭނެ ގޮތް ހޯދަން އެބަ ޖެހޭ. މާނައަކީ އިތުރު މައްސަލައެއް ނުއުފެދޭނެ ގޮތަކަށް ހައްލުކުރުމަށް ބެލުންތަކެއް ބަލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް ކުޑަހުވަދޫ ކައުންސިލެކޭ އެއްގޮތަށް ދުވާފަރު ކައުންސިލާއި ވިލުފުށީ ކައުންސިލުން ވެސް މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ. ސަރުކާރާ އެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ދެ ކައުންސިލުން ވެސް ބުންޏެވެ.

ސުނާމީގައި ގެއްލުނު އެޑްރެހުގައި އަދިވެސް ބައެއް މީހުން ތިބިއިރު އެ މީހުންގެ އުއްމީދަކީ އަލުން އާބާދުވި ތަނުން ރަށްވެހިކަން ލިބި، ހަމަޖެހުމެއް ލިބުމެވެ.