ތ. ވިލުފުށި ދޮންވެލިގޭ މުހައްމަދު ރަޝާދު އިނީ އެ ދުވަހު މަހަށް ނުކުތުމާ މެދު ދެ ހިޔާލެއްގަ އެވެ. އަނބިދަރިން ކައިރީ މަޑުކޮށްލަން އޭނާގެ ހިތަށް އެރި އެވެ. އެކަމަކު ނިންމީ އެހެން ދުވަސްތަކެކޭ އެއްގޮތަށް މަހަށް ފުރާށެވެ.
26 ޑިސެމްބަރ 2024
ތ. ވިލުފުށި ދޮންވެލިގޭ މުހައްމަދު ރަޝާދު އިނީ އެ ދުވަހު މަހަށް ނުކުތުމާ މެދު ދެ ހިޔާލެއްގަ އެވެ. އަނބިދަރިން ކައިރީ މަޑުކޮށްލަން އޭނާގެ ހިތަށް އެރި އެވެ. އެކަމަކު ނިންމީ އެހެން ދުވަސްތަކެކޭ އެއްގޮތަށް މަހަށް ފުރާށެވެ.
އެއީ ޑިސެމްބަރު 26، 2004 ގެ ފަތިހެވެ. ވައިރޯޅި ލުއި، ކަނޑު މަޑު ދުވަހެކެވެ.
ރަޝާދު އާއި ދެތިން މީހަކު ލޯންޗަކަށް އަރައިގެން އެން ހިފަން ނުކުމެ ފުރަތަމަ ތިބީ ވިލުފުށީ ކައިރީ އޮންނަ ފަޅު ރަށަކާ ދިމާލުގަ އެވެ. މި މަޑު ކަނޑުގެ ފުންކަމުގައި ފޮރުވިފައި ވަނީ ކޮންފަދަ ބިރުވެރިކަމެއްކަން އޭރަކު ނޭނގެ އެވެ.
ރަޝާދު މޫދަށް ފުންމާލި ވަގުތު އޭނާ އަށް ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. ކަނޑުގެ ލޮނުގަނޑު އޮތީ އެއްކޮށް ކެކިގަނެ ހުދު ފޮނަށް ވެފަ އެވެ. އެއީ ދުވަހަކު ވެސް ފެނުނު މަންޒަރެއް ނޫނެވެ. ކެޔޮޅަކަށް ހުރި މީހާ "އެއީ އިރުވައިގެ އޮއެވަރެއް އަންނަނީ ކަމަށް ވެދާނޭ..." ގޮވާލި އަޑު ފޭދިގެން ދިޔައީ ރަޝާދަށް ވިލުފުއްޓާ ދިމާލަށް އެނބުރި ބަލައިލެވުމުންނެވެ.
ރަޝާދު "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ރަށެއް ނެތް. ރަށް އޮތީ އަޑީގައި.. އޭރު ފެނޭ ފީފާތަކާއި ކަޅު ހަންތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދާ މަންޒަރު. އަޅާފަ ހުރި އޮޑިދޯނި ފަހަރުތައް ވެސް މީހެއް ނެތި ފައިބައިގެން ދާ މަންޒަރު،" އެ ހަނދާންތައް އާ ކުރަމުން ރަޝާދު ކިޔައިދިނެވެ.
"އަހަރެންގެ ހިތަށް ފުރަތަމަ ވެސް އެރީ މަގޭ އަނބިދަރިންގެ ހާލަކީ ކޮބާހޭ"
ލޯންޗަށް އެރިގޮތަށް ފުލް ސްޕީޑުގައި ރަށާ ދިމާލަށް މިސްރާބު ޖެހި އެވެ. ވިލުފުށީ މަލަމަތިން ފެންނަ މަންޒަރުތަކުން ރަޝާދުގެ ހިތަށް ވެރިވަމުން ދިޔައީ ބިރުވެރިކަމެވެ. ގަސްތަކާއި ގެތައް ބިމާ ހަމަވެފައި ހުރި މަންޒަރު ފެންނަން ފެށި އެވެ.
ހުއްޓި ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ލޯންޗު ވަކި ހިސާބަކާ ކައިރިވި ތަނާހެން ފަޅު ތެރެއަށް ފުންމާލައި ފަތާފައި ގޮސް ރަށަށް އެރި އެވެ.
"އެހެން އެއްވެސް ހިޔާލެއް ބޮލުގަ ނެތް. ކުދިންނާ އަނބިމީހާ އާ މެދު ވިސްނެނީ.. އެ މީހުން ކޮބައިތޯ ހިތަށް އަރަނީ. އަހަންނަށް ހުރީ އެހެން ކަހަލަ ބާރެއް އަރާފައި."
ރަށަށް އެރި އިރު އޭނާ އަށް ހުރެވުނީ އެއްގަމުގައި، އެކަމަކު ކަކުލުން މައްޗަށް ލޮނުގަނޑުގަ އެވެ. މަޑުމަޑުން ދެ ފަރާތް ބަލަމުން ރަޝާދު އޭނާގެ ގެއާ ދިމާލަށް ހިނގަން ފެށި އެވެ. ގެތަކާއި ފާރުތައް ވެއްޓި އިމާރާތްތައް ބިމާހަމަވެފައި އޮތް މަންޒަރުން އޭނާގެ ހިނގުން ބާރުވެ ވަކި ހިސާބަކުން މުޅި ރަށް ވަށައި ދުވަން ފެށީ އެވެ.
ރަޝާދު ބުނި ގޮތުގައި އެ ދުވަހު އޭނާ ދަންނަ މީހުން މަރުވެފައި ތިބި މަންޒަރު ލޮލަށް ފެނުނެވެ. ބައެއް މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު މީހުންނަށް އެހީވާން އުޅުމަށް ވުރެ ބޮޑަށް އޭނާގެ އަނބިދަރިންނާ މެދު ފިކުރު ކުރެވޭ ވަރު ބޮޑެވެ. ފެނުނު ކަންކަމުން މީހާ އެކީ މާޔޫސްވެ ހާސްކަމެއްގެ ތެރެއަށް ގެނބިއްޖެ އެވެ.
"ކުއްލިއަކަށް ހަމަ ވަރަށް ބޮޑަށް މާޔޫސްވެއްޖެ. ވަރަށް ބޮޑަށް ދެރަވެއްޖެ."
ލޮނުގަނޑުގެ ތެރޭ ދެކޮޅަށް އެނބުރެމުން ދުވަމުން ދަނިކޮށް ރަޝާދުގެ ހިތަށް ކުޑަ ވެސް ތަސައްލީއެއް ލިބުނީ މާ ދުރުން އޭނާގެ އަނބިމީހާ ހަދީޖާ އާދަމް ފެނުމުންނެވެ. އެކަމަކު އެއްވެސް ކުއްޖަކު އޭނާ ކައިރިއަކު ނެތެވެ.
ސުނާމީ އެރި އިރު ވިލުފުށީގައި ރަޝާދު އާއި ހަދީޖާގެ ތިން ކުދިން ތިއްބެވެ. އެ މީހުންގެ އެންމެ ދޮށީ ދަރި ހުރީ މާލޭގަ އެވެ. ރަށުގައި ހުރީ 16 އަހަރުން ދަށުގެ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
"އަހަރެން ދިޔަ ގޮތަށް އަހައިފިން ކޮބާ ހޭ ކުދިންތައް. ހަދީޖާ ދަނޑާ ދިމާލަށް އިނގިލި ދިއްކޮށްފައި ބުނި ދެ ކުއްޖަކު ހުއްޓޭ އެ ދިމާލުގައި. ތިން ވަނަ ކުއްޖާ އަދިވެސް ނުފެނެ އޭ."
އެހާ ހިސާބުން ރަޝާދު ނިންމީ އަނބިމީހާ އާއި ކުދިވެރިން ރައްކާތެރި ސަރަހައްދަކަށް ގެންދާށެވެ. އަދި ގެއްލިގެން އުޅޭ، ދެވަނަ އަށް ހަގަށް ހުންނަ މަރިޔަމް އަރީކާ ހޯދުމަށެވެ.
ހަދީޖާގެ ސުނާމީގެ ހަނދާތައް "މިހާރު" ގެ ނޫސްވެރިންނަށް ކިޔައިދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަޝާދު ބުނި ގޮތުގައި އެއީ ބައެއް ދޯނިތަކުން މީހުން ފުރައިގެން ކައިރި ރަށްރަށަށް ދާން ފެށި ވަގުތެވެ. ރަށު ތެރޭގައި ދެމަފިރިން އަރީކާ ފެނޭތޯ ހޯދުމަށް ފަހު ވަކި ހިސާބަކުން ހަދީޖާ އާއި އޭނާގެ މަންމަ އަދި ދަރިންތައް ދޯންޏަކަށް އަރުވައި ފުރުވައިލި އެވެ.
"މަންމަ އަކީ ވެސް ނުހިނގޭ، ބަލި މީހެއް. ދަރިންތައް ވެސް މި ހުރީ ހުރި ހާލެއްގައި. ކޮންމެވެސް އެއްބައެއްގެ ފުރާނަ އަށް ވިސްނަން ޖެހޭ. އެހެންވެ ރަޝާދު މިކޮޅުގައި ބަހައްޓާފަ އަހަރެން ފުރައިގެން ދިޔައީ،" ހަދީޖާ ބުންޏެވެ.
ރަޝާދު އެނބުރި ރަށު ތެރެއަށް ވަދެ ހޮޅިދަނޑިތަކާއި ވެއްޓިފައި ހުރި ފާރުތަކުގެ ދަށް ބަލައި އަރީކާ ހޯދަމުން ދިޔަ އެވެ. އަޑު ކޮޅަށް އަރީކާގެ ނަން ގޮވައި މީހުން ކައިރީ އަހައި ސުވާލު ކުރަމުން ދިޔަ އެވެ.
އެ ހާލުގައި ވިލުފުށީގައި އެ ދުވަހު އުޅުނީ ރަޝާދު އެކަންޏެއް ނޫނެވެ. ބަލައިލި ކޮންމެ ދިމާލަކުން އެންމެންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތާމަ އެވެ. މަންމައެއް ބައްޕައެއް ނުވަތަ ދަރިފުޅެއް ގެއްލި ނުވަތަ މީހަކު މަރުވެގެން އުޅޭ މަންޒަރެވެ. ހަމަހިމޭން ވިލުފުށީގެ ތާރީހުގައި ފެނިގެން ދިޔަ އެންމެ ހިތާމަވެރި ދުވަހެވެ. ބޮޑު ރާޅަކުން ވިލުފުށި ވެއްޔަށް ހަދާލި ދުވަހެވެ.
ދުވަހުގެ ބޮޑުބައި ނިމިއްޖެ އެވެ. އިރު އުދަރެހާ ހަމައަށް ތިރިވެއްޖެ އެވެ. އަދިވެސް އަރީކާގެ އެއްވެސް ހަބަރެއް ނުވެ އެވެ. ދަރިފުޅު ނުފެނިގެން ރަށު ތެރޭ އުޅެނިކޮށް އިރު އޮއްސި އެއްކޮށް އަނދިރިވެއްޖެ އެވެ.
އެތައް ޒަމާނެއް ވަންދެން މީހުން އުޅެމުން އައި ރަށް ހިނދުކޮޅެއްގެ ތެރޭ ފަޅުވީ ކަމުގެ އިހުސާސްވީ އެ ހިސާބުންނެވެ. އެއްވެސް އަލިކަމެއް ނެތެވެ. މީހަކު ފެންނާނެ އަދި ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. ދިރުމެއް ނެތެވެ. މުޅި ރަށް އޮތީ މަރުވެފަ އެވެ. ރަށުގައި ހުރީ ކޮޅަށް ހުރި އެންމެ މިސްކިތަކާއި ބަނދަރުމަތީ ތިބި ދެތިން މީހުންނެވެ. ދެން، މަރުވެފައިވާ މީހުންގެ ހަށިތަކެވެ.
ހިތްދަތިކަމާއި ވަރުބަލި އަޑަކުން އަރީކާ އަށް ގޮވަމުން ގޮސް ރަޝާދު ދޯންޏަކަށް އަރައި އިށީނދެލި އެވެ. އެ ދޯނީގެ މީހުން ކައިރީ ވެސް ސުވާލު ކޮށްލެވުނީ އަރީކާއާ ބެހޭ ގޮތުންނެވެ. އިރުކޮޅެއް ތެރޭގައި މީހާގެ ވަރުބަލިކަން ބޮޑުވެ ނިދިއްޖެ އެވެ.
ހޭލެވުނީ މީހަކު ގޮވާލި އަޑަށެވެ. ޖެހިގެން އޮތް ރަށް ކައިރިން މަރުވެފައި އޮތް ކުއްޖަކު ފެނުނު ވާހަކަ އޭނާ އެބަ ބުނެ އެވެ.
"ބަލައިލި އިރު އެއީ އަރީކާގެ ހަށިގަނޑު..."
އެވަގުތު ކުރެވުނު އިހުސާސެއް ރަޝާދަށް ކުއްލިއަކަށް ކިޔައެއް ނުދެވުނެވެ. އިރުކޮޅެއް ވަންދެން ހުއްޓިގެން އިނެވެ. އެއަށް ފަހު، 20 އަހަރުގެ ކުރީގެ އެ ހަނދާންތައް، އިއްޔެ ފެނުނު މަންޒަރުތަކެއްހެން ސާފުކޮށް ތަފްސީލުކޮށް ރަޝާދު ކިޔައިދޭން ފެށި އެވެ.
"އަރީކާ ހަމަ އެ ލައިގެން ހުރި އެއްޗިއްސާ އެއްކޮށް އޮތީ. ލޯ ކައިރިން ހުރީ ކަނޑައިގެން ގޮސްފައި. އިތުރު އެއްވެސް އަނިޔާއެއް ނެތް ފެންނާކަށް. މުޅި އިސްތަށިގަނޑު ދިގުކޮށް އޮތް އިރު މުޅި ބޮލާއެއްކޮށް ކިސަޑާއި އޭތި މީތި. ދެން ފެން އަޅައި ސާފުކޮށް ހެދީމާ އެ ކިސަޑުތައް ފިލައި ކޮންމެވެސް ވަރަކަށް ސާފު ވެއްޖެ."
އޭގެ 20 އަހަރު ފަހެވެ. ރަޝާދު މިހާރު އުޅެނީ ފެނަކަ އޮފީހުގަ އެވެ. އެ ދެމަފިރިންގެ ދަރިންތައް ބޮޑުވެއްޖެ އެވެ. އެ މީހުންނަށް ވެސް ދަރިން ލިބި އުފާވެރި ބޮޑު އާއިލާއަކަށް ވެއްޖެ އެވެ.
އެކަމަކު ރަޝާދާއި ހަދީޖާ އަށް އަރީކާގެ ހަނދާންތައް ކުޑަކޮށް ވެސް ފަނޑެއް ނުވެ އެވެ. އަދިވެސް އަރީކާ ހީ ސަމާސާ ކުރާ އަޑާއި ގޭތެރޭގައި ފިލާވަޅު ދަސް ކުރަން އިންނަ މަންޒަރު ފެންނަ ކަހަލަ އެވެ.
ލޯބިވާ ދަރިފުޅު، ބޮޑު ރާޅާ އެކީ ގެއްލިގެން ދިޔުމަކީ އިއްޔެ ހިނގައިދިޔަ ކަމެއް ގޮތުގައި އެ ދެމަފިރިންނަށް އިހުސާސް ކުރެވެ އެވެ. ދުނިޔޭގައި ތިބިހާ ދުވަހަކު އެ ހަނދާންތައް ފިލައިގެން ނުދާނެ އެވެ.
މީހުން ސަލާމަތްކޮށްފައި ބެލި އިރު އާއިލާ ގެއްލިއްޖެ
މަޝްހޫރުވި ފޮޓޯ އިން ނުފެންނަ ހިތްވަރާއި ބަދަލު!
ސުނާމީގައި ގަންބާލި ދިރިއުޅުން މިހާރު މާ މަތީގައި
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު
މަންމަ މި ކިޔައިދެނީ އެ ބިރުވެރި ވަގުތުކޮޅު
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
ވިލުފުށީގައި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެއް
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަނީ
މިސްކިތުގެ ހުރުމަތް ކެނޑި ކަމަށްބުނާ ވާހަކައަކީ ދޮގެއް
މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ